އަލްފާޟިލާ އާމިނަތު މަދީޙާ
ހ. ރޭލައިޓްވިލާ

އާމިނަތު މަދީޙާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ފެބުރުވަރީ 1988 ގައި ޖަމާލުއްދީން ޕްރައިމަރީ ސްކޫލުގެ މުދައްރިސެއްގެ ވަޒީފާއިންނެވެ. އެއަށްފަހު، ކަލާފާނު ސްކޫލުގައި ޚިދުމަތް ކުރެއްވިއެވެ. ދައުލަތުގެ ޚިދުމަތުގައި 37 އަހަރު ހޭދަކުރެއްވިއިރު، ކަލާފާނު ސްކޫލުގެ މުދައްރިސް ކަމުގެ މަގާމާއި، ގްރެޖުއޭޓް ޓީޗަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، ކަލާފާނު ސްކޫލުގެ ޓީޗަރ (ދިވެހި) މި މަގާމުގައެވެ.

އާމިނަތު މަދީޙާއަކީ، ޤައުމީ މަންހަޖުގައި ކަނޑައަޅުއްވައިފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ކުލާހުގައްޔާއި، ކުލާހުން ބޭރުގައި ކިޔަވައިދެއްވުމަށް ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދެއްވުމަށްވެސް ޚާއްޞަގޮތެއްގައި މަސައްކަތްކުރައްވައި، ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްތައް ކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ކަލާފާނު ސްކޫލުގައި ހިންގާ ކްލަބުގެ ހަރަކާތްތަކުގައިވެސް އާމިނަތު މަދީޙާ ބައިވެރިވެވަޑައިގަންނަވައެވެ. އަދި ކިޔަވައިދެއްވާ މާއްދާއާ ގުޅިގެން ސްކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން، ދަރިވަރުންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުކޮށްދެއްވުމަށާއި، ދަރިވަރުންގެ ކިބައިގައި އަޚުލާޤީ ރަނގަޅު ސިފަތައް އަށަގެންނެވުމަށާއި، ދީނީކަންކަމަށް ހޭލުންތެރި ކުދިބަޔަކަށް އެކުދިން ހެއްދެވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

އާމިނަތު މަދީޙާ ވަނީ، ރާއްޖެއިން ތަމްރީނުތައް ހާސިލުކުރައްވައި ވަޒީފާގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗްލަރސް އޮފް ދިވެހި ޓީޗިންގ ކޯސް ފުރިހަމަކުރައްވައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރައްވައިފައިވެއެވެ. އަދި ސްކޫލުގެ ގައިޑް ހަރަކާތް ކުރިއެރުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

އާމިނަތު މަދީޙާއަކީ، ކިޔަވައިދެއްވި ދަރިވަރުންގެ ލޯތްބާއި، ޤަދަރު ލިބިވަޑައިގެން ހުންނެވި ހަމައެހެންމެ، އެކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ގާތްގުޅުމެއް ބާއްވަވައި، ސްކޫލުގެ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރައްވައި، ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވާ މުވައްޒަފެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.