ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) މޫސާ އާދަމް
ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) މޫސާ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓްގެ ރޭންކްގައި 25 އެޕްރީލު 1988 ގައެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލް ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް މޭޖަރގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) މޫސާ އާދަމް، ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވަނީ، ކޯސްޓްގާޑުގެ އުޅަނދުފަހަރު ދުއްވުމުގައެވެ. އެގޮތުން ކޯސްޓްގާޑުގެ 8 އުޅަނދުގެ ކެޕްޓަންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއާއި ބޭރުގެ ޢިއްޒަތްތެރިންގެ ސެކިއުރިޓީ ދަތުރުތަކާއި، މާލެއާ ކައިރި ރަށްރަށުގައްޔާއި، ރިޒޯޓުތަކުގައި ހިނގާފައިވާ ހާދިސާތަކުގައްޔާއި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޚިދުމަތުގެ މުއްދަތުގެ ތެރޭގައި، ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) މޫސާ އާދަމް، ރީޖަނަލް ހެޑްކުއާޓަރޒް ޅ. މަޑިވަރު ބޭސް ކޮމާންޑަރުކަމާއި، ކާޑެއްދޫ ބޭސް ކޮމާންޑަރުކަމާއި، ނ. އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނުގެ އިންޗާޖުކަމާއި، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ އިންޗާޖުކަމާއި، ލ. ކައްދޫ ސްކޮޑްރަން ކޮމާންޑަރުގެ އެހީތެރިޔާ ކަމާއި، ކޯސްޓްގާޑު ސްކޮޑްރަންގެ ލޮޖިސްޓިކް އެންޑް މެއިންޓެނަންސް އިންޗާޖުކަން ކުރައްވައިފައި ވެއެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) މޫސާ އާދަމް، ސްކޮޑްރަންއާ ހަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އުޅަނދުފަހަރު މަރާމާތުކޮށް ބެލެހެއްޓެވުމާއި، ކަމާބެހޭ ޔުނިޓުތަކާ ގުޅިގެން އެމަސައްކަތް ރާއްވަވައި ހިންގެވުމާއި، ރޫޓިންގ މެއިންޓެނަންސަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމާއި، އުޅަނދުފަހަރު އޮޕަރޭޝަނަލް ހާލަތުގައި އަބަދުވެސް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) މޫސާ އާދަމް، ޚިދުމަތުގެ މުއްދަތުގައި ޝަރަފުގެ ނިޝާންގެ ގޮތުގައި 11 މެޑެއްޔާއި، 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ތިންފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓް މެޑެއްޔާއި، މިނިވަން
ފަންސާހުގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް - ކޮވިޑް-19 ހިމެނެއެވެ.