އަލްފާޟިލް އިބްރާހީމް ނަޞީރު
އިބްރާހީމް ނަޞީރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 4 މާރިޗު 1985 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އޭވިއޭޝަން ސެކިއުރިޓީ ގާޑެއްގެ ވަޒީފާއިންނެވެ. ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 38 އަހަރުގެ ދިގު މުއްދަތުގައި އޭވިއޭޝަން ދާއިރާގައި، އާދައިގެ އޮފިސަރެއްގެ ރޭންކުން ފެށިގެން ސަރޖަންޓް ރޭންކުގައި އެކިއެކި ރޮނގުން ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އެގޮތުން މިއަދުވެސް ޢަމަލީގޮތުން ސެކިއުރިޓީގެ މަސައްކަތް ކުރެއްވުމުގެ އިތުރުން، އަލަށް ވަންނަ މުވައްޒަފުންނަށް، މާޒީގެ ތަޖުރިބާއިން ކަންކަން ދަސްކޮށްދެއްވުމުގައި އިބްރާހީމް ނަޞީރަކީ ނަމޫނާ ބޭފުޅެކެވެ. ހުރިހާ މުވައްޒަފުންނާވެސް ގުޅޭ، ހީވާގި، ކެރޭ، އަދި މަސައްކަތުގެ ޒިންމާތައް އެނގިވަޑައިގެން އެކަންކަން ދަސްކުރައްވައިގެން ކުރިއަށް ވަޑައިގަތުމަށް ލޯބި ކުރައްވާ ބޭފުޅެއްވެސް މެއެވެ.
އިބްރާހީމް ނަޞީރު ތަޢުލީމު ހާސިލުކުރައްވައިފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުންނެވެ. އެގޮތުން ދިވެހިރާއްޖެއާއި، އިންޑިއާއިން ތަޢުލީމު ހާސިލުކުރައްވައިފައި ވެއެވެ. އަދި ވަޒީފާއާ ގުޅޭގޮތުން ތަފާތު އެކި ތަމްރީނުތައް އިބްރާހީމް ނަޞީރު ވަނީ ފުރިހަމަ ކުރައްވައިފައެވެ.
ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިބްރާހީމް ނަޞީރު ވަނީ މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން، ވައިގެ ބަނދަރުތަކުގެ އެންމެހައި ސަރަހައްދުތަކުގައި ފޯރިމަރައި، އެ ސަރަހައްދުތައް ބެލެހެއްޓެވުމާއި، ޕެޓްރޯލް ކުރެއްވުމުގެ އިތުރުން، ވައިގެ ބަނދަރަށް ޖައްސައި، އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުގައި ބޭނުންކުރެވޭ ތަކެއްޗާއި، ތަންތަން ރައްކާތެރިކޮށް ބެލެހެއްޓެވުމުގެ ގޮތުން ޗެކް ޕޮއިންޓުތަކުގައްޔާއި، ކޮންޓްރޯލް ޕޮއިންޓްތަކުގައި ޑިއުޓީ އަދާކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓުގައި ސެކިއުރިޓީއަށް ބުރުލެއް އަރާފާނެފަދަ، ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެފަދަ ފެންވަރަށް ސެކިއުރިޓީގެ ޒިންމާ އުފުއްލަވައި، އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާއެކު ވަގުތުން އަޅުއްވައިފައި ވެއެވެ.
އިބްރާހީމް ނަޞީރަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި އިޚުލާޞްތެރިކަމާއެކުގައި، ފޫހިކަމެއް ނެތި ސާބިތުވެ ހުންނަވައިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޚިދުމަތް ކުރެއްވުންމަތީ ދެމިހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.