އަލްފާޟިލް ޢައްބާސް މުޙައްމަދު
މ. ހޮޓާދޮށުގެ

ޢައްބާސް މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 27 ޖޫން 1987 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ޓްރެޜަރީ ޑިވިޜަންގައެވެ. އޭގެފަހުން ޢައްބާސް މުޙައްމަދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ބަދަލުވެވަޑައިގެން އެ މިނިސްޓްރީގެ އެކި ސެކްޝަންތަކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައިފައި ވެއެވެ. އެގޮތުން، އެން.ޖީ.އޯ. ރަޖިސްޓްރޭޝަން ސެކްޝަންގައްޔާއި، މިނިސްޓަރސް ބިއުރޯގައްޔާއި، ނޭޝަނަލް އިވެންޓްސް ޔުނިޓުގައި މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެ މިނިސްޓްރީގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރގެ މަގާމު ހިމެނެއެވެ.

ޢައްބާސް މުޙައްމަދު، މިނިސްޓްރީގެ އެން.ޖީ.އޯ. ސެކްޝަންގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ އެން.ޖީ.އޯ. ތަކެއްގެ ފައިލްތައް ވަކިވަކިން ތައްޔާރުކުރައްވައި، އެން.ޖީ.އޯ. ތަކުގެ ރަޖިސްޓަރީ ތައްޔާރުކުރައްވައި ކޮމްޕިއުޓަރައިޒް ކުރެއްވުމުގެ މަސައްކަތް އެންމެ އިސްކޮށް ހުންނަވައިގެން ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ރާއްޖޭގައި ބޭއްވުނު ފަސްވަނަ ސާރކް ހޯމް މިނިސްޓަރުންގެ ބައްދަލުވުމާއި، ޕާރމަނަންޓް ސެކްރެޓެރީންގެ ބައްދަލުވުމާއި، އިމިގްރޭޝަން އޮތޯރިޓީގެ ބައްދަލުވުމަށް ބޭނުންވާ ލިޔުންތައް މިނިސްޓްރީގެ އޭރުގެ ޕާރމަނަންޓް ސެކްރެޓަރީގެ ލަފާފުޅުގެ މަތިން ތައްޔާރުކުރެއްވުމާއި، އަދި އެ ބައްދަލުވުންތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޢައްބާސް މުޙައްމަދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މިނިސްޓަރސް ބިއުރޯގެ ވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، މިނިސްޓަރސް ބިއުރޯއަށް ލިބޭ ލިޔުންތަކުގެ ރަޖިސްޓަރީއެއް ހައްދަވައިގެން މިނިސްޓަރގެ ލަފާފުޅުގެ މަތިން އެ ލިޔެކިއުންތަކަށް އަވަހަށް ޖަވާބު ދެއްވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި ކުރިން މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ މަގާމުގައި ތިއްބެވި އަލްފާޟިލް ޤާސިމް އިބްރާހީމާއި، އަލްފާޟިލް މުޙައްމަދު ޝިހާބާއި، އަލްފާޟިލް ޙަސަން ޢަފީފާއި، ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދުގެ ޕާރސަނަލް އެސިސްޓެންޓް ކަމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައި ވެއެވެ.

ޢައްބާސް މުޙައްމަދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އެންމެފަހުން ވަޒީފާ އަދާކުރައްވައިފައިވަނީ އެ މިނިސްޓްރީގެ ނޭޝަނަލް އިވެންޓްސް ޔުނިޓުގެ ހެޑްގެ ގޮތުގައެވެ. މިގޮތުން، އޭރު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރަމުންގެންދިޔަ ދުވަސްތަކާއި، ރަސްމިއްޔާތުތަކާއި، އެކިއެކި ޙަފުލާތައް ޤައުމީ އަދި ވަޠަނީ ރޫޙާއި އެއްބައިވަންތަކަން ހިމެނޭގޮތަށް ފާހަގަކުރުމާ ގުޅޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތަކާއި، މިނިސްޓްރީން ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި، މުނާސަބަތުތަކާ ގުޅޭގޮތުން ރިސާރޗްތައް ހައްދަވައި، ޕުރޮގުރާމުތައް ރިވައިސް ކުރެއްވުމުގެ ކަންކަން ވަރަށް ފުރިހަމައަށް ކުރައްވައިފައި ވެއެވެ. މިގޮތުން، ފާހަގަކޮށްފައިވާ ގިނަ ދުވަސްތަކާއި، ބާއްވާފައިވާ ޖަލްސާތަކާއި، ހަރަކާތްތަކުގައި އިވެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އެންމެ އިސްކޮށް ޢައްބާސް މުޙައްމަދު މަސައްކަތް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ޚާއްޞަގޮތެއްގައި ޖުމްހޫރީ ތިރީސް، މިނިވަން ފަންސާސް ފަދަ މުހިންމު ބޮޑެތި އިވެންޓްތައް ފާހަގަކުރެވިގެން ދިޔައިރު އެ އިވެންޓްތަކުގައިވެސް ޢައްބާސް މުޙައްމަދު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ. އަދި އަތޮޅުތަކުގައި ބޭއްވުނު މިފަދަ ރަސްމިއްޔާތުތަކުގައި ޢައްބާސް މުޙައްމަދު ވަނީ ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އަތޮޅުތެރޭގައި ބޭއްވުނު މިފަދަ ރަސްމިއްޔާތުތަކުގެ ކަންކަން ހަމަޖެއްސެވުމަށްޓަކައި އަތޮޅުތެރޭގެ އެކި ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ އެކި ފަރާތްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލުތަކާ އެއްގޮތަށް އެ ރަށްރަށުގައި އެކިއެކި ހަރަކާތްތައް ހިންގެވުމުގައި ޢަމަލީގޮތުން ޢައްބާސް މުޙައްމަދު
ބައިވެރިވެވަޑައިގެންފައިވެއެވެ.

ޢައްބާސް މުޙައްމަދު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ދިވެހި ލޭންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖުގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައެވެ.