އަލްފާޟިލް އަޙްމަދު ފިރާޤު
އަޙްމަދު ފިރާޤު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޯދަން ރީޖަނަލް އޮފީހުގެ ކ. އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯނު އޮޕަރޭޓަރ ވަޒީފާގައި 24 ޑިސެންބަރު 1985 ގައެވެ. ޚިދުމަތުގައި މި ހޭދަކުރެއްވި 39 އަހަރަށްވުރެ ދިގު މުއްދަތުގައި ކ. އަތޮޅުއޮފީހުގެ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، ސީނިއަރ ރޭޑިއޯ ޓެލެފޯން އޮޕަރޭޓަރ ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ކ. ތުލުސްދޫ އޮފީހުގެ ކާތިބުކަން ކުރައްވައިފައި ވެއެވެ. އަދި ކ. އަތޮޅު އޮފީހުގެ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، މާލެ އަތޮޅު ކައުންސިލް އިދާރާގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. އަޙްމަދު ފިރާޤު މިހާރު ހުންނެވީ މާލެއަތޮޅު އަތޮޅު ކައުންސިލުގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.
އަތޮޅުއޮފީހުގައި މަސައްކަތް ކުރެއްވިއިރު އަޙްމަދު ފިރާޤު، އެ އޮފީހުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންނާބެހޭ މަސައްކަތްތަކާއި، ޕްރޮޖެކްޓްތަކާ ގުޅޭ ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ. އަދި، ކައުންސިލް އިދާރާގެ ވަޒީފާއާ ގުޅޭ ކަންކަމާއި، އިދާރީ މަސައްކަތްތައްވެސް ކުރައްވައި އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މަގާމާއި، މާލީ ޒިންމާދާރު ވެރިޔާގެ މަގާމުގެ ވާޖިބުތައް އަޙްމަދު ފިރާޤު ވަރަށް ފުރިހަމައަށް އަދާކުރައްވައިފައި ވެއެވެ.
އަޙްމަދު ފިރާޤު، ތުލުސްދޫ އޮފީހުގެ ކާތިބުކަމުގެ މަގާމުގައި އެ އޮފީހުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން، ތުލުސްދޫގެ ކުރިއެރުމަށާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މިގޮތުން، ރަށުގެ މަގުފާރުތައް ރޭނުމާއި، އިޖުތިމާޢީ މަރުކަޒު ނިންމުމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، މަސްވެރިންނަށް މަސް ސެންޓަރެއް ގާއިމު ކުރުމާއި، ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައްޔާއި، ފެރީ ދޯންޏެއް ހަމަޖައްސަވައިދެއްވުންފަދަ ކަންކަމުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.
އަޙްމަދު ފިރާޤު، ފާހަގަކުރެވެނީ ވަޒީފާ އަދާކުރެއްވުމުގައި ވަރަށް ފަރުވާތެރިކަން ބަހައްޓަވާ، އަދި ތުލުސްދޫގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކަށާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައިވެސްމެއެވެ.
1988 ނޮވެންބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން މާލެއިން ލިބިވަޑައިގަންނަވަމުންދިޔަ އިރުޝާދުތަކާ އެއްގޮތަށް ކަންތައްތައް ގެންދެވުމަށް ރައްޔިތުންނަށް ބާރުއަޅުއްވައި އަޙްމަދު ފިރާޤު ކ. އަތޮޅު އޮފީހުގެ ރޭޑިޔޯ ޓެލެފޯން އޮޕަރޭޓަރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތައް ހަނދާންކޮށްލަން ޖެހެއެވެ.
އަޙްމަދު ފިރާޤަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން ފަރާތްތަކަށް ކަންކަން އޮޅުންފިލުވައިދެއްވައި ދަސްކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. އަދި، އޮފީހުގެ ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިވެދެއްވައި، އެ މުވައްޒަފުން އޮފީހަށް އަހުލުވެރިކުރުވުމުގެ ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައިދެއްވައިފައި ވެއެވެ.
އަޙްމަދު ފިރާޤުގެ ޚިދުމަތުގެ މި ދިގު މުއްދަތުގައި، އެއްވެސް މައްސަލައެއް ޖެހިފައިނުވާކަމާއި، އަދި އަޙްމަދު ފިރާޤަކީ، ހާޒިރީއަށް ވަރަށް ފަރުވާތެރި މުވައްޒަފެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.