އަލްފާޟިލް ޢަލީ ސަލީމް މޫސާ
މ. ޖެސްމިންވިލާ

ޢަލީ ސަލީމް މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއަރޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީގެ ވަޒީފާގައި 10 މާރިޗު 1985 ގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ފިޝަރީޒްގެ ޕްރޮޖެކްޓް އޮފިސަރ (ޓްރޭނީ) ގެ ވަޒީފާ އަދާކުރެއްވިއެވެ. ޓެލެވިޜަން މޯލްޑިވްސްގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ 19 ޖޫން 1989 ގައެވެ. ޓެލެވިޜަން މޯލްޑިވްސްގެ ޓެކްނީޝަން (ޓްރޭނީ) ކަމުގެ މަގާމާއި، އެސިސްޓެންޓް މެއިންޓެނަންސް ޓެކްނީޝަން ކަމުގެ މަގާމާއި، މެއިންޓެނަންސް ޓެކްނީޝަން ކަމުގެ މަގާމާއި، ސީނިއަރ މެއިންޓެނަންސް ޓެކްނީޝަން ކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ އެސިސްޓެންޓް މެނޭޖަރ، ބްރޯޑްކާސްޓް އޮޕަރޭޝަންގެ މަގާމާއި، މެނޭޖަރ ޓެކްނިކަލް އޮޕަރޭޝަންސް ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، މެނޭޖަރ، ޕޮރޮޖެކްޓްސް ކަމުގެ މަގާމުގައެވެ.

ޢަލީ ސަލީމް، ޓެލެވިޜަން މޯލްޑިވްސްގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 1998ވަނަ އަހަރު ފުރަތަމަ ސެޓެލައިޓް ޓީ.ވީ. އަޕްލިންކް ސިސްޓަމް އިންސްޓޯލްކުރުމާއި، 2006ވަނަ އަހަރު ބޭއްވުނު ވަރލްޑްކަޕް މުޅި ރާއްޖެއަށް ދުރަށް ދެއްކުމަށްޓަކައި ޓެރެސްޓީއަލް ޓްރާންސްމީޓަރ ބެހެއްޓުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި 2010ވަނަ އަހަރު ފުރަތަމަ ޑިޖިޓަލް ޓީ.ވީ. ބްރޯޑްކާސްޓިންގގެ ޓެސްޓް ޓްރާންސްމިޝަން ފެށުމަށް އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތާއި، ޓީ.ވީ.އެމް. ޕްލަސް ޑީކޯޑަރތައް ގޭބިސީތަކުގައި ބެހެއްޓުމާއި، ދިރާގު މެދުވެރިކޮށް ފޮނުވާ ސެޓެލައިޓްތަކުގެ ޑައުންލިންކް އަޕްލިންކް ކުރުމާއި، ސްމޯލް ސްޓޭޓްސް ކޮންފަރެންސް އޮން ސީލެވެލް ރައިސް ކޮންފަރެންސް ލައިވްކުރުމުގެ މަސައްކަތުގައްޔާއި، ރެކޯޑިންގގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. 1990ވަނަ އަހަރާއި، 1997ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާރކް ސަމިޓް ދުރަށް ދެއްކުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ޢަލީ ސަލީމް މޫސާ ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ޓީ.ވީ.ގެ ޓްރާންސްމިޝަން ހިނގަމުންދާ ވަގުތުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރެއްވުމުގައްޔާއި، ސެޓްލައިޓް ކެޕޭސިޓީ ހޯދުމަށް ކުރަންޖެހޭ މުޢާމަލާތުތައް ކުރުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަލީ ސަލީމް މޫސާއަކީ، ޕަބްލިކް ސަރވިސް މީޑިއާގެ އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގައި، އަތޮޅުތަކުގެ ސައިޓުތަކަށް ދަތުރުކުރައްވައި އެތަންތަނުގެ ސަރވޭތައް ކުރެއްވުމާއި، މޮނިޓަރ ކުރެއްވުމާއި، ބޭރުގެ ކޮންސަލްޓަންޓުންނާއި، ވެންޑާސްތަކާއި، އަދި ޕްރޮޖެކްޓާ ގުޅޭ ސްޓޭކްހޯލްޑަރުންނާއެކު މަސައްކަތް ކުރައްވައިފައިވާ އަދި ޕްރޮޖެކްޓްގެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ނިންމެވުމަށް އިސްކަން ދެއްވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ޕްރޮޖެކްޓްތަކުގެ ސްޓްރެޓީޖިކް ޕްލޭނާއި، ޓައިމްލައިން، އަދި ބަޖެޓް އެކުލަވައިލައްވައި، ޕްރޮޖެކްޓް ސްކޯޕް ކަނޑައެޅުމުގެ މަސައްކަތް ކުރައްވައި، ޕްރޮޖެކްޓްތަކުގެ ފީސިބިލިޓީ ބެލެހެއްޓުމާއެކު، ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ޓެކްނިކަލް މައުލޫމާތުތައް ފޯރުކޮށްދެއްވައެވެ. މި މަސައްކަތް ކުރެއްވިއިރު އެއްވެސްއިރެއްގައި މައްސަލައެއް ދިމާވެ ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޢަލީ ސަލީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ލަފާދެއްވައި، ކަންކަން އޮޅުންފިލުވައި ދެއްވައެވެ.

ޢަލީ ސަލީމް މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.