އަލްފާޟިލާ ފާޠިމަތު ޢަޒީޒާ
ދަފްތަރު. ނަންބަރު ރސ 5348، މާލެ

ފާޠިމަތު ޢަޒީޒާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ ވަޒީފާގައި 21 މާރިޗު 1987 ގައެވެ. 19 އެޕްރީލު 1990 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 8 އޮގަސްޓު 1990 ގައެވެ. އެއީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގެ ދެނަންބަރު ކާތިބާކަމުގެ ވަޒީފާއިންނެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރައްވައިފައިވާ 37 އަހަރު ދުވަހުގެ ތެރޭގައި، ޕްރިޒަންސް ޑިވިޜަންގެ ދެނަންބަރު ކާތިބާ ކަމާއި، ސީނިއަރ ކްލާކް ކަމާއި، ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސިސްޓެންޓް ސިވިލް އޮފިސަރކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، އެ ސަރވިސްގެ އިންޓަރނަލް އޯޑިޓް ސެކްޝަނުގެ ޑެޕިއުޓީ ސިވިލް އޮފިސަރގެ މަގާމުގައެވެ.

ފާޠިމަތު ޢަޒީޒާ، ދައުލަތުގެ ޚިދުމަތް ފުރަތަމަ ފަށްޓަވައި، ޢާއިލާގެ އެހީތެރިޔާގެ މަގާމުގައި ހުންނަވައިގެން، އެކިއެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތް ކުރެއްވިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި، ފާޠިމަތު ޢަޒީޒާ ވަނީ އެޑްމިން ސެކްޝަން، ޖަލު ސެކްޝަން، އޮފެންޑަރ، ޕްރޮކިއުމަންޓް، ފައިނޭންސް ސެކްޝަން، އަދި އިންޓަރނަލް އޯޑިޓްގައި މަސައްކަތްކުރައްވައިފައެވެ. ޕްރިޒަންސް ޑިވިޜަން އުފެއްދެވުމާއެކު އެންމެ ފުރަތަމަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވަން ފެށްޓެވި މުވައްޒަފުންގެ ތެރޭގައި ފާޠިމަތު ޢަޒީޒާ ހިމެނިވަޑައިގަންނަވައެވެ. އަދި ކުރައްވައިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ބަލަހައްޓަވަންޖެހޭ އެކިއެކި ރެކޯޑްސްތައް އަތުން ލިޔުއްވައިގެން ފުރިހަމައަށް ބެލެހެއްޓެވުމާއި، ޙުކުމްކޮށްފައިވާ މީހުންނާ ހަވާލުވެ ޖަލުތަކަށް ޒިޔާރަތްކުރައްވައި، ބަންދުގައި ތިބޭ މީހުންގެ ޝަކުވާ އަޑުއައްސަވައި، އެމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެއްވައި، އެކަންކަމުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވުން ހިމެނެއެވެ. މީގެއިތުރުން، ޙުކުމް ތަންފީޒު ކުރާ ސެކްޝަނާއި، ޖަލު ސެކްޝަންގެ އިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ފައިސާއާ ގުޅޭ ކަންކަން ބަލަހައްޓަވައި، މުސާރައާ ގުޅޭކަންކަން ނިންމެވުމުގައި އަތުން ލިޔުއްވައިގެން ކުރައްވަންޖެހުނު މަސައްކަތްތައް ކުރައްވައި، ޖަލުތަކަށް ޒިޔާރަތްކުރައްވައިގެން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ޢަމަލީގޮތުން ފާޠިމަތު ޢަޒީޒާ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. ހަމައެހެންމެ، އިންޓަރނަލް އޯޑިޓް ސެކްޝަނުން ކުރިއަށް ގެންދަވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެތެރޭގެ އޯޑިޓްތައް ކުރިއަށް ގެންދިޔުމުގެ އެންމެހައި މަސައްކަތްތައް ރާއްވަވައި ހިންގަވަމުން ގެންދަވަނީވެސް ފާޠިމަތު ޢަޒީޒާގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ފާޠިމަތު ޢަޒީޒާއަކީ، އަމިއްލަ ކުރިއެރުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ތާނަ ޓައިޕްކުރުމުގެ ސެޓްފިކެޓު 1992 ވަނަ އަހަރު ފުރިހަމަކުރެއްވިއެވެ. އަދި ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ މަޢުލޫމާތުދޭ ކޯސް 2018ވަނަ އަހަރު، އަދި ޑިޕްލޮމާ އިން ޤިރާޢަތު ކޯހާއި، ސެޓްފިކެޓް 3 އިން ޢަރަބިކް، 2013ވަނަ އަހަރު ސީ.އެމް.ޑީ.އޭ. އިން ހިންގެވި ބިޒްނަސް އޮފް ފައިނޭންސްގެ ސެޓްފިކެޓް އަދި 2022ވަނަ އަހަރު ސެޓްފިކެޓް 2 އިން ކޮމްޕިއުޓަރ ބޭސިކް ކޯސް ފުރިހަމަ ކުރައްވައިފައި ވެއެވެ. އަދި 2007ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ހިންގެވި ދިވެސް އަކުރު ދަސްކޮށްދޭ ކޯހުގައި ބައިވެރިވެވަޑައިގެން ސެޓްފިކެޓް ހާސިލުކުރައްވައިފައި ވެއެވެ. އަދި ހަމަ އެ އަހަރު އިންޕްލިމެންޓިންގ ދަ ޔޫ.އެން. ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް އިންޓް އޮޕްޝަނަލް ޕްރޮޓޮކޯލް އިން ދަ މޯލްޑިވްސް ވަރކްޝޮޕްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ފާޠިމަތު ޢަޒީޒާ، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރު ދުވަހުގެ ތެރޭގައި، އޮފީހަށް ގަޑިޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި، ފާހަގަކުރެވިފައިވަނީ މަސައްކަތަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައެވެ.