އަލްފާޟިލް ޙުސައިން ޢަލީ
ޙުސައިން ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 14 މާރިޗު 1987 ގައެވެ. މި ވޭތުވެދިޔަ 39 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ޚިދުމަތް ކުރައްވައިފައިވަނީ އަދި، މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. ޙުސައިން ޢަލީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ގިނަ މަގާމުތަކެއް ފުރުއްވައިފައި ވެއެވެ. އެގޮތުން ކްލާރކްގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2ގެ މަގާމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3ގެ މަގާމު އަދި ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމު ފުރުއްވައިފައި ވެއެވެ.
ޙުސައިން ޢަލީގެ ޚިދުމަތުގެ ދިގު މުއްދަތުގައި، ކަސްޓަމްސްގެ އެކި ސެކްޝަންތަކުގައި ތަފާތު އެކިއެކި މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އޭގެ ތެރޭގައި، ޑިއުޓީ ފްރީ ސެކްޝަނާއި، ޑިޕަރޗަރ ޔުނިޓް (ޕެސެންޖަރ ކްލިއަރެންސް)އާއި، ސީ ކާގޯ ޑޮކިއުމެންޓޭޝަނާއި، ސީ ކާގޯގެ އެގްޒަމިނޭޝަނާއި، އެއަރ ކާގޯ ޑޮކިއުމެންޓޭޝަނާއި، އިންޓަރނަލް އޮޑިޓްގައްޔާއި އަދި، ޕެސެންޖަރ ކްލިއަރެންސް ސެކްޝަން ހިމެނެއެވެ. މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ޑިޕަރޗަރ ޔުނިޓް (ޕެސެންޖަރ ކްލިއަރެންސް ޔުނިޓު)ގައި ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގައެވެ.
ލިބިވަޑައިގެންފައިވާ ހުނަރާއި، ތަޖުރިބާގެ އަލީގައި މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފުންނަށް ކަންކުރަންވީ ރަނގަޅު ގޮތްތައް ވިދާޅުވެދެއްވައި، ކަންކަން އޮޅުންފިލުވައި ދެއްވައެވެ. އަދި ހަމައެހެންމެ، ޙުސައިން ޢަލީއަކީ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރައްވާ ތަޖުރިބާކާރު، ހުނަރުވެރި ބޭފުޅެއްވެސް މެއެވެ.
ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރެއްވުމުގެ ގޮތުން، ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރޭގައި ހިމެނޭ ޤާބިލުކަމުގެ ކުލަ، ކާމިޔާބުގެ ރަންކުލަ، އަޚުލާޤީ ކުލަ، އިޚުލާޞްތެރިކަމުގެ ކުލަ، ޚިދުމަތުގެ ކުލަ، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ، 125 އަހަރުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ޙުސައިން ޢަލީ ހާސިލުކުރައްވައިފައި ވެއެވެ.