ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު
ދަފްތަރު. ނަންބަރު ރސ 6340، މާލެ

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ފެބުރުވަރީ 1988 ގައި ބ. ގޮއިދޫ ކޯޓުގެ މަސައްކަތު މީހެއްގެ ވަޒީފާގައެވެ. އޭގެފަހުން، 26 ޖަނަވަރީ 1989ގައި، އެން.އެސް.އެސް.ގެ ވަޒީފާއާ ގުޅިވަޑައިގެން، ޕްރައިވެޓެއްގެ ރޭންކްގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގައި، އެމް.އެން.ޑީ.އެފް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް މޭޖަރގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަޙްމަދު ޝަހީރު މިހާރު ހުންނެވީ، ކޮމާންޑް ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު، ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވަނީ، ކޯސްޓްގާޑުގެ އުޅަނދުފަހަރު ދުއްވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާއާއި ބޭރުގެ ޢިއްޒަތްތެރިންގެ ސެކިއުރިޓީ ދަތުރުފުޅުތަކާއި، ސާރކް ސަމިޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން، ފަޔަރ އެންޑް ރެސްކިއު ލޯންޗުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ކަނޑުމަތީގައްޔާއި، މާލެއާ ކައިރި ރަށްރަށުގައްޔާއި، ރިޒޯޓުތަކުގައި ހިނގާފައިވާ ހާދިސާތަކުގައްޔާއި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް އަޙްމަދު ޝަހީރު ކުރައްވައިފައި ވެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު ފުރިހަމަ ކުރައްވައިފައިވާ ޓްރެއިނިންގ ތަކުގެ ތެރޭގައި، ސްޕެޝަލް ޓާސްކްފޯސް ޓްރެއިނިންގއާއި، ބޭސިކް ފަޔަރ ފައިޓަރ ޓްރެއިނިންގއާއި، ޑްރިލް އިންސްޓްރަކްޓަރ ޓްރެއިނިންގއާއި، ކޯސްޓަލް ނެވިގޭޝަން ކްލާސް 5ގެ ކޯހާއި، ޕޮލިސް ސްޓޭޝަން މެނޭޖްމަންޓް ކޯހާއި، އިމާމު ކޯސް ލެވެލް 3 އަދި ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީޒް ހިމެނެއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު، ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ހައިސިއްޔަތުން އެމް.އެން.ޑީ.އެފް.ގެ އޭރިޔާ ކޮމާންޑްތަކުގައްޔާއި، ކޯސްޓްގާޑުގައި މަސައްކަތްކުރައްވައިފައި ވެއެވެ. އަދި މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ، އެމް.އެން.ޑީ.އެފް.ގެ ކޯސްޓްގާޑުގެ ކޮމާންޑް ސާރޖަންޓް މޭޖަރގެ ގޮތުގައެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރު ވަނީ، މުވައްޒަފުންގެ އަޚުލާޤާއި، ސުލޫކު ރަނގަޅުކުރުމަށާއި، އެމީހުންނަށް ރަނގަޅުމަގު ދައްކުވައިދެއްވުމަށާއި، ވެލްފެއަރގެ އެންމެހައި ކަންކަން ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވައިފައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޝަހީރުގެ ޚިދުމަތުގެ މުއްދަތުގައި ޝަރަފުގެ ނިޝާންގެ ގޮތުގައި 10 މެޑެއްޔާއި، 8 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚްލާޤީ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ ލިބިވަޑައިގެންފައި ވެއެވެ. އަޙްމަދު ޝަހީރަށް، އަޚުލާޤީ ކުލަ ތިންފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.