އަލްފާޟިލް އިސްޙާޤު އަޙްމަދު
އިސްޙާޤު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޓްރެއިނީއެއްގެ ވަޒީފާގައި 22 ސެޕްޓެންބަރު 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ސަރވެޔަރގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، މާލޭ ސިޓީ ކައުންސިލް އިދާރާގެ ޑިރެކްޓަރުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބުގެ މަގާމާއި، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަގާމާއި، ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އިސްޙާޤު އަޙްމަދު މިހާރު ހުންނެވީ، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމުގައެވެ.
އިސްޙާޤު އަޙްމަދު، މާލޭ މުނިސިޕަލްޓީގައި ވަޒީފާ އަދާކުރައްވަން ފެށްޓެވިއިރު އެތަނުގައި ހުރި ޤައުމީ ތަރިކައިގެ ގޮތުގައި ބެލެވިދާނެ ބައެއްތަކެތި ރައްކާތެރިކުރެއްވުމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، 1921ވަނަ އަހަރު ކުރަހާފައިވާ މާލޭގެ ޗާޓުގެ އަސްލާއި، ރާއްޖޭގެ ދަރިދަރިކޮޅާއި، ގެދޮރުގެ މުސްކުޅި ވަޤުފު ފަތްތަކާއި، 300 އަހަރަށްވުރެ ގިނަ ދުވަސްވީ ލިޔުންތައް ހިމެނެއެވެ. މީގެއިތުރުން، އިނގިރޭސީން އައްޑުއަތޮޅު ގަމުން ފޭބިއިރު ދޫކޮށްފައިދިޔަ ބައެއް ތަކެތީގެ ތެރޭގައި ހިމެނުނު، ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރިކަމަށް ބެލެވޭ ތިއޮޑޮލައިޓާއި، ފާލުއެޅުމަށް ބޭނުންކުރާ ބައެއް ތަކެތި، އޮފީހުގައި ރައްކާތެރިކަމާއެކުގައި ބެލެހެއްޓޭނެ އިންތިޒާމު އިސްޙާޤު އަޙްމަދު ހަމަޖެއްސެވިއެވެ. 2003ވަނަ އަހަރުގެ ތެރޭގައި، ބިމާބެހޭ ޤާނޫނެއް ފާސްކޮށް ޢަމަލުކުރަން ފެށުމާއެކު އަލަށް ފެށިގެންދިޔަ ކަންކަން، ރަނގަޅު އިންތިޒާމެއްގެ ދަށުން އޮމާންކަމާއެކުގައި ކުރިޔަށްގެންދިޔުމަށްޓަކައި އިސްޙާޤު އަޙްމަދު އިސްނަންގަވައިގެން މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
މާލޭ މުނިސިޕަލްޓީގެ ސަރވޭ ސެކްޝަނުގައިވެސް އިސްޙާޤު އަޙްމަދު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި ފަހުން ބިންބިމާއި ގޯތިގެދޮރާބެހޭބައި ބަލަހައްޓަވާ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ހަމައެހެންމެ، ރަށްރަށް ކުރެހުމަށް ބޭނުންކުރަމުން ގެންދިޔަ ޗެއިން ސަރވޭ މެތަޑް ދޫކޮށް، ޓޯޓަލް ސްޓޭޝަން ބޭނުންކޮށްގެން ޑިޖިޓަލް މެތަޑަށް ރަށްރަށުގެ ސަރވޭ ލީޑްކޮށް ކުރިޔަށް ގެންދިއުމުގައި އިސްޙާޤު އަޙްމަދު އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި މާލޭގެ ގޭގޭގެ ޗާޓުތައް އޮޓޯކެޑް ބޭނުންކުރައްވައިގެން ކުރެއްސެވުމުގެ މަސައްކަތަކީވެސް، އިސްޙާޤު އަޙްމަދުގެ އިސް ދައުރެއް އެކަމުގައި ހިމެނޭ މަސައްކަތެކެވެ.
އިސްޙާޤު އަޙްމަދު ވަނީ ޑިޕާޓްމަންޓް އޮފް އާރބަން ޑިވެލޮޕްމަންޓް (ފަހުން ހައުސިންގ މިނިސްޓްރީ) ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވައިގެން އުފައްދަވައިފައިވާ ޓެކްނިކަލް ކޮމިޓީގައި 10 އަހަރަށްވުރެ ގިނަދުވަހު މަސައްކަތް ކުރައްވައިފައެވެ. މީގެއިތުރުންވެސް، ބިމާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވައިލެވުނު ގަވާއިދު އެކުލަވައިލުމުގައްޔާއި، ބިމާގުޅޭ ގޮތުން ކުރިޔަށްގެންދިޔަ ކަންކަމުގައި މާލޭ މުނިސިޕަލްޓީ ތަމްސީލު ކުރައްވައިފައި ވެއެވެ. ހަމައެހެންމެ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ޚާއްޞަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ހިންގާ ކަންކަމުގައިވެސް އިސްޙާޤު އަޙްމަދު އިސްދައުރެއް އަދާކުރައްވަމުން ގެންދަވައިފައިވެއެވެ.