އަލްފާޟިލާ ރުޤިއްޔާ އިބްރާހީމް
ރުޤިއްޔާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 27 ޑިސެންބަރު 1984 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ 2 ނަންބަރު ކާތިބާގެ މަގާމުންނެވެ. 28 ޖަނަވަރީ 1987 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ 1 މާރިޗު 1989 ގައި އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ މަގާމުންނެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓުގެ މަގާމުގައި 5 އަހަރެއްހާ ދުވަހު އުޅުއްވުމަށްފަހު، ކަސްޓަމްސްއަށް ބަދަލުވެވަޑައިގަތީ 26 އެޕްރީލު 1994 ގައެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރު ވެއްޖެއެވެ.
ރުޤިއްޔާ އިބްރާހީމް އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. ފުރަތަމަ އަދާކުރެއްވީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ ވަޒީފާއެވެ. އޭގެފަހުން، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމު ފުރުއްވައިފައިވެއެވެ. މިހާރު ހުންނެވީ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައެވެ. ރުޤިއްޔާ އިބްރާހީމް ފާހަގަކުރެވިފައިވަނީ، ގަޑިއަށް ފަރުވާތެރި، އިޚުލާޞްތެރިކަމާއެކު ވަޒީފާ އަދާކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސްގެ އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރޭގައި ހިމެނޭ ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ރަންކުލަ، އަޚުލާޤީ ކުލަ، އިޚުލާސްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ކުލަ، އަދި 125 އަހަރުގެ ކުލަ، ރުޤިއްޔާ އިބްރާހީމްވަނީ ހާސިލުކުރައްވައިފައެވެ.