ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް
ހމ. ފްލެޓްނަންބަރު 04-ޖީ-88

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް، ދައުލަތުގެ ޚިދުމަތް ފެށްޓެވީ 9 މާރިޗު 1986ގައި ކަސްޓަމްސް މެނޭޖްމަންޓް ސަރވިސް ބްރާންޗްގެ ގާޑެއްގެ ގޮތުގައެވެ. އެއަށްފަހު، ނެޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ވަޒީފާއާ ގުޅިވަޑައިގެންފައިވަނީ 6 ސެޕްޓެންބަރު 1989 ގައެވެ.

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި މުޙައްމަދު ޝަރީފް މިހާރު ހުންނެވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކްގައްޔާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކްގައްޔާއި، ސަބް-އިންސްޕެކްޓަރގެ ރޭންކްގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2ގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް، ދިވެހި ޢަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން ދޫނިދޫގައްޔާއި، ސްޕެޝަލް އޮޕަރޭޝަންސްގައްޔާއި، ހެންވޭރު ޕޮލިސް ސްޓޭޝަންގައްޔާއި، ވިލިނގިލި ޕޮލިސް ސްޓޭޝަންގައްޔާއި، ސެންޓްރަލް ޕޮލިސް ކޮމާންޑްގައްޔާއި، ކ. އަތޮޅުގައްޔާއި، އއ. އަތޮޅުގައްޔާއި، މާފަންނު ފޮލިސް ސްޓޭޝަންގައްޔާއި، ހުޅުމާލޭ ޕޮލިސްގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރ. އަތޮޅުގައްޔާއި، ޅ. އަތޮޅުގައްޔާއި، މާލޭ ކަސްޓޯޑިއަލްގައްޔާއި، މެރިން އެންފޯރސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައްޔާއި، މެރިން އެޑްމިނިސްޓްރޭޝަން އެންޑް ޓްރާންސްޕޯޓް ޔުނިޓްގައްޔާއި، ވިލިމާލެ ކަސްޓޯޑިއަލްގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް، ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ތަޙުޤީޤުކުރުމުގެ ދާއިރާއިންނާއި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން 2003ވަނަ އަހަރު ދިވެހިރާއްޖޭގެ 38ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކިއެކި ހަރަކާތްތަކުގެ ސެކިއުރިޓީގައި މަސައްކަތް ކުރައްވައިފައިވުމާއި، 2006ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ބަލައި، އެކަށީގެންވާ ކާމިޔާބެއް ހާސިލުކުރުމަށް މަސައްކަތް ކުރައްވައިފައިވުމާއި، 2007ވަނަ އަހަރު ހެންވޭރު ރައްޔިތުން އިސްނަގައިގެން "ސާފު ހެންވޭރު-މަގޭ ހެންވޭރު" މި ޝިޢާރުގެ ދަށުން ހެންވޭރު ސާފުކުރުމުގެ ޕުރޮގުރާމުގައި މަސައްކަތް ކުރައްވައިފައިވުން ހިމެނެއެވެ. އަދި 2007ވަނަ އަހަރު ރ. އުނގޫފާރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ފަރާތުން ހިންގި އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައިވުމާއި، 2013ވަނަ އަހަރު ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބުލޫ ވޭވް" ގައި އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވައިފައިވުމާއި، 2017ވަނަ އަހަރު ދޫނިދޫގައި ބިނާކުރި "މަސްޖިދުލް ޒައިދު ޙާރިޘާ" މިސްކިތް ބިނާކުރުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އަދި 2019ވަނަ އަހަރު މިނިވަން ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހިންގި އެކިއެކި ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެއްވައި، 2020ވަނަ އަހަރު ކޮވިޑް19- އާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

މީގެ އިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގައިވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފް ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ފަރުވާތެރިކަމާއެކުގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 5 ކުލައާއި، 9 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، އަދި އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.