އަލްފާޟިލް އިބްރާހީމް ނަޝީދު އަޙްމަދު
ކަރަންކާގެ، އދ. ފެންފުށި

އިބްރާހީމް ނަޝީދު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ އދ. ފެންފުށީ ކޯޓުގެ ކާތިބުގެ މަގާމުގައި 4 އޮކްޓޫބަރު 1979 ގައެވެ. މިހާރު ހުންނެވީ އދ. ފެންފުށީ ކައުންސިލުގެ އިދާރާގެ ސީނިއަރ ފައިނޭންސް އޮފިސަރުގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 39 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ފެންފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމާއި، ފެންފުށީ އޮފީސް އަދި އދ. ފެންފުށީ ކައުންސިލުގެ އިދާރާގެ ކުޑަކަތީބުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އިބްރާހީމް ނަޝީދު އަޙްމަދު، ފެންފުށީ ކޯޓުގައި ޚިދުމަތްކުރެއްވިއިރު ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްފަދަ ލިޔުންތައް ފަރުވާތެރިކަމާއެކު އަތުން ލިޔުއްވައިފައި ވެއެވެ. ފެންފުށީ އޮފީހާއި ފެންފުށީ ކައުންސިލުގެ އިދާރާގެ ފައިސާއާ ގުޅޭ މަސައްކަތްތައް ވެސް ވަރަށް ޒިންމާދާރުކަމާއެކުގައި ކުރައްވައިފައި ވެއެވެ.

އދ. ފެންފުށީގެ ތަރައްޤީއަށް ކުރެވިފައިވާ އެކިއެކި މަސައްކަތުގައި އިބްރާހީމް ނަޝީދު އަޙްމަދުގެ ހިއްސާބޮޑެވެ. އެގޮތުން ފެންފުށީ އޮފީސް އިމާރާތްކުރުމުގެ މަސައްކަތާއި، އިޖުތިމާޢީ މަރުކަޒާއި، ޞިއްޙީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތާއި، އަދި ފެންފުށީގައި ހުންނަ އާސާރީ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެކިފަހަރުމަތިން ކުރެވިފައިވާއިރު އެކަންކަމުގައި އިބްރާހީމް ނަޝީދު އަޙްމަދުގެ ހިއްސާ ފާހަގަކޮށްލަންޖެހެއެވެ. އަދި ހަމައެހެންމެ، ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި، އަންހެނުންގެ ވޮލީބޯޅަ މުބާރާތް 2024ގެ ހިންގާ ކޮމިޓީގައި ޚިދުމަތް ކުރެއްވުމާއި، ކައުންސިލު އިދާރާގެ ބިޑު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އިބްރާހީމް ނަޝީދު އަޙްމަދު، އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި އިމާމުވެ ހުކުރު ނަމާދުކުރެއްވުމާއި، ކަށުކަމާކެމީގެ ކަންކަންވެސް ކުރައްވައެވެ.

އިބްރާހީމް ނަޝީދު އަޙްމަދުގެ ޚިދުމަތުގެ ދިގު މުއްދަތުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައި ދިމާވާ އިދާރީ އަދި ފައިސާއާގުޅޭ މައްސަލަތައް ހައްލުކޮށް ދެއްވުމުގައިވެސް އެހީތެރިވެދެއްވައެވެ. އިބްރާހީމް ނަޝީދު އަޙްމަދަކީ، ރަށުގައި ހިނގާ ތަރައްޤީގެ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތްކުރައްވާ ވަރަށް ޚިދުމަތްތެރި ބޭފުޅެއްވެސް މެއެވެ.