ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދު
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓްގެ ރޭންކްގައި 24 މާރިޗު 1988 ގައެވެ. ރިޓަޔަރ ކުރެއްވީ 30 އޮގަސްޓް 2025 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކްގައްޔާއި، ލެފްޓިނެންޓްގެ ރޭންކްގައްޔައި، ފަސްޓް ލެފްޓިނެންޓްގެ ރޭންކްގައްޔާއި، ކެޕްޓަންގެ ރޭންކްގައްޔާއި، މޭޖަރގެ ރޭންކްގައްޔާއި، ލެފްޓިނެންޓް ކާނަލްގެ ރޭންކްގައްޔާއި، ކާނަލްގެ ރޭންކްގައްޔާއި، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި އެމް.އެން.ޑީ.އެފް. އިންޓަރގްރޭޓެޑް ހެޑްކުއާޓަރޒްގެ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓަރ ޖެނެރަލްކަމާއި، އޯޑްނަންސް ސާރވިސްގެ ކޮމާންޑަރުކަން ކުރައްވައިފައި ވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދުގެ ޢަސްކަރީ ޚިދުމަތްތަކުގެ ތެރޭގައި، ސިފައިންގެ އެކިއެކި ދާއިރާތަކުގައި ކޮމާންޑް، ސްޓާފް، އަދި އިންސްޓްރަކްޝަނަލް އެޕޮއިންޓްމަންޓްތައް އަދާކުރެއްވުން ހިމެނެއެވެ. އަދި ދިވެހި ޢަސްކަރިއްޔާގެ މުހިންމު ދާއިރާތައް ކަމުގައިވާ ކުއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ ގޮތުގައްޔާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިންގ އޮފިސަރުގެ ގޮތުގައްޔާއި، ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ ގޮތުގައްޔާއި، ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުގެ ގޮތުގައްޔާއި، ޑައިރެކްޓަރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނެލް ސަރވިސަސްއާއި، އަދި ރީޖަނަލް ހެޑްކުއާރޓާޒް ކައްދޫގެ އޮފިސަރ ކޮމާންޑިންގގެ ގޮތުގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ނަޝީދު ހުންނަވައިގެން ދިވެހި ޢަސްކަރިއްޔާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ.
ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދު، ޢަސްކަރީ ގިނަ ތަމްރީނު ކޯސްތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވައިފައިވާއިރު، މެނޭޖްމަންޓް ސްޓަޒީޒްގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލުކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދު ވަނީ ތަފާތު އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރިހަމަކުރައްވައި، އެމް.އެން.ޑީ.އެފް.ގައި، މީހުން ބިނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްވެސް ކުރައްވައިފައެވެ. އެމް.އެން.ޑީ.އެފް.ގެ އެކި ދާއިރާތަކުގެ ސްޓާފް އެޕޮއިންޓްމަންޓްގެ މަގާމުތަކާއި، ބޯޑުތަކުގެ ޗެއަރމަންކަން އަދި އެމް.އެން.ޑީ.އެފް.އަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، އެމް.އެން.ޑީ.އެފް.ގެ ގިނަ ޔުނިޓުތަކެއްގެ ކޮމާންޑަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޢަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި 37 އަހަރު ދުވަހުގެ ތެރޭގައި ސިފައިން ޢަމަލީގޮތުން ހިންގި ބޮޑެތި ހުރިހާ އޮޕަރޭޝަންތަކެއްގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދު ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޝީދު، ދިވެހި ޢަސްކަރިއްޔާގައި އިޚުލާޞްތެރިކަމާއެކުގައި ކުރެއްވި ޚިދުމަތް ފާހަގަކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި، 12 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޙްމަދު ނަޝީދަށްވަނީ، އަޚުލާޤީ ކުލަ ތިން ފަހަރަށް ލިބިވަޑައިގެންފައެވެ. ލިބިވަޑައިގެންނެވި މެޑެލް ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.