އަލްފާޟިލް މުޙައްމަދު ޚަލީލު
މުޙައްމަދު ޚަލީލަކީ، 1984 އިން 1985 އަށް ދިވެހިރާއްޖޭގެ އިންސްޓިޓިއުޓް އޮފް ޓީޗަރ އެޑިޔުކޭޝަން އިން ޕްރައިމަރީ ޓީޗިންގ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، 1 ޖަނަވަރީ 1986ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ތަޢުލީމީ ދާއިރާގެ ޚިދުމަތަށް ނުކުމެވަޑައިގެން، އޭރު އައްޑުއަތޮޅު ތަޢުލީމީ މަރުކަޒު މިހާރުގެ ޝަރަފުއްދީން ސްކޫލުން މި ދާއިރާއަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. އޭގެފަހުން، ލ. އަތޮޅު މަދަރުސާއާއި، ލ. ގަން މުކުރިމަގު ސްކޫލާއި، ލ. ގަން ތުނޑީ ސްކޫލުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، އެސިސްޓެންޓް ހެޑްމާސްޓަރގެ މަގާމު ހިމެނެއެވެ. އޭގެފަހުން، ގަން ތުނޑީ ސްކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމާއި، ޑެޕިއުޓީ ޕްރިންސިޕަލުގެ މަގާމާއި، ގަން ތުނޑީ އިހައްދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި، ޑެޕިއުޓީ ޕްރިންސިޕަލް (އެޑްމިނިސްޓްރޭޝަން)ގެ މަގާމު ފުރުއްވައިފައި ވެއެވެ.
މުޙައްމަދު ޚަލީލުގެ ޚިދުމަތުގެ އެންމެ ކާމިޔާބު ދުވަސްތައް ގުޅިފައިވާ ސްކޫލުކަމުގައިވާ ލ. ގަން ތުނޑީ ސްކޫލް ހިންގެވުމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ ސްކޫލުގައި ނިޒާމީ ތަޢުލީމު ދެއްވަން ފަށްޓަވައި، އެ ސްކޫލަކީ ރަނގަޅު، ހަރުދަނާ ޓީޗަރުންގެ ޓީމެއް އޮތް ސްކޫލަކަށް ހެއްދެވުމަށްޓަކައި މުދައްރިސުން ހޯއްދަވައިދެއްވައި، މުދައްރިސުން ބިނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. މީހުން ބިނާކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، ލ. ގަމު ތުނޑީ އަވަށު އޮފީހުން އިސްނަންގަވައިގެން މުދައްރިސުން ތަމްރީނު ކުރުމަށް ސްރީލަންކާއަށް 30 މީހަކު ފޮނުއްވައިގެން ކުރެވުނު ކާމިޔާބު މަސައްކަތުގައި މުޙައްމަދު ޚަލީލު، ރ.ކ. ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ސްކޫލުގެ އިސްވެރިޔާގެ ހައިސިއްޔަތުން މުހިންމު ދައުރެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މީގެއިތުރުން، ތުނޑީ ސްކޫލާއި އިހައްދޫ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމާއި، ޢުމްރާނީގޮތުން ގެންނަންޖެހޭ ތަރައްޤީ ގެނައުމުގެ މަސައްކަތްތައްވެސް މުޙައްމަދު ޚަލީލު ކުރައްވައިފައިވެއެވެ. މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ލ. ގަމުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ހުރިހާ ދާއިރާއެއްގައި މުޙައްމަދު ޚަލީލުގެ ދަރިވަރުން މިހާރު ތިބިކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މުޙައްމަދު ޚަލީލު ފާހަގަކުރެވެނީ، ގަމުގެ ހުރިހާ އަވަށެއްގެ ތަޢުލީމަށް މި ފަހުގެ ތާރީޚެއްގައި އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެއް ބޭފުޅެއްގެ ގޮތުގައެވެ.
ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލަކީ، އިމާރާތްތައް ގިނަ، ގޯތީގެ ޖާގަ ބޮޑު ސްކޫލެއްކަމުން ސްކޫލްގެ އިމާރާތްތަކާއި ވަސީލަތްތައް ބެލެހެއްޓުން ވެފައިވަނީ، ގޮންޖެހުން ބޮޑުކަމެއް ކަމުގައެވެ. މިދެންނެވި ކަންކަން ކުރެއްވުމުގެ އިތުރުން، ޙަމަދު ސްކޫލުގެ ބެލުމުގެ ދަށުގައި ހުންނަ 12 އެޕާޓްމަންޓް ހިމެނޭ ދަނާލު ހިންގާ ބެލެހެއްޓުމުގެ ކަންކަން ޕްރިންސިޕަލާއި ދަނާލު ބޯޑުގެ ލަފައާ އެކީގައި، ޒިންމާދާރުކަމާއެކު މުޙައްމަދު ޚަލީލު ގެންދަވަނީ ކުރައްވަމުންނެވެ.