މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަން
ހުވަނދު، އދ. ދަނގެތި

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 އެޕްރީލު 1976ގައި، އަރިއަތޮޅު އަތޮޅު ކޯޓުގެ ޤާޟީކަމުގެ މަގާމުންނެވެ. ރަށުން ބޭރުގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވުމަށް އޭރު ދަތިފުޅުވާތީ، ޤާޟީކަމުގެ މަގާމުން، ދަނގެތީ ކުޑަކަތީބުކަމުގެ މަގާމަށް 29 އޮކްޓޫބަރު 1978 ގައި ބަދަލުވެވަޑައިގަތެވެ. ކުޑަކަތީބުކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވިއިރު ރަށުއޮފީހުގެ އެންމެހައި ލިޔެކިޔުންތައް ލިޔެ ބަލަހައްޓަވަމުން ގެންދެވީ، އަތުން ލިޔުއްވައިގެންނެވެ. މީގެއިތުރުން، ރަށުގައި ކަތީބެއް ނުހުންނަވާ ދުވަސްތަކުގައި ރަށުއޮފީހުން ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވައިފައި ވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ރަށުކޯޓުތައް އުފެއްދެވުމާ ގުޅިގެން، މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަން، ދަނގެތީ ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް 17 ޖުލައި 1979ގައި ބަދަލުވެވަޑައިގެން، ޤާޟީއެއްގެ ހައިސިއްޔަތުން އެވަގުތު ކުރައްވަން ޖެހުނު އެންމެހައި މަސައްކަތްތައް އަމިއްލަފުޅަށް ކުރައްވައިފައިވެއެވެ. އެދުވަސްވަރަކީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށްދަތި އުނދަގޫ ގޮތަކަށް އިދާރީ އަދި ޝަރީޢަތް ހިންގުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރައްވަންޖެހިވަޑައިގެންނެވި ދުވަސްވަރަކަށް ވުމާއެކު، އިދާރީގޮތުން ކުރައްވަން ޖެހިވަޑައިގެންނެވި އެންމެހައި މަސައްކަތްތަކާއި، ނިންމަވަންޖެހޭ އެންމެހައި ޝަރީޢަތްތަކާއި، ކޯޓަށް ހުށަހެޅޭ ވަރިކައިވެންޏާގުޅޭ އެންމެހައި ކަންކަމާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވައިފައި ވެއެވެ. މިގޮތުން، ލިޔުއްވަންޖެހޭ ހުރިހާ ލިޔުމެއްވެސް އަތުން ލިޔުއްވައި، ރައްޔިތުންނަށް ދެއްވަންޖެހޭ ބައެއް ޚިދުމަތްތައް ދެއްވުމަށް ސީދާ ރައްޔިތުން ގާތަށް ވަޑައިގެން ފޯރުކޮށްދެއްވައިފައިވެއެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަނަކީ، ރައްޔިތުންނަށް އެއްވެސް ބުރައެއް ތަކުލީފެއް އުފުލަން ނުޖެހޭ މިންވަރަށް ރަށުކޯޓުން ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް ހަލުވިކަމާއެކުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. ނިންމެވި ޝަރީޢަތްތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް ރައްޔިތެއްގެ ފަރާތުން ހުށަހެޅިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، އަތޮޅުތެރޭގައި މެޖިސްޓްރޭޓުން ނެތް ރަށްރަށުގެ ކޯޓުތަކަށް ވަޑައިގެން، އެރަށްރަށުގެ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ބައްލަވައި، ނިޔާކަނޑައެޅުއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މިގޮތުން، މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަން، އިސް މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން އަތޮޅުތެރެއާއި އަތޮޅުން ބޭރުގެ ރަށްރަށުގައި ނުނިމިހުރި ގިނަ ދުވަސްވެފައިވާ މައްސަލަތައް ބައްލަވައި ނިންމެވުމަށްޓަކައި ޝަރުޢީ ވަފުދުތަކާއެކު ރަށްރަށަށް ޒިޔާރަތްކުރައްވައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަން ރިޓަޔަރ ކުރެއްވީ 3 ޑިސެންބަރު 2012 ގައެވެ. އޭރު 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މަގާމުގައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި ސާބިތުވެ ހުންނަވައިގެން ޝަރުޢީ ދާއިރާއަށް ކޮށްދެއްވައިފައިވާ މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރައްވައި "މެޖިސްޓްރޭޓް ރިޓަޔަރޑް"ގެ ލަޤަބު 26 އޮގަސްޓް 2019 ގައި އަލްއުސްތާޒު ޢަބްދުލްޤާދިރު ޙަސަނަށް ދެއްވައި ތަކްރީމް ކޮށްދެއްވައިފައިވެއެވެ.