އަލްފާޟިލާ ޢާއިޝަތު ވަޙީދާ
ޢާއިޝަތު ވަޙީދާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ ކޯޓު ނަންބަރު 3ގެ ޓައިޕިސްޓުގެ ވަޒީފާގައި 26 ޖޫން 1980 ގައެވެ. 7 އޮކްޓޫބަރު 1984 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 22 ޖަނަވަރީ 1986 ގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޓައިޕިސްޓުގެ ވަޒީފާއިންނެވެ. 11 ފެބުރުވަރީ 1990 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު ދެން ޚިދުމަތް ފެށްޓެވީ 12 ފެބުރުވަރީ 1990 ގައި މިފްކޯ އިންނެވެ. ދައުލަތުގެ ޚިދުމަތުގައި 39 އަހަރު ވޭތުކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައެވެ. މިފްކޯގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޖޫނިއަރ އެގްޒެކެޓިވްގެ މަގާމާއި، ސީނިއަރ އެގްޒެކެޓިވްގެ މަގާމާއި، މިފްކޯގެ ސީނިއަރ އެގްޒެކެޓިވްގެ މަގާމާއި، އެސިސްޓެންޓް މެނޭޖަރގެ މަގާމު ފުރުއްވައިފައި ވެއެވެ.
ޢާއިޝަތު ވަޙީދާ، ކޯޓު ނަންބަރު 3ގައި ޚިދުމަތްކުރެއްވިއިރު، ޝަރީޢަތުގައި ނެގޭ ބަޔާންތަކާއި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އަދި މަހުޟަރު ބަޔާން ފަދަ ލިޔުންތައް ފަރުވާތެރިކަމާއެކުގައި އަތުން ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ލިޔުއްވައި، ބަލަހައްޓަވައިފައި ވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ތައްޔާރު ކުރެއްވުންފަދަ މަސައްކަތްތައް ކުރައްވައިފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ވަޒީފާ އަދާކުރެއްވިއިރު، ޕާސްޕޯޓަށް އެދޭ ފޯމު ބަލައިގަތުމާއި، ޕާސްޕޯޓް ތައްޔާރުކުރުމުގެ މަސައްކަތާއި، ޕާސްޕޯޓު ބެލެހެއްޓުމުގެ މަސައްކަތާއި، ޕާސްޕޯޓު ދޫކުރުމުގެ އެންމެހައި މަސައްކަތްތަކާއި، އިދާރާއަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ މުޢާމަލާތު ކުރައްވައި އެފަރާތްތަކަށް ޚިދުމަތް ދިނުމުގެ މަސައްކަތް ޢާއިޝަތު ވަޙީދާ ކުރައްވައިފައި ވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާގައި، ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަންގެ މަސައްކަތްތަކާއި، އިދާރާއަށް ލިބޭ ލިޔެކިޔުންތަކާއި، އިދާރާގެ ފަރާތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ގަވާއިދުން ފޮނުއްވައި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ޢާއިޝަތު ވަޙީދާ ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކުންފުނީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންނާ ގުޅުންހުރި އެންމެހައި މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.
ޢާއިޝަތު ވަޙީދާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރެއްވި މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައިފައި ވެއެވެ. އަދި، އޮފީހުގެ ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، ކުންފުނީގެ ފަރާތުން ބާއްވާ ޚާއްޞަ ޙަފުލާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.