އަލްފާޟިލް ޢަލީ ޢާމިރު
ޢަލީ ޢާމިރު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޒަކާތާ ބެހޭ އޮފީހުގެ ކާތިބުކަމުގެ ވަޒީފާގައި 23 ސެޕްޓެންބަރު 1985 ގައެވެ. މިހާރު ހުންނެވީ، ސިވިލް ސަރވިސް ކޮމިޝަނުގެ ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ކަމުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކްލެރިކަލް އެސިސްޓެންޓުގެ މަގާމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ޕަރސަނަލް އޮފިސަރގެ މަގާމާއި، ސީނިއަރ ޕަރސަނަލް އޮފިސަރގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވްގެ މަގާމާއި، ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަންގެ މަގާމުވެސް އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންގައި ޢަލީ ޢާމިރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޕެންޝަނަރުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ސިޓީތައް ތައްޔާރުކުރެއްވުމާއި، ވަޒީރުންނާއި، ފަނޑިޔާރުންނާއި، ސިފައިންނާއި، ފުލުހުންގެ ހުވާތައް ލިޔެ ތައްޔާރުކުރެއްވުމާއި، ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސެވުން ހިމެނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ޕަރސަނަލް ސަރވިސް ސެކްޝަނުގައި ޢަލީ ޢާމިރު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، ވަޒީފާ މެދުކެނޑިފައިވާ މުވައްޒަފުންގެ ވަޒީފާ މެދުނުކެނޑޭގޮތަށް ހަމަޖެއްސެވުމުގެ މަސައްކަތާއި، ވަޒީފާއިން ރިޓަޔަރކޮށް، ދޫކޮށްލެވޭ ފަރާތްތަކަށް ޢިނާޔަތް ހަމަޖެއްސެވުމާއި، އަދި އެފަރާތްތަކަށް ތަހުނިޔާގެ ސިޓީތައް ފޮނުއްވުންވެސް ހިމެނެއެވެ.
ޢަލީ ޢާމިރު ސިވިލް ސަރވިސް ކޮމިޝަނުގެ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނަވައިގެން، އެ ސެކްޝަންގެ މެންޑޭޓުގައިވާ އެންމެހައި މަސައްކަތްތައް ރާއްވަވައި، ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. މީގެއިތުރުން، ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭ އުސޫލުތަކާއި، ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި، ގައިޑްލައިންތަކާއި، ސަރވިސް ސްޓޭންޑަރޑްތައް އެކުލަވައިލެއްވުމާއި، ކޮމިޝަނުގެ އިދާރީ ހިންގުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ދެވޭކަން ކަށަވަރުކުރެއްވުމާއި، ކޮމިޝަނުގެ އިދާރާގެ ފްރަންޓް އޮފީހުގެ ޚިދުމަތް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.
ޢަލީ ޢާމިރު ފާހަގަކުރެވެނީ ހިންގުންތެރި، އިޚުލާޞްތެރި މުވައްޒަފެއްގެ ގޮތުގައެވެ. އަދި، މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް، ޢަލީ ޢާމިރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކަންކަން އޮޅުންފިލުއްވައިދެއްވާކަން ފާހަގަކޮށްލަން ޖެހެއެވެ. ސިވިލް ސަރވިސް ކޮމިޝަނުގައި މިހާތަނަށް ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، އުސޫލަކާއި، ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ޢަލީ ޢާމިރަށް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.