އަލްއުސްތާޒު މުޙައްމަދު ރަފީޢު
މ. ހޯރަވިލާ

އަލްއުސްތާޒު މުޙައްމަދު ރަފީޢު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 6 ޑިސެންބަރު 1980 ގައި ނޯދަން ރީޖަނަލް އޮފީހުގެ ކ. އަތޮޅު ވޯކީޓޯކީ އޮޕަރޭޓަރުގެ މަގާމުންނެވެ. އޭގެފަހުން، ކ. އަތޮޅު އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރުކަން ކުރެއްވިއެވެ. އަދި އެން.އެސް.އެސް.ގެ ޕްރައިވެޓުގެ ރޭންކުގައި 31 ޖުލައި 1982 ން 15 ސެޕްޓެންބަރ 1988 އަށް ޚިދުމަތް ކުރެއްވިއެވެ. އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 24 ޖަނަވަރީ 1989 ގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އިންވެސްޓިގޭޓަރުގެ މަގާމުންނެވެ. އެ މިނިސްޓްރީގެ އޮފީސް އެސިސްޓެންޓުގެ މަގާމާއި، ސްޕެޝަލް ޑިއުޓީ އޮފިސަރުގެ މަގާމާއި، ސްޕޯޓްސް ޑިވިޜަންގެ ވަކީލުކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއަރގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވިއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަލްއުސްތާޒު މުޙައްމަދު ރަފީޢު ފުރުއްވައިފައި ވެއެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމާއި، އެ އޮތޯރިޓީގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރައްވައިފައި ވެއެވެ.

38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު އަލްއުސްތާޒު މުޙައްމަދު ރަފީޢު 22 އޮގަސްޓު 2019 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

އަލްއުސްތާޒު މުޙައްމަދު ރަފީޢު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ޚިދުމަތް ކުރެއްވިއިރު، އެކި އަތޮޅުތަކަށް ތަފާތު ޚިދުމަތްތައް ދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

އަލްއުސްތާޒު މުޙައްމަދު ރަފީޢު ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް އަތޮޅުތަކުގައި ދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ލާމަރުކަޒީ ނިޒާމު ތަޢާރުފުކޮށް، ތަންފީޒުކޮށް މިހާރުވެސް އެ ނިޒާމުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔުމުގެ ޢަމަލީ މަސައްކަތް ކުރައްވައިފައެވެ. އޭގެތެރޭގައި، ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރު ކުރެއްވުން ހިމެނެއެވެ. މި ޚިދުމަތްތައް އަތޮޅުތަކުގައި ފެށުމަކީ، މާލެއެކޭ އެއްފެންވަރެއްގައި އަތޮޅުތަކުގައި ޚިދުމަތް ފުޅާވެގެން ގޮސް، އަތޮޅުތަކުގެ ރައްޔިތުން މި ޚިދުމަތް ހޯދުމަށް މާލެ އައިސް މަޑުކުރަންޖެހޭ ވަގުތާއި ޚަރަދު ސަލާމަތްވި މުހިންމު ބަދަލެކެވެ. އެހެންކަމުން، މިއީ، މިކަމުގެ ފައިދާ ޖުމުލަކޮށް މުޅި ރާއްޖެއަށް ލިބިގެން ދިޔަ ކަމެކެވެ. ކުރިން އެތައް ބުރައެއް އުފުލައިގެން އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށާއި، ލައިސަންސް ނެގުމަށް ބޮޑު ޚަރަދެއް ކޮށްފައި މާލެއަށް އަންނަން ޖެހޭ ޖެހުންވަނީ ނިމުމަކަށް ގެނެވިފައެވެ.

މި މަސައްކަތް ކުރެއްވީ އެން.ސީ.އައި.ޓީ. އާ ގުޅިގެން މިކަމަށް ފަރުމާކުރި ވަކި ޚާއްޞަ ވިއުގައެއްގެ ތެރެއިންނެވެ. އަދި މި މަސައްކަތުގައި މުޙައްމަދު ރަފީޢު އަދާކުރެއްވި އިސްދައުރު ފާހަގަކޮށްލަންޖެހެއެވެ.

އަލްއުސްތާޒު މުޙައްމަދު ރަފީޢުއަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން، ޚާއްޞަގޮތެއްގައި ސިންގަޕޫރުފަދަ ޤައުމުތަކުން ލޭންޑް ޓްރާންސްޕޯޓޭޝަނާ ގުޅޭ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަކުރައްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މުޙައްމަދު ރަފީޢު އަމިއްލަފުޅު ކުރިއެރުމަށްވެސް މަސައްކަތް ކުރައްވައި، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ރޮނގުން ޑިޕްލޮމާ ހާސިލު ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޝަރީޢާ އެންޑް ލޯ އިން ޑިޕްލޮމާ އަދި ޤާނޫނީ ދާއިރާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވައިފައި ވެއެވެ.

އަލްއުސްތާޒު މުޙައްމަދު ރަފީޢު ވަޒީފާ އަދާކުރެއްވުމުގައި ގެންގުޅުއްވާ މޮޓޯއަކީ، ސަރުކާރުގެ ވަޒީފާ ފުރަތަމަ ލިބިވަޑައިގެންނެވި ދުވަހު ބައްޕަ ދެއްވި ޚާއްޞަ ނަސޭހަތެވެ. އެއީ "ދަރިފުޅާއެވެ. ވަޒީފާ އަދާކުރަންވާނީ އަބަދުވެސް ތިޔައީ އެންމެ ދެރަމީހާ ކަމަށް ބަލައިގެން" ކަމަށް ވިދާޅުވެ، ދެއްވި ނަސޭހަތެވެ. މުޙައްމަދު ރަފީޢު، މިއަދާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެ މޮޓޯގައި ހިފަހައްޓަވައިގެންނެވެ.

އަލްއުސްތާޒު މުޙައްމަދު ރަފީޢު، އަދާކުރައްވައިފައިވާ ވަޒީފާތަކުގެ އިތުރުން، ފުޓްބޯޅަ ރެފްރީކަން ވެސް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.