ކެޕްޓަން އަޙްމަދު ޝާހިދު
ކެޕްޓަން އަޙްމަދު ޝާހިދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުގެ ނެވިގޭޝަން އޮފިސަރ (ޓްރޭނީ)އެއްގެ ވަޒީފާގައި 19 މާރިޗު 1985ގައެވެ. ކޯހުގައި ފުރާވަޑައިގަތުމާ ގުޅިގެން ދެފަހަރުގެ މެދުކެނޑުމަކަށްފަހު، ޚިދުމަތުގައި މި ހޭދަކުރެއްވި ޖުމުލަ 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެސް.ޓީ.އޯ.ގެ "އެމް.ވީ.ދޮނަކުޅި"ގެ ކެޑެޓް ކަމާއި، ތަރޑް އޮފިސަރ ކަމާއި، ސެކަންޑް އޮފިސަރކަން އަޙްމަދު ޝާހިދު ވަނީ ކުރައްވައިފައެވެ. އޭގެފަހުން، އެސް.ޓީ.އޯ. ބޯޓުފަހަރުގެ ޗީފް އޮފިސަރ ކަމުގެ މަގާމާއި، މާސްޓަރ ކަމުގެ މަގާމާއި، އެމް.ވީ.ބަރުޖޯރާ"ގެ ކެޕްޓަން ކަމުގެ މަގާމާއި، "އެމް.ވީ.ގުރާބު"ގެ ކެޕްޓަން ކަމުގެ މަގާމާއި، އެސް.ޓީ.އޯ.ގެ ސުޕްރިންޓެންޑެންޓުގެ މަގާމާއި، ޕޯޓް ކެޕްޓަން، ޑީ.ޕީ.އޭ.ގެ މަގާމު ފުރުއްވައިފައި ވެއެވެ. ކެޕްޓަން އަޙްމަދު ޝާހިދު މިހާރު ހުންނެވީ، އެސް.ޓީ.އޯ.ގެ މެރިން ސުޕްރިންޓެންޑެންޓް، ޑީ.ޕީ.އޭ.ގެ މަގާމުގައެވެ.
ކެޕްޓަން އަޙްމަދު ޝާހިދު ވަނީ، ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ، ފިއުލް ސަޕްލައިސް މޯލްޑިވްސްއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ފިއުލް ސަޕްލައިސް މޯލްޑިވްސްގައި މެއިންޓެނަންސް އެންޑް އޮޕަރޭޝަން ކޮންސަލްޓެންޓް ކަމުގެ މަގާމާއި، ރިޕެއަރ މެއިންޓެނަންސް ސުޕްރިޓެންޑެންޓުގެ މަގާމާއި، ޓެކްނިކަލް ޑިރެކްޓަރގެ މަގާމާއި، ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރގެ މަގާމު ފުރުއްވައިފައި ވެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ކެޕްޓަން އަޙްމަދު ޝާހިދު ކުރައްވައިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، އެސް.ޓީ.އޯ.އިން ރާއްޖެއަށް ތެލުގެ އެކި ބާވަތްތައް އިމްޕޯޓުކުރުމުގައްޔާއި، ތެޔޮ ސްޓޯރކޮށް ޑިސްޓްރިބިއުޓް ކުރުމުގައި ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އެސް.ޓީ.އޯ.ގެ އެނަރޖީ ސެކްޓަރގެ އަސާސީ ބިންގާކަމުގައިވާ
މި މަސައްކަތްތައް ފެށިގެން އައި ދުވަސްވަރު، ތެޔޮ އިމްޕޯޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނީގެ އެތެރޭގައި އިންތިޒާމް ކުރުމުގައި އެކި ދުވަސްވަރު، އެކި މަރުޙަލާތަކުގައި، ކެޕްޓަން އަޙްމަދު ޝާހިދު ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެން، ފަންނީގޮތުން އެ މަސައްކަތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ދިވެހިރާއްޖެއަށް މިހާތަނަށް ގަނެފައިވާ އެންމެ ބޮޑު ތެޔޮ އުފުލާ އުޅަނދުކަމުގައިވާ "އެމް.ޓީ. އަލިމަސް" ގަތުމުގެ ކުރިން ހަދަންޖެހުނު ޓެކްނިކަލް އިވެލުއޭޝަންތައް ހެދުމުގައްޔާއި، ޕެނަމާ ދިދައިގެ ދަށުން އުޅަނދު ރެޖިސްޓްރީ ކުރުމާއި، ކްލެސިފިކޭޝަން ހެދުމުގައި ކެޕްޓަން އަޙްމަދު ޝާހިދު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް މެދުނުކެނޑި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނެޓްވަރކް ގާއިމުކުރުމުގައިވެސް ކެޕްޓަން އަޙްމަދު ޝާހިދު އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި ހަމައެހެންމެ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ބޯޓުޔާޑު ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކާއެކު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަކީ، ކެޕްޓަން އަޙްމަދު ޝާހިދުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދެވުނު އެންމެ ކާމިޔާބު އެއް މަޝްރޫޢެވެ.
ކެޕްޓަން އަޙްމަދު ޝާހިދު މިހާރު އަދާކުރައްވަމުން ގެންދަވާ އެސް.ޓީ.އޯ.ގެ ލޮޖިސްޓިކް ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އެސް.ޓީ.އޯ.ގެ ބައިނަލްއަޤްވާމީ ދަތުރުތައް ކުރާ އުޅަނދުފަހަރުގެ ހިންގުމާއި، ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، މި ބޯޓުފަހަރުގެ ތިމާވެށްޓާ ގުޅުންހުރި ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.
ސަރުކާރުގެ މުހިންމު އެއް ވަޢުދުކަމުގައިވާ ބަންކަރިންގގެ ޚިދުމަތަކީ ދިވެހިރާއްޖެއަށް އަދި އެސް.ޓީ.އޯ.އަށްވެސް އާ ތަޖުރިބާއެއްގެ ގޮތުގައި ފެށުނު އަދި އީޖާދީ ވިސްނުންތަކާއި ޚާއްޞަ ފަންނީ ހުނަރުތަކެއް ބޭނުންވި މަޝްރޫޢެކެވެ. ކެޕްޓަން އަޙްމަދު ޝާހިދުގެ ފަންނީ ޤާބިލުކަމާއި ތަޖުރިބާގެ އަލީގައި މި މުހިންމު މަޝްރޫޢުގެ ލޮޖިސްޓިކްސް އަދި މެރިން ޓްރާންސްޕޯޓުގެ އިސް ރެޕްރެޒެންޓޭޓިވެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެން، މަސައްކަތް ކުރައްވައިފައި ވެއެވެ. މި މަޝްރޫޢުގެ ދަށުން ކެޕްޓަން އަޙްމަދު ޝާހިދު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މި މަޝްރޫޢު ވިލަރެސްކުރުމުގެ އެކި މަރުހަލާތަކުގައި ދެއްވައިފައިވާ ފަންނީ ލަފާގެ އިތުރުން، މިކަމަށް ބޭނުންވާ އުޅަނދުފަހަރު ގަތުމުގެ ކުރިން ކުރަންޖެހޭ އިންސްޕެކްޝަންތަކާއި، ހަދަންޖެހޭ ޓެކްނިކަލް އިވެލުއޭޝަންތައް ހެއްދެވުމާއި، އުޅަނދުތައް ރާއްޖެއަށް ގެނައުމުގެ އިތުރުން ފުރަތަމަ ބަންކަރު ޑެލިވަރީ ކުރުމާ ހަމައަށް ކުރަންޖެހުނު އެންމެހައި ޓެކްނިކަލް މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އަދި ކެޕްޓަން އަޙްމަދު ޝާހިދު މި މަސައްކަތްތައް ކުރައްވައިފައިވަނީ ވަރަށް ފުރިހަމައަށްކަން ފާހަގަކޮށްލަން ޖެހެއެވެ.