އަލްފާޟިލް ޢަބްދުއްލަޠީފް އިބްރާހީމް
ވައިޖެހޭގެ، ހއ. އުތީމު

ޢަބްދުއްލަޠީފް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހއ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރުގެ ވަޒީފާގައި 14 އޮކްޓޫބަރު 1984 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެތެރޭގައި ޢަބްދުއްލަޠީފް އިބްރާހީމް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ސީނިއަރ ކްލާރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު ހިމެނެއެވެ. ޢަބްދުއްލަޠީފް އިބްރާހީމް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިމާމުގެ މަގާމުގައެވެ. ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ހއ. އުތީމުގައެވެ.

ޢަބްދުއްލަޠީފް އިބްރާހީމް، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ޚިދުމަތްކުރެއްވިއިރު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އަހަރީ ރިޕޯޓް ތައްޔާރުކުރެއްވުމާއި، ތަނުގެ މަރާމާތުގެ ކަންކަން ބެލެހެއްޓެވުމާއި، ޔައުމިއްޔާ ލިޔުއްވުމާއި، ތަފާތު އެކި ތާރީޚުތަކަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމާއި، އެންޓްރީ ކުރުމާއި، ފައިލްކުރުމާއި، ފައިލްތައް ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ. ވަކީން ޚާއްޞަކަމެއްގެ ގޮތުގައި، އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ މެހުމާނުންނަށް ގަނޑުވަރު ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، ގަނޑުވަރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތް ޢަބްދުއްލަޠީފް އިބްރާހީމް ވަރަށް ޝައުޤުވެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، މުވައްޒަފުންނަށް މުސާރަދިނުމާ ގުޅޭ ކަންކަމާއި، ފައިސާއާ ގުޅޭ ފޮތްތަކާއި އެނޫން ކަންކަމާބެހޭ ފޮތްތައް ބެލެހެއްޓެވުމާއި، ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތްވެސް ޢަބްދުއްލަޠީފް އިބްރާހީމް ކުރައްވައިފައި ވެއެވެ. މި ކަންކަމުގެ އިތުރުން، އެވަގުތަކު އޮފީސް ހިންގަވަން ހުންނަވާ ވެރިއަކު ޗުއްޓީ ނެންގެވުމުން، ހަނދާނީ މަރުކަޒުގެ ހިންގުމުގެ މަސްއޫލިއްޔަތާއި، ޒިންމާވެސް ވަރަށް ގިނަފަހަރުމަތިން ނަންގަވައިފައި ވެއެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ޢަބްދުއްލަޠީފް އިބްރާހީމް ޚިދުމަތް ކުރައްވައިފައިވަނީ، ކަމަށްކަމޭހިއްތަވައިގެން، ހީވާގިކަމާއި މުރާލިކަމާއި، އިޚުލާޞްތެރިކަމާއި، ވަފާތެރިކަމާއި ޝައުޤުވެރިކަމާ އެކުގައިވެސް މެއެވެ. އަދި ޚިދުމަތްކުރެއްވީ، ވަޒީފާގެ މާހައުލުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، އެހެން މުވައްޒަފުންނާ ގުޅިގެން، ތަނަށް ރީތިނަން ހޯދައިދެއްވުމަށް އިސްކަން ދެއްވައިގެންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޢަބްދުއްލަޠީފް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވުމަށާއި، މަސައްކަތުގެ ސްޕީޑު އަވަސްކުރެވޭނެ ގޮތްތަކަށް ބާރުއަޅުއްވައިގެން މަސައްކަތްކުރެއްވުމަށް ވަރަށްބޮޑަށް އިސްކަން ދެއްވިއެވެ.

މިހާރު ޢަބްދުއްލަޠީފް އިބްރާހީމް ހުންނެވީ، އިމާމެއްގެ މަގާމުގައި ކަމުގައިވާތީ އެންމެބޮޑު ސަމާލުކަމެއްދެއްވަނީ، ނަމާދު ވަގުތުތަކަށް ގަޑިނުޖެހި މިސްކިތަށް ހާޒިރުވެވަޑައިގަތުމަށެވެ. ހަމައެއާއެކު، މިސްކިތް ސާފުކުރަން ހަވާލުވެފައިވާ މީހުން ލައްވައި، ނަމާދުވަގުތުތަކަށާއި، އަދި އެނޫންވެސް ވަގުތުތަކުގައި މިސްކިތް ސާފުކޮށް ރީތިކޮށް ބެލެހެއްޓެވުމަށްވެސް އިސްކަން ދެއްވައެވެ. މީގެއިތުރުން، ރައްކާތެރިކަމާއެކު މިސްކިތުގެ ސައުންޑް ބެލެހެއްޓެވުމާއި، މިސްކިތުގައި ދެއްވާ ދަރުސްތަކަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވައެވެ.

މިސްކިތުގެ އިމާމަކީ، އެހެންމީހުންނަށް ނަމޫނާ ދައްކަންޖެހޭ މީހަކަށްވުމާއެކު، މީހުންނާ މުޢާމަލާތު ކުރެއްވުމުގައި އަދަބު އަޚުލާޤާއި ސުލޫކީ މިންގަނޑުތަކަށް ޢަބްދުއްލަޠީފް އިބްރާހީމް ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވައެވެ.