ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމް
ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކްގައި 15 ފެބުރުވަރީ 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެން.އެސް.އެސް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް1، ގްރޭޑް 2 އަދިގްރޭޑް3 ގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. މުޙައްމަދު ނަސީމް މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކްގައެވެ.
ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމަކީ، ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ސިފައިންގެ އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރައްވައި ފަންނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމް، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތުގައި، ދިގު މުއްދަތެއް ހޭދަކުރައްވައިފައިވަނީ، ކޯސްޓްގާޑުގައި ކަނޑުމަތީގައްޔާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ޕްލޭންކުރެއްވުމާއި ހިންގެވުމުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޭރުގެ ޢިއްޒަތްތެރީންގެ ސެކިއުރިޓީ ދަތުރުތަކާއި، ސާރކް ސަމިޓްގެ ސެކިއުރިޓީ ބެލެހެއްޓެވުމުގެ އިތުރުން، ކޯސްޓްގާޑް 106 ނިރޮޅު ލޯންޗް އަދި ކޯސްޓްގާޑް 133 ކާނި ލޯންޗުގެ ކެޕްޓަންގެ ހައިސިއްޔަތުންނާއި، ކޯސްޓްގާޑް ޝިޕް "ޝަހީދު ޢަލީ"ގެ އެގްޒެކެޓިވް އޮފިސަރުގެ ހައިސިއްޔަތުން ރާއްޖޭގެ ކަންކޮޅުތަކުގައި ކަނޑުމަތީގައްޔާއި، ރަށްރަށުގައްޔާއި، އަދި ރިޒޯޓުތަކުގައި ހިނގާ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި ކެޕްޓަނެއްގެ ހައިސިއްޔަތުންނާއި އެގްޒެކެޓިވް އޮފިސަރެއްގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމުގެ ޚިދުމަތުގެ މުއްދަތުގައި އެމް.އެން.ޑީ.އެފް.ގެ އޭރިޔާ ކޮމާންޑްތަކުގައްޔާއި، ކޯސްޓްގާޑުގެ އެކިއެކި ސަބްޔުނިޓުތަކުގައި މަސައްކަތްކުރައްވައިފައި ވެއެވެ. މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ކޯސްޓްގާޑު، މެރިޓައިމް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ސެންޓަރުގެ އޮޕަރޭޝަން އިންޗާޖުގެ ގޮތުގައެވެ. ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ރާއްވަވައި ހިންގެވުމާއި، މުވައްޒަފުންގެ އަޚުލާޤާއި ސުލޫކު ރަނގަޅު ކުރުމަށް މަސައްކަތްކުރެއްވުމަށާއި، ރަނގަޅު މަގު ދައްކަވައިދެއްވުމަށާއި، ވެލްފެއަރގެ ކަންކަން ހަރުދަނާކުރެއްވުމަށް ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓުތަކެއް ކޯސްޓް ގާޑުން އަތުލުމުގައި ކެޕްޓަނެއްގެ ގޮތުން މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ޗީފް ވޮރަންޓް އޮފިސަރ މުޙައްމަދު ނަސީމް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓް މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.