އަލްފާޟިލް މުޙައްމަދު ޢާޞިމް
ސީނިއަރ ސުޕްރިންޓެންޑެންޓް މުޙައްމަދު ޢާޞިމް ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 1984ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ފުރަތަމަ އަދާކުރެއްވީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމެވެ. ޢާޞިމްގެ ޚިދުމަތުގެ މުއްދަތާއި، އަދި ފެންވަރަށް ބަލައި، ކުންފުނިން މަގާމުގެ ކުރިއެރުންތައް ލިބިވަޑައިގެންނެވިއެވެ. އެގޮތުން، ސެކަންޑް ލެފްޓިނެންޓްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އެއަރޕޯޓް ސެކިއުރިޓީއާ ބެހޭ ކަންކަން، 2013 ގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބަދަލުވުމާއެކު، މުޙައްމަދު ޢާޞިމް، އެވްސެކް ސްޕްރިންޓެންޑެންޓުގެ މަގާމަށް ހަމަޖެއްސެވިއެވެ. މިހާރު ހުންނެވީ، ސީނިއަރ ސްޕްރިޓެންޑެންޓުގެ މަގާމުގައި ހެޑް އޮފް މެއިންޓެނަންސްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު ޢާޞިމް ވަނީ، މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މިގޮތުން ވައިގެ ބަނދަރުގެ އެންމެހައި ސަރަހައްދުތަކުގައި ފޯރިމަރައި، އެ ސަރަހައްދުތައް ބެލެހެއްޓެވުމާއި، ވައިގެ ބަނދަރަށް ޖައްސައި އަދި، ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުގައި ބޭނުންކުރެވޭ ތަކެއްޗާއި، ތަންތަން ރައްކާތެރިކޮށް ބެލެހެއްޓެވުމުގެ ގޮތުން އެތައް މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓުގައި ސެކިއުރިޓީއަށް ބުރުލެއް އަރާފާނެފަދަ ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ފަދަ ފެންވަރަށް ސެކިއުރިޓީގެ ޒިންމާ އުފުލައްވައި، އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސާބިތުކަމާއެކު ވަގުތުން އަޅުއްވައިފައިވެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިމާރާތުގެ މައްސަލަތައް ހައްލުކޮށް އޮޕަރޭޝަންތަކަށް ބުރޫ އެރިޔަނުދީ މުޙައްމަދު ޢާޞިމް އެކަންކަން ބަލަހައްޓަވައި ދެއްވައިފައި ވެއެވެ. މުޙައްމަދު ޢާޞިމްގެ ހަރުދަނާ ލީޑަރޝިޕާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރާއެކު، މެއިންޓެނަންސް ޓީމަށް ފައިދާހުރި ގޮތެއްގައި އިސްނަންގަވައިގެން ކުރިއަށް ވަޑައިގަންނަވައި، އަދި ކުރިމަތިވާ މައްސަލަތަކަށް އަވަސް ހައްލުތައް ހޯއްދަވައި ދެއްވައިފައި ވެއެވެ. މިކަމުގެ ސަބަބުން، މުޙައްމަދު ޢާޞިމް ވެފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް އަގުހުރި ރައުސްމާލަކަށެވެ.
މުޙައްމަދު ޢާޞިމަކީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކު 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ފޫހިކަމެއްނެތި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރެއްވުންމަތީ ދެމިހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.