އަލްފާޟިލް މުޙައްމަދު އަޙްމަދު
މުޙައްމަދު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޭންކް އޮފް މޯލްޑިވްސްގެ ޖޫނިއަރ އޮފިސަރގެ ވަޒީފާގައި 18 ސެޕްޓެންބަރު 1985 ގައެވެ. 9 އެޕްރީލު 2024 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެ ބޭންކުގެ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 38 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ ޖޫނިއަރ އޮފިސަރ ކަމާއި، އޮފިސަރ އިންޗާޖް/ މެނޭޖަރ، ގަން ބްރާންޗް ކަމާއި، މެނޭޖަރ، ހިތަދޫ ބްރާންޗް، މެނޭޖަރ، އިންޓަރނަލް އޮޑިޓް އެންޑް ކޯޕަރޭޓް އެފެއާޒް ކަމާއި، މެނޭޖަރ، އިންސްޕެކްޝަން ޑިޕާޓްމަންޓް ކަން ކުރައްވައިފައި ވެއެވެ. އަދި ހެޑް އޮފް އިންޓަރނަލް އޮޑިޓުގެ މަގާމާއި، ހެޑް އޮފް ޑިވެލޮޕްމަންޓް ބޭންކިންގ ސެލްގެ މަގާމާއި، މެނޭޖަރ ލޯން ސަރވިސަސް ޔުނިޓުގެ މަގާމާއި، މެނޭޖަރ، ޑޭޓާ ކްލީންސިންގެ މަގާމު ފުރުއްވައިފައި ވެއެވެ.
ބޭންކިންގ ޓްރާންސެކްޝަން، ބްރާންޗް އޮޕަރޭޝަންސް، އޮޑިޓްސް އަދި ކޮމްޕްލަޔަންސް މެނޭޖްކުރައްވައި، ލޯނު ޑޮކިއުމެންޓޭޝަން އަދި ޑޭޓާ އޮޕްޓިމައިޒޭޝަން ލީޑްކުރައްވައި، ސްޓްރަކްޗަރޑް ޕްރޮކިއުމަންޓް ފްރޭމްވަރކެއް، މުޙައްމަދު އަޙްމަދު ގާއިމުކުރެއްވިއެވެ. އަދި ސިޔާސަތުތަކަށް ބޯލެނބުމާއި، އޮޕަރޭޝަނަލް އެފިޝެންސީ ކަށަވަރުކޮށްދެއްވައިފައިވެއެވެ. މުޙައްމަދު އަޙްމަދުގެ ލީޑަރޝިޕާއި ތަޖުރިބާގެ އަލީގައި ބޭންކިންގ އޮޕަރޭޝަންސް، ރިސްކް މެނޭޖްމަންޓް އަދި ގަވަރނަންސް ވަރަށް ބޮޑަށް ހަރުދަނާވެގެން ދިޔައެވެ.
މުޙައްމަދު އަޙްމަދު ފާހަގަކުރެވެނީ ޢަޒުމް ވަރުގަދަ، ފަރުވާތެރިކަމާއެކު މައްސަލަތައް ހައްލުކުރުމުގައި އިސްނަންގަވައިގެން މަސައްކަތްކުރައްވައި އަދި ޓީމް ލީޑަރޝިޕް ހަރުދަނާކަމާއެކު ކުރިޔަށް ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ބޭންކުގައި ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި، ތަނުގެ އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
މުޙައްމަދު އަޙްމަދަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މަސައްކަތުގެ ރޫޙު އާލާކޮށް ދެމެހެއްޓެވުމަށް ބުރަ މަސައްކަތްތަކެއްވަނީ ކުރައްވައިފައެވެ. އަދި އޮފީހުގައި ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ތަމްރީނު ދެއްވަމުން ގެންދެވިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މުޙައްމަދު އަޙްމަދުގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި ވަނީ އެހެން ފަރާތްތަކަށް ނަމޫނާއާއި މިސާލު ދައްކަވައި، ހީވާގިކަމާއެކު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ.