އަލްފާޟިލް ޢަބްދުލްޖަލީލް އިބްރާހީމް
ލައިޓްކޯނަރ، ބ. ކެންދޫ

ޢަބްދުލްޖަލީލް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 7 މޭ 1980ގައި ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރެއްގެ ވަޒީފާގައެވެ. އޭރު ރަށުގައި، ބަލިމީހުން ބެއްލެވުމާއި، ބޭސް ދެއްވުމާއި، ބޭސް އެޅުއްވުމާއި، ގޭގެއަށް ޒިޔާރަތް ކުރައްވައި ހޭލުންތެރި ކުރުވުމަށް ޢާންމުންނަށް މައުލޫމާތު ދެއްވުމާއި، ވެކްސިން ދެއްވުމާއި، ޚާއްޞަކޮށް، މޮބައިލް ވެކްސިން ޓީމުތަކުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުލްޖަލީލް އިބްރާހީމަކީ، ރަށުގައި މީހުން ވިއްސުމާ ގުޅުންހުރި އެންމެހައި ކަންކަން ކުރައްވައި، އެންމެހައި ލިޔެކިޔުންތައް އަތުން ލިޔުއްވައި، ބަލަހައްޓަވައި އަދި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

1983ވަނަ އަހަރު ރާއްޖޭގައި ފެތުރިގެންދިޔަ ޝިގެއްލާ ރޯގާ، ބ. އަތޮޅުން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ބ. މާޅޮހުގައެވެ. އެހެންކަމުން، އެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ޚާއްޞަ ޓީމެއް އެރަށަށް ފޮނުއްވިއިރު އެ ޓީމާއެކީގައި ޢަބްދުލްޖަލީލް އިބްރާހީމް އެރަށަށް ވަޑައިގެން ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. އެއީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު ބަލި ކޮންޓްރޯލް ކުރެއްވުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެންކަމުން، ރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، ބައްޔަށް ޝައްކު ކުރެވޭ މީހުން ހޯދައި ދެނެގަތުމުގައި މުހިންމު ދައުރެއް އެ ޓީމުން އަދާކުރިއެވެ. މީގެއިތުރުން، ބ. ކެންދޫގައި ޝިގެއްލާ ރޯގާ ފެތުރުމާ ގުޅިގެން، ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވުނު ހުރިހާ މަސައްކަތްތަކެއްވެސް ރައްޔިތުންގެ އެހީތެރިކަމާއެކުގައި ޢަބްދުލްޖަލީލް އިބްރާހީމް ކުރެއްވިއެވެ.

ޢަބްދުލްޖަލީލް އިބްރާހީމް، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ކެންދޫ ޞިއްޙީ މަރުކަޒު ހިންގެވުމާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓެވުމާއި، އިދާރީ މަސައްކަތްތައް ކުރެއްވުމާއި، ޕަބްލިކް ހެލްތު ރިޕޯޓުތައް ތައްޔާރުކުރައްވައި ގަވާއިދުން ފޮނުއްވުމާއި، އެކި ދާއިރާތަކުން ޞިއްޙީ ހޭލުންތެރިކަމުގެ ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައިފައި ވެއެވެ. އަދި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމުގައްޔާއި، ގޭގެއަށް ޒިޔާރަތްކުރައްވައި މައުލޫމާތު ދެއްވުމުގައްޔާއި، ސޫފާސޫފިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ޢަމަލުކުރާނޭ ގޮތާއި އެފަދަ ތަކެތި އާލާވާ ތަންތަން ނައްތާލުމަށް ކަންކުރަންވީ ގޮތުގެ މައުލޫމާތު ޢާންމުންނަށް ދެއްވުމުގައިވެސް ޢަބްދުލްޖަލީލް އިބްރާހީމް، މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތް ކުރައްވާ ޞިއްޙީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހޭ ކަންކަން ކުރެއްވުމާއި، އެ ޓީމުތަކާއެކުގައި ރަށްރަށަށް ޒިޔާރާތްކުރައްވައި، ބޭނުންވާ ޚިދުމަތްތައް ދެއްވުމުގައި ޢަބްދުލްޖަލީލް އިބްރާހީމް ވަރަށް އިސްކޮށް މަސައްކަތް ކުރައްވައިފައިވެއެވެ. މީގެއިތުރުން، އަތޮޅުން ބޭރުގެ ބައެއް ރަށްރަށުގައިވެސް މޯބައިލް ޓީމުތަކާއެކީގައި މަސައްކަތް ކުރެއްވިއެވެ.

2009ވަނަ އަހަރު ހަތަރުމަހެއްހާ ދުވަސް ވަންދެން ރާއްޖޭގައި ކުރިޔަށްގެންދިޔަ ޑެމޮގްރަފިކް ސަރވޭގައި ހދ. އަތޮޅުގައްޔާއި ށ. އަތޮޅުގައި ސަރވޭ ޓީމުގެ އިސް ބޭފުޅެއްގެ ގޮތުގައި ޢަބްދުލްޖަލީލް އިބްރާހީމް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި 1990ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރުން ބޭއްވި 5 އަހަރު ދުވަހަށް ކަނޑައަޅާ ޤައުމީ ހެލްތު މާސްޓަރ ޕްލޭނުގެ ބައްދަލުވުމުގައްޔާއި، 2018ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވި ޕަބްލިކް ހެލްތު ފޯރަމުގައި ޢަބްދުލްޖަލީލް އިބްރާހީމް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޞިއްޙީ ދާއިރާގެ މަސައްކަތްތައް ގިނަބައެއްގެ އެއްބާރުލުމާއެކުގައި ކުރިޔަށްގެންދިއުމަށް މަގުފަހިކުރެއްވުމުގެ ގޮތުން ޢަބްދުލްޖަލީލް އިބްރާހީމް ވަނީ، ކެންދޫ ރަށް ކުރިއަރުވާ ކޮމިޓީގައި މެދުނުކެނޑި 24 އަހަރު ޚިދުމަތްކުރައްވައިފައެވެ. އަދި، އަތޮޅު ކުރިއަރުވާ ކޮމިޓީގައްޔާއި، ކެންދޫ އަންހެނުން ކުރިއަރުވާ ކޮމިޓީގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢަބްދުލްޖަލީލް އިބްރާހީމް، ޞިއްޙީ ދާއިރާގެ ޚިދުމަތުގައި މި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޚިދުމަތް ކުރެއްވީ، ލިބިވަޑައިގަންނަވާ މުސާރައަށްވުރެ ބޮޑަށް، އެކަމަކީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދެކިވަޑައިގެންނެވެ. ފެމިލީ ހެލްތު ވަރކަރެއްގެ ގޮތުން ފެށްޓެވި ޚިދުމަތް ނިންމަވާލެއްވީ، ކިޔަވައި ވިދާޅުވުމަށް ލިބިވަޑައިގެންނެވި ހުރިހާ ފުރުސަތުތަކެއްގެ ބޭނުންހިއްޕަވައިގެންނެވެ.

ޢަބްދުލްޖަލީލް އިބްރާހީމް ވަނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގޮތުން އަތޮޅު ފެންވަރުގައި ގިނަގުނަ ޚިދުމަތްތަކެއްވެސް ކުރައްވައިފައެވެ. ތިމާވެށްޓަށް ޚިދުމަތް ކުރާ ފަރާތްތަކަށް އަދި އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި "ފެހިފަތް" ޢަބްދުލްޖަލީލް އިބްރާހީމަށް ލިބިވަޑައިގެންފައި ވެއެވެ.

ޢަބްދުލްޖަލީލް އިބްރާހީމަށް ލިބިވަޑައިގެންނެވި އެހެން އެވޯޑުތަކުގެ ތެރޭގައި، ޞިއްޙީ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން 2011ވަނަ އަހަރު، ބ. އަތޮޅު ހޮސްޕިޓަލުން ދެއްވި އެވޯޑާއި، ޞިއްޙީ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވި މުވައްޒަފުންނަށް 2019ވަނަ އަހަރު ދެއްވި އެވޯޑު ހިމެނެއެވެ. އަދި، މަދިރި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން 2019ވަނަ އަހަރު، ބ. އަތޮޅު ހޮސްޕިޓަލުން ދެއްވި އެވޯޑާއި، ތިމާވެށްޓާބެހޭގޮތުން އަތޮޅު ފެންވަރުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކޮށް 2019ވަނަ އަހަރު އަތޮޅު ކައުންސިލުން ދެއްވި އެވޯޑުވެސް ޢަބްދުލްޖަލީލް އިބްރާހީމަށް ލިބިވަޑައިގެންފައި ވެއެވެ.

ޢަބްދުލްޖަލީލް އިބްރާހީމް، ދެ ފަހަރެއްގެ މަތިން ވަޒީފާގެ މެދުކެނޑުމަކަށްފަހު، 20 އޮގަސްޓު 2020 ގައި ރިޓަޔަރ ކުރެއްވިއިރު ވަނީ 37 އަހަރަށްވުރެ ދިގުމުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.