ފަސްޓް ސާރޖަންޓް (ރިޓަޔަރޑް) މުޙައްމަދު ޙަމީދު
ފަސްޓް ސާރޖަންޓް (ރިޓަޔަރަޑް) މުޙައްމަދު ޙަމީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގައި ފީލްޑް ވަރކަރ (ކްލޮރިނޭޓާ ބެހޭ) ވަޒީފާގައި، 15 އޮކްޓޫބަރު 1987 ގައެވެ. އޭގެ ފަހުން 31 ޖަނަވަރީ 1989 ގައި، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްއާ ގުޅިވަޑައިގެން ޕްރައިވެޓެއްގެ ރޭންކުގައި ޚިދުމަތް ފެށްޓެވުމަށްފަހު، ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކުގައި ޚިދުމަތްކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރައްވައިފައިވަނީ، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
ޖުމުލަ 37 އަހަރަށްވުރެ ދިގުމުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރައްވައިފައިވާ ފަސްޓް ސާރޖަންޓް (ރިޓަޔަރޑް) މުޙައްމަދު ޙަމީދު، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ޚިދުމަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، ޑިއުޓީ ސެކްޝަން، ޕޮލިސް ހެޑްކުއާޓަރޒް، ރީޖަނަލް ހެޑްކުއާޓަރޒް ލ. ކައްދޫ، ސަޕޯޓް ބެޓޭލިއަން 2، އެމް.އީ.އެސް، މިނިސްޓްރީ އޮފް ޑިފެންސް، އެސް.ޓީ.އެސް. އަދި ޑިފެންސް އިންޓެލިޖެންސް ސަރވިސް ހިމެނެއެވެ.
ފަސްޓް ސާރޖަންޓް (ރިޓަޔަރޑް) މުޙައްމަދު ޙަމީދަށް ޝަރަފުގެ ނިޝާންގެ ގޮތުގައި 4 ކުލައާއި، 5 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެ ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.
ފަސްޓް ސާރޖަންޓް (ރިޓަޔަރޑް) މުޙައްމަދު ޙަމީދަކީ، އަޚުލާޤު ރަނގަޅު، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ސާބިތުކަމާއެކުގައި ޤައުމީ ޚިދުމަތް އިސްކުރައްވައިގެން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.