އަލްފާޟިލާ ޒުލްފާ މުޙައްމަދު ޢަލީ
މއ. ދަނަސް

ޒުލްފާ މުޙައްމަދު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޭންކް އޮފް މޯލްޑިވްސްގެ ޓައިޕިސްޓް ކަމް ޓެލެކްސް އޮޕަރޭޓަރެއްގެ ވަޒީފާގައި، 2 އޮކްޓޫބަރު 1986 ގައެވެ. ޚިދުމަތުގައި މިއަދާ ހަމައަށް ހޭދަކުރައްވައިފައިވާ 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ އެކި ޑިޕާޓްމަންޓްތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިގޮތުން އެސިސްޓެންޓް ކަމާއި، ޖޫނިއަރ އޮފިސަރ ކަމާއި، އޮފިސަރ ކަމާއި، ޑެޕިއުޓީ މެނޭޖަރ ކަމާއި، އިންޗާޖް ކަމާއި، އަދި މެނޭޖަރުކަން ކުރައްވައިފައިވެއެވެ. މިހާރު ހުންނެވީ، ބޭންކުގެ އެކައުންޓް އޯޕަނިންގ ސެންޓަރުގެ ކަސްޓަމަރ ސަރވިސް މެނޭޖަރގެ މަގާމުގައެވެ.

ޒުލްފާ މުޙައްމަދު ޢަލީއަކީ، ބްރާންޗް މެނޭޖަރެއްގެ ހައިސިއްޔަތުން، ބްރާންޗުގެ އެންމެހައި ބޭންކިންގ މުޢާމަލާތުތައް ހިންގަވައި، ބަލަހައްޓަވައި އަދި ބްރާންޗުގެ މުވައްޒަފުން މެނޭޖުކުރައްވާ، ޤާބިލު އިސްވެރިއެކެވެ. އެކައުންޓް އޯޕަނިންގ ސެންޓަރުގެ ހުރިހާ ކަންކަން ބަލަހައްޓަވައި، މުވައްޒަފުންނަށް މަގުދައްކަވައި، ޓީމު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ނަމޫނާ މުވައްޒަފެއްވެސްމެއެވެ. ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ބްރާންޗުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދަވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އަދި ބޭންކުގައި ޚިދުމަތް ކުރައްވައިފައިވާ މުއްދަތުގެ ތެރޭގައި، ތަނުގެ އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މަސައްކަތުގެ ރޫޙު އާލާކޮށް ދެމެހެއްޓުމަށް ޒުލްފާ މުޙައްމަދު ޢަލީ، ބުރަ މަސައްކަތްތަކެއްވަނީ ކުރައްވައިފައެވެ. އަދި އޮފީހުގެ ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ތަމްރީނު ދެއްވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ޒުލްފާ ވަނީ އެހެން ފަރާތްތަކަށް ނަމޫނާއާއި މިސާލު ދައްކަވައި، ހީވާގިކަމާއެކު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.