ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) ޢަބްދުﷲ މުޙައްމަދު
މ. އެކްސެލްސް 1

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) ޢަބްދުﷲ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސް (އެން.އެސް.އެސް.)ގެ ޕްރައިވެޓްގެ ރޭންކުގައި، 7 ނޮވެންބަރު 1979 ގައެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކުގައި ރިޓަޔަރ ކުރެއްވީ 1 ޖަނަވަރީ 2017 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓްގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލްގެ ރޭންކުގައްޔާއި، ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކުގައި ޚިދުމަތްކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާރޖަންޓް ފަސްޓްކްލާސްގެ ރޭންކުގައެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) ޢަބްދުﷲ މުޙައްމަދު، އެން.އެސް.އެސް.ގެ އެކި ދާއިރާތަކުގައި ވަނީ ޚިދުމަތް ކުރައްވާފައެވެ. އަދި މުއައްސަސާއިން ހިންގައިފައިވާ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، 3 ނޮވެންބަރުގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގައި، އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި 2011ވަނަ އަހަރު އައްޑޫ ސިޓީގައި ސާރކް ސަމިޓް ބޭއްވުމަށްޓަކައިވެސް ވަރަށް ބުރަކޮށް މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން، "އޮޕަރޭޝަން ދަންމާނު 8" ގައި ބައިވެރިވެވަޑައިގެން އެ އޮޕަރޭޝަންގައި ވަރަށް ރަނގަޅަށް ވަނީ މަސައްކަތް ކުރައްވައިފައެވެ. ސިފައިންގެ 39ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ހުޝިޔާރު މުބާރާތުގައި ބައިވެރިވެވަޑައިގެން 1ވަނަ ހާސިލުކުރައްވައިފައިވާ ކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) ޢަބްދުﷲ މުޙައްމަދު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާންގެ ގޮތުގައި 8 ކުލައާއި 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. މިގޮތުން، ލިބިވަޑައިގެންނެވި ކުލަތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަދި އަޚުލާޤީ ކުލައެވެ. އަޚުލާޤީ ކުލަ ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔައި، އަޚުލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، އަދި މިނިވަން ފަންސާހުގެ މެޑެލް ހިމެނެއެވެ.

ސާރޖަންޓް ފަސްޓްކްލާސް (ރިޓަޔަރޑް) ޢަބްދުﷲ މުޙައްމަދު ފާހަގަކުރެވިފައިވަނީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ މަސައްކަތެއްވެސް ޤާބިލުކަމާއި، ތެރުވެރިކަމާއެކު، ކުރެއްވި އަދި އަޚުލާޤު ރަނގަޅު، ސިފައިންގެއާއި ދިވެހި ޤައުމަށް އިޚުލާޞްތެރި ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.