އަލްފާޟިލާ ޢާއިޝަތު މުފީދާ
ހމ. ފްލެޓްނަންބަރު 04-3-132

ޢާއިޝަތު މުފީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން 18 އަހަރުގައި، 1 ޖުލައި 1987 ގައި އއ. އަތޮޅު މަދަރުސާގެ ވަގުތީ މުދައްރިސެއްގެ ގޮތުގައެވެ. ޚިދުމަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ހިމެނެއެވެ.

ދައުލަތުގެ ޚިދުމަތުގައި ޢާއިޝަތު މުފީދާ މިހާރު 37 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ހެންވޭރު އަވަށު އޮފީހުގެ ކާތިބާ ކަމާއި، ސެންޓްރަލް ހޮސްޕިޓަލުގެ ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ކާތިބާ ކަމާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ކްލަރކް ކަމާއި، ސީނިއަރ ކްލަރކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އަދި މިނިސްޓްރީ އޮފް ހެލްތުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. ޢާއިޝަތު މުފީދާ، މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމުގައެވެ.

އަމިއްލަ ކުރިއެރުމަށް ޢާއިޝަތު މުފީދާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މިގޮތުން ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ނިންމެވުމަށްފަހު، ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ފުރިހަމަކުރައްވައިފައި ވެއެވެ.

ޢާއިޝަތު މުފީދާ ފާހަގަކުރެވިފައިވަނީ، މަސައްކަތަށް އިސްކަންދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތްކުރައްވަމުންގެންދަވާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ، އަދި އޮފީހުގައި ބާއްވާ ޙަފުލާތަކާއި އަދި މިނޫންވެސް އެކިއެކި ކަންކަމުގައި ޢާއިޝަތު މުފީދާއަކީ، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.

ޢާއިޝަތު މުފީދާ، އއ. އަތޮޅު މަދަރުސާގައި ވަޒީފާ އަދާކުރެއްވިއިރު ކިޔަވައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައިވެއެވެ. ހެންވޭރު އަވަށު އޮފީހުގައި މަސައްކަތް ކުރެއްވިއިރުގައިވެސް ޢާއިޝަތު މުފީދާ ފާހަގަކުރެވެނީ، ވެރިން އަންގަވާ އެންގެވުންތަކަށާއި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރައްވައި އަދި ވަރަށް ފަރުވާތެރިކަމާއެކުގައި ގަޑިއަށް މަސައްކަތްތައް ނިންމަވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެއިތުރުން، އޮފީހަށް ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައިވެސް މަސައްކަތަށް ނުކުންނަވައި، އަދި މުއައްސަސާއިން ހިންގާ ކޮންމެ ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި، ކޮންމެ މަސައްކަތަކީވެސް އަމިއްލަފުޅު އިސްނެންގެވުމާއެކުގައި ކުރައްވާ މަސައްކަތެއްގެ ގޮތުގައި ބައްލަވައިގެން މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިނިސްޓްރީ އޮފް ހެލްތާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ މުވައްޒަފުންގެ ރެކޯޑު ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ހާޒިރީ ބަލާ ސިސްޓަމްގެ މަސައްކަތާއި، މުވައްޒަފުންގެ މުސާރައިގެ މަސައްކަތްކުރާ ސެޕް ސިސްޓަމްގެ މަސައްކަތްތަކަކީ، ޢާއިޝަތު މުފީދާ ޝައުޤުވެރިކަމާއެކުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކެވެ.

ޢާއިޝަތު މުފީދާއަކީ، ތަޢުލީމީ ރޮނގުން ކުރިއަށް ވަޑައިގަތުމުގައިވެސް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.