އަލްފާޟިލާ ފާޠިމަތު މުޙައްމަދު
ޔަމަން، ހދ. ކުޅުދުއްފުށި

ފާޠިމަތު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ފިޝަރީޒް ޕްރޮޖެކްޓް ޑިވިޜަންގައި 2 ނަންބަރު ކާތިބާގެ މަގާމުގައި 18 އެޕްރީލު 1979 ގައެވެ. ދައުލަތުގެ ޚިދުމަތުގައި 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު 20 ޖުލައި 2017 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ފިޝަރީޒް ޕްރޮޖެކްޓް ޑިވިޜަނާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ސީނިއަރ ކުލާރކްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާތިބާގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖަރުގެ މަގާމު ފުރުއްވައިފައި ވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިއުމަން ރިސޯސް ސެކްޝަން އަދި އެޑްމިނިސްޓްރޭޝަން ސެކްޝަނުގައި ހުންނަވައިގެން ފާޠިމަތު މުޙައްމަދު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ހދ. އަތޮޅުގެ 12 ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާގުޅޭ އެންމެހައި ކަންތައްތަކާއި، ޞިއްޙީ މަރުކަޒުތައް ސުޕަވައިޒް ކުރެއްވުމާއި، މީގެއިތުރުން، ސަރަޙައްދުގެ 3 އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރުބެލުމަށް ހޮސްޕިޓަލުން ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވުން ފާހަގަކޮށްލަންޖެހެއެވެ.

ފާޠިމަތު މުޙައްމަދު، ޚިދުމަތްކުރެއްވިއިރު، އޭރު އޮފީހުގައި ގާއިމުކުރެވިފައިވާ ހުރިހާ ކޮމިޓީތަކެއްގެ މަސައްކަތްތައް ރާއްވަވައި، ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކުގައި އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. މިގޮތުން، ސިވިލް ސަރވިސް ގަވާއިދުތައް އެކުލަވައިލުމާ ގުޅިގެން ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި އޮފީހުގައި އެކުލަވައިލެވުނު ކޮމިޓީތަކުގައި ކުރެއްވި މަސައްކަތްތަކާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާގުޅޭ ކަންކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ އެކިއެކި ކޮމިޓީތަކުގައި މަސައްކަތްކުރައްވައި، ބައްދަލުވުންތައް އިންތިޒާމުކުރައްވައި، ޔައުމިއްޔާ ލިޔުއްވައި ބެލެހެއްޓުމުގެ ޒިންމާވެސް އަދާކުރައްވައިފައި ވެއެވެ.

ފާޠިމަތު މުޙައްމަދުގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި ތަނުގެ އެއްވެސް ގަވާއިދަކާ ނުވަތަ އުސޫލަކާ ޚިލާފުވެފައިނުވާކަމާއި، ވަގުތަށާއި ހާޒިރީއަށް ބެހެއްޓެވި ފަރުވާތެރިކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ފާޠިމަތު މުޙައްމަދު ފާހަގަކުރެވެނީ މަސައްކަތަށް ފަރުވާތެރި، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތްކުރެއްވި، އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.

މީގެއިތުރުން، އުފުއްލަވަން ޖެހިވަޑައިގެންނެވި މަސްއޫލިއްޔަތުތަކާއި، ޓެކްނޯލޮޖީގެ ކުރިއެރުންތަކާއި، ޢިލްމީ އަދި ފަންނީ ގޮންޖެހުންތަކަކާ ގުޅިގެން ތަމްރީނުތަކުގައި ބައިވެރިވެވަޑައިގެން އަމިއްލަ ޤާބިލިއްޔަތުކަން އިތުރުކުރެއްވުމަށް ފާޠިމަތު މުޙައްމަދު މަސައްކަތްކުރައްވައިފައި ވެއެވެ. އަދި، ލިބިވަޑައިގެންފައި ހުރި ތަޖުރިބާގެ އަލީގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އާ މުވައްޒަފުން ތަމްރީނު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ފާޠިމަތު މުޙައްމަދު ކުރެއްވިއެވެ. ފާޠިމަތު މުޙައްމަދު ވަނީ އޮފީހުގެ ފަރާތުން ބާއްވާ ރަސްމިއްޔާތުތަކާއި ޙަފުލާތައް ފަދަ ކަންކަމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެކަންކަމުގައި އެހެން މުވައްޒަފުންނަށް މިސާލު ދައްކަވައިފައެވެ.