އަލްފާޟިލާ މަންޞޫދާ ޢަލީ
ހމ. ހިޔާ 15-02-3

މަންޞޫދާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 ޑިސެންބަރު 1987 ގައި މާލޭ މުނިސިޕަލްޓީގައި 2 ނަންބަރު ކާތިބާގެ މަގާމުންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ ނާދީގެ ކާތިބާ ކަމުގެ މަގާމާއި، އެ އޮފީހުގެ ސީނިއަރ ކުލާރކްގެ މަގާމު އަދާކުރައްވައިފައިވެއެވެ.

މަންޞޫދާ ޢަލީ މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައެވެ. މަންޞޫދާ ޢަލީ ކަސްޓަމްސްގައި ފުރަތަމަ ހުންނެވީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައެވެ. އޭގެފަހުން، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، އަދި ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމު ފުރުއްވައިފައި ވެއެވެ.

މަންޞޫދާ ޢަލީ ކަސްޓަމްސްގެ ވަޒީފާގައި ތަފާތު މަސައްކަތްތައް ކުރެއްވިއެވެ. އަދި މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. މިގޮތުން، ކަސްޓަމްސްގެ އެއަރ ކާގޯ ގައްޔާއި، އެޑްމިނިސްޓްރޭޝަން ސެކްޝަން ގައްޔާއި، އެއަރ ކާގޯ އެގްޒެމިނޭޝަން ގައްޔާއި، ބޮންޑެޑް ވެއަރހައުސް އެގްޒެމިނޭޝަން ގައްޔާއި، ބޮންޑެޑް ވެއަރހައުސް ޑޮކިއުމެންޓޭޝަން ގައްޔާއި، ޑިޕަރޗަރ ޔުނިޓް (ޕެސެންޖަރ ކްލިއަރެންސް) ގައްޔާއި، ނ. މާފަރު ކަސްޓަމްސް ގައްޔާއި، ޕެސެންޖަރ ކްލިއަރެންސް ގައްޔާއި، ސީކާގޯ އެގްޒެމިނޭޝަންގައި މަސައްކަތް ކުރައްވައިފައިވެއެވެ. މަންޞޫދާ ޢަލީ މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޮންޑެޑް ވެއަރހައުސް އެގްޒެމިނޭޝަންގައެވެ.

މަންޞޫދާ ޢަލީއަކީ، ލިބިވަޑައިގެންފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށްވެސް ކަންކަން ކުރަންވީ ރަނގަޅު ގޮތް އަމިއްލަފުޅު ވިސްނުމުން ވިދާޅުވެދެއްވާ ބޭފުޅެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި އެހެން މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތްކުރައްވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގު ވަޒަންކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރެއިން ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚުލާޤީ ކުލައާއި، އިޚުލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ކުލައާއި، 125 އަހަރުގެ ކުލައާއި، ހާޒިރީ ކުލަ މަންޞޫދާ ޢަލީ ވަނީ ހާސިލުކުރައްވައިފައެވެ.