އަލްފާޟިލާ މުޙުސިނާ ޔޫސުފް
ނީލޯފަރުގެ، ރ. އުނގޫފާރު

މުޙުސިނާ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރ. އަތޮޅު އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބާއެއްގެ މަގާމުގައި 6 މާރިޗު 1988ގައެވެ. 18 ޖޫން 2025 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައ، ރ. އަތޮޅު އަތޮޅުއޮފީހުގެ ސީނިއަރ ކްލާކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

މުޙުސިނާ ޔޫސުފް، އަތޮޅުއޮފީހުގައި ޚިދުމަތްކުރެއްވިއިރު، މިނިސްޓްރީ އޮފް އެގްރިކަލްޗަރުން ހުއްދަ ދެއްވުމުން، ދޫކުރައްވަން ޖެހޭ ލަކުޑި ސިޓީއާއި ޗިޓު ހައްދަވައި ދެއްވުމާއި، ރަށްރަށުގެ ގޮއެފާލައްބަތައް ބެލެހެއްޓުންފަދަ ގިނަގުނަ މަސައްކަތްތައް މުޙުސިނާ ޔޫސުފްގެ ބެއްލެވުމުގެ ދަށުން ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކާތިބާގެ ހައިސިއްޔަތުން، އޮފީހުގައި ލިޔަންޖެހޭ ލިޔެކިޔުންތަކާއި، ޔައުމިއްޔާ އަތުން ލިޔުއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ފަހުން އޮފީހުގެ ލިޔެކިޔުންތައް ޓައިޕު ކުރުމަށާއި، ކޮމްޕިއުޓަރުން މަސައްކަތްކުރެއްވުމަށް ދަސްކުރެއްވުމަށް 2005ވަނަ އަހަރު ބޭއްވުނު ޓްރެއިނިންގ ވަރކްޝޮޕް އޮފް މެނޭޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގެންފައިވުމުގެ އިތުރުން، ހަމަ އެ އަހަރު ރ. އަތޮޅު އަތޮޅުއޮފީހުން ބޭއްވެވި ކޮމްޕިއުޓަރ ޓްރެއިނިންގ ކޯސް ފުރިހަމަ ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙުސިނާ ޔޫސުފް އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކަކީ، ސަރުކާރުގެ އިދާރާތަކުން، ގޯއްޗާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ފޮނުއްވާ މެސެޖުތަކަށް ޖަވާބުދެއްވުމާއި، ރަށްރަށުގެ ކައުންސިލުތަކުން އަތޮޅު ކައުންސިލްގެ އިދާރާއަށް ފޮނުއްވާ ސިޓީތަކުގައިވާ ކަންކަމަށް އިޖާބަ ދެއްވުމުގެ މަސައްކަތްތަކެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ އިތުރުންވެސް، އޮފީހުން އެދިވަޑައިގެންނެވި ކޮންމެ ކަމެއްގައިވެސް މުޙުސިނާ ޔޫސުފް އިޖާބަދެއްވަމުން ގެންދެވިކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ރ. އަތޮޅު އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ރާއްވަވައި ހިންގަވަމުން ގެންދަވާ ރ. އަތޮޅު ޤުރްއާން މުބާރާތާއި، ރ. އަތޮޅު ހޭންޑްބޯލް މުބާރާތާއި، ފުޓްސަލް މުބާރާތުގެ އިދާރީ ކަންކަން ކުރެއްވުމުގައި މުޙުސިނާ ޔޫސުފް އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުންވެސް، ރަށުން ބޭރުގައި އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން ބާއްވަވާ ޙަފުލާތަކާއި، އިވެންޓުތައް އިންތިޒާމު ކުރެއްވުމުގައި ކަމާގުޅުންހުރި ފަރާތްތަކަށް ފޮނުއްވަންޖެހޭ ސިޓީއާއި މެސެޖުތައް ފޮނުއްވުމުގައި މުޙުސިނާ ޔޫސުފް ހަރަކާތްތެރިވެވަޑައިގެންފައިވެސް ވެއެވެ. މުޙުސިނާ ޔޫސުފް، ވަޒީފާގައި ހޭދަކުރެއްވި މުއްދަތުގައި ފާހަގަކުރެވުނީ، މަސައްކަތަށް ފަރުވާތެރި، މަސައްކަތުގެ އަޚުލާޤު ދެމެހެއްޓެވި ބޭފުޅެއްގެ ގޮތުގައެވެ.