އަލްފާޟިލާ ޢާއިޝަތު މަޢުޞޫމާ ޙަސަން
މ. ލުބޯގަސްދޮށުގެ

ޢާއިޝަތު މަޢުޞޫމާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 13 ފެބުރުވަރީ 1983 ގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ބަޖެޓު ކާތިބާގެ މަގާމުގައެވެ. އޭގެފަހުން، އެތާނގެ ސީނިއަރ ކުލާކްގެ މަގާމާއި، އެކައުންޓް ސެކްރެޓެރީގެ މަގާމާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ބަޖެޓު އޮފިސަރުގެ މަގާމާއި، ސީނިއަރ ބަޖެޓު އޮފިސަރުގެ މަގާމާއި، ސީނިއަރ އޮފިސަރުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. 38 އަހަރަށްވުރެ ދިގުމުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު، 12 މޭ 2021 ގައި ރިޓަޔަރ ކުރެއްވިއިރު ޢާއިޝަތު މަޢުޞޫމާ ހުންނެވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ ސަރވިސް މެނޭޖަރުގެ މަގާމުގައެވެ. މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގައި ޚިދުމަތްކުރައްވަން ފެށްޓެވުމުގެ ކުރިން، ޢާއިޝަތު މަޢުޞޫމާ ޙަސަން ވަނީ ޑިޕާޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިއަރގައްޔާއި، މެރިން ޑިޕާޓްމަންޓުގައްޔާއި، އެކައުންޓްސް ޑިވިޜަނުގައި ޚިދުމަތް ކުރައްވައިފައެވެ.

ޢާއިޝަތު މަޢުޞޫމާ ޙަސަން، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގައްޔާއި، ސްޓެލްކޯގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ދުވަހުން ދުވަހަށް ނިންމަންޖެހޭ ބިލުތައް ނިންމެވުމާއި، ފައިސާ ބަލައިގަތުމުގެ މަސައްކަތް ހިމެނޭހެން ފައިސާއާ ގުޅޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. ޢާއިޝަތު މަޢުޞޫމާ ޙަސަން ފާހަގަކުރެވެނީ، ކުންފުނީގެ ފަރާތުން ބާއްވާ ޚާއްޞަ ޙަފުލާތަކާއި، ކުންފުނީގެ ލެވެލްގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލު، އަދި ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

ޢާއިޝަތު މަޢުޞޫމާ ޙަސަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައިފައި ވެއެވެ. އަދި އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، އެ މުވައްޒަފުންނަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދެއްވުމުގައިވެސް އެހީތެރިވެވަޑައިގެން ދެއްވައިފައި ވެއެވެ. ޢާއިޝަތު މަޢުޞޫމާ ޙަސަން ފާހަގަކުރެވިފައިވަނީ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތްކުރެއްވި ބޭފުޅެއްގެގޮތުގައެވެ.