އަލްފާޟިލާ ޢާއިޝަތު ރަޟިއްޔާ
ޢާއިޝަތު ރަޟިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޯދަން ރީޖަނަލް އޮފީސް ކ.ހުރާ އޮފީހުގެ ކާތިބާކަމުގެ މަގާމުގައި 6 އެޕްރީލު 1985 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 39 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ކާތިބާގެ މަގާމާއި، ކްލަރކް ގްރޭޑް1ގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމާއި، އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރގެ މަގާމު ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަގާމުގައެވެ.
ޢާއިޝަތު ރަޟިއްޔާ، ޚިދުމަތުގެ ދިގު މުއްދަތުގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓެވުމާއި، ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، ރަށުގައި ރަށްވެހިނުވެ ދިރިއުޅެމުންދާ މީހުންނާއި، ބިދޭސީންގެ ދަފުތަރު ލިޔުއްވައި ބެލެހެއްޓެވުމާއި، ކަރަންޓާއި، ފެނާއި، ނަރުދަމާ ނިޒާމުފަދަ ޚިދުމަތްތަކާ ގުޅޭ ކަންކަން ބެލެހެއްޓެވުމުގެ އިދާރީ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ އިދާރީ ކަންކަމާއި، ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމުގައި ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުމުގެ އިދާރީ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އަދި އުފަންދުވަހުގެ ރަޖިސްޓަރީއާއި ސެޓްފިކެޓް ތައްޔާރުކުރައްވައި ބެލެހެއްޓެވުމާއި، އާބާދީގެ އެކި އުމުރުފުރާތަކުގެ ދެ ޖިންސްގެ ވަކިން ދަފުތަރު ބެލެހެއްޓެވުމާއި، އައި.ޑީ.ކާޑު ހެދުމުގެ މަސައްކަތްތަކާއި، "ގެމެން" ޕޯޓަލްގެ މަސައްކަތްތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދާރީވުމާ ގުޅޭ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ރަށުން ދޫކުރާ ގޯތިތަކާއި އަދި އިމާރާތްތަކުގެ ރަޖިސްޓްރީތައް ހެދުމުގެ ހުރިހާ މަސައްކަތެއްވެސް ކުރައްވަމުން ގެންދަވައެވެ.
މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި ޢާއިޝަތު ރަޟިއްޔާ، ތަފާތު ތަމްރީނު ޕުރޮގުރާމުތައް ވަނީ ފުރިހަމަ ކުރައްވައިފައެވެ.
ޢާއިޝަތު ރަޟިއްޔާ، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އިޚުލާޞްތެރި ޚިދުމަތްތަކާއި، ރަށުގެ ތަރައްޤީއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 2017ވަނަ އަހަރު އެޓޯލް އެވޯޑް ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.