އަލްފާޟިލް މުޙައްމަދު ނަސީމް ޢަބްދުއްޞަމަދު
ދަފްތަރު. ނަންބަރު ރސ 3525، މާލެ

މުޙައްމަދު ނަސީމް ޢަބްދުއްޞަމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 ޖަނަވަރީ 1989 ގައި ކޯޓު ނަންބަރު 7 ގެ ޕިޔޯނެއްގެ ވަޒިފާއިންނެވެ. އެ ވަޒީފާ އަދާކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 2 ނަންބަރު ކާތިބަކަށެވެ. އޭގެފަހުން، އޯޑިޓް އޮފީހުގެ ކާތިބުކަން ކުރެއްވިއެވެ. އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ނަސީމް ޢަބްދުއްޞަމަދު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ގިނަ މަގާމުތަކެއްވެސް ފުރުއްވައިފައެވެ. އެގޮތުން ކާތިބުކަން، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 1، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 2، އަދި އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3، ކަސްޓަމްސް އޮފިސަރ ގްރޭޑް 1، ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ނަސީމް ޢަބްދުއްޞަމަދު ފާހަގަކުރެވިފައިވަނީ ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަން ދެއްވައިގެން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އެހެން މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތް ކުރައްވާ، އެހެން މީހުންގެ އިހުސާސްތަކަށް އިޙުތިރާމު ކުރައްވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައިވެސް މެއެވެ.

ރާއްޖެއާއި، ރާއްޖެއިން ބޭރުން އެކި ކާމިޔާބީތައް ހޯއްދަވައި ކަސްޓަމަށް ރީތިނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް، އަގުވަޒަން ކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރޭގައި، ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ރަންކުލަ، އިޚުލާޞްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ، އަދި 125 އަހަރުގެ ކުލަ ހާސިލުކުރައްވައިފައި ވެއެވެ.

މުޙައްމަދު ނަސީމް ޢަބްދުއްޞަމަދު މިހާރު ހުންނެވީ މޯލްޑިވްސް ކަސްޓްމަސް ސަރވިސްގެ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައެވެ.