މޫސާ އަންވަރު
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، މޫސާ އަންވަރަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި، ޞިއްޙީ ރޮނގުން މީހުން ބިނާކުރެއްވުމަށާއި، ޞިއްޙީ ދާއިރާގެ އިސް މަގާމުތަކެއްގައި ހުންނަވައިގެން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށާއި، ޞިއްޙީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެމަނިކުފާނު ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
އައްޑުއަތޮޅު މީދުއަށް އުފަންވެވަޑައިގަތް، މޫސާ އަންވަރު ނުވަތަ އާންމު ނަމުން ދަންނަވާނަމަ، ތުއްތުދީދީ، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ. އެއީ، ރޯޔަލް އެއަރފޯސް ގަމުގައެވެ. އޭރު މޫސާ އަންވަރުގެ އުމުރުފުޅަކީ، އެންމެ 16 އަހަރެވެ. އޭރުވެސް، މޫސާ އަންވަރަށް އިނގިރޭސި ބަސް ރަނގަޅަށް އެނގިވަޑައިގަންނަވާތީ، އެ ފުރުޞަތު ލިބިވަޑައިގަތީއެވެ. ފުރަތަމަ އަދާކުރެއްވީ، އިންޓަރޕްރިޓަރެއްގެ ވަޒީފާއެވެ. އޭގެފަހުން، މެޑިކަލް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރެއްވިއެވެ. މި ދެންނެވި ވަޒީފާތައް އަދާކުރައްވަމުން ގެންދެވިއިރު، އެކަންކަމާ ގުޅޭ ތަމްރީނުތައް ފުރިހަމަކުރެއްވުމުގެ ފުރުޞަތު، މޫސާ އަންވަރަށް ލިބިވަޑައިގަތެވެ. އެއީ، ގަމުގައި ހުންނަ މެޑިކަލް ސެންޓަރުގައި ހިންގި ތަމްރީނުތައް ހިންގަމުން ގެންދިޔައިރުގައެވެ.
މޫސާ އަންވަރު އެންމެ ފުރަތަމަ ފުރިހަމަކުރެއްވީ، ޑެންޓަލްއާ ބެހޭ ތަމްރީނުތަކެވެ. އެ ތަމްރީނުތައް ފުރިހަމަކުރެއްވުމަށްފަހު، ދަތުގެ ފަރުވާއާއި، ދަތްޖެހުމާއި، ހިރުގަނޑުގެ މަސައްކަތް، ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކުރެއްވިއެވެ. އޭގެފަހުން، ނަރސް މިޑްވައިފްކަންވެސް މޫސާ އަންވަރު ކުރެއްވިއެވެ. އަދި އޮޕަރޭޝަން ތިއޭޓަރުގައިވެސް މަސައްކަތްޕުޅު ކުރެއްވިއެވެ. ހަމައެއާއެކު، ބަލިމީހުންނަށް ދޭންޖެހޭ އެކިއެކި ފަރުވާތައް ދެއްވުމާބެހޭ އެންމެހައި މަސައްކަތްތައް، ޑޮކްޓަރުންގެ ލަފާގެ މަތިން ކުރައްވަމުން ގެންދެވިއެވެ. ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭ.އާރު.އޭ.އެފް.އިން ދެއްވި ފާރއީސްޓް ކޮމާންޑުގެ ވެރިޔާގެ ކޮމެންޑޭޝަން ނުވަތަ އޭ.އޯ.ސީ.ގެ ކޮމެންޑޭޝަން 1975 ވަނަ އަހަރު މޫސާ އަންވަރަށް ލިބިވަޑައިގެންފައި ވެއެވެ.
އިނގިރޭސީން އައްޑުއަތޮޅު ގަމުން ފޭބުމާ ގުޅިގެން، މޫސާ އަންވަރު 1977ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގަތީ، އޭރުގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށެވެ. ދައުލަތުގެ ޚިދުމަތް، މޫސާ އަންވަރު ފެށްޓެވީ އެހިސާބުންނެވެ. 12 މާރިޗު 1977 ގައި، އެލައިޑް ހެލްތް ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޕްރެކްޓިކަލް ނަރސް ޓީޗަރު ކަމުގެ ވަޒީފާ ސަރުކާރުން ދެއްވިއެވެ. އެތަނުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ސެންޓްރަލް ހޮސްޕިޓަލްގައި ދަތުގެ ފަރުވާވެސް ދެއްވަމުން ގެންދެވިއެވެ. ފަރުވާ ދެއްވަމުން ގެންދެވީ، އެ ހޮސްޕިޓަލުގައި ސަރުކާރުން އަލަށް ޤާއިމުކުރެއްވި ދަތުގެ ފަރުވާދޭ މެޝިނަރީ ބޭނުން ކުރައްވައިގެންނެވެ. އޭރު ސެންޓްރަލް ހޮސްޕިޓަލްގައި ދަތުގެ ފަރުވާދޭނެ އެކަށީގެންވާ މީހުން ތަމްރީނު ކުރެވެންދެން މޫސާ އަންވަރު އެ ޚިދުމަތުގައި ދެމިހުންނެވިއެވެ.
އެއަށްފަހު، 4 ޑިސެންބަރު 1979 ގައި ވަޒީފާއިން ވަކިވެވަޑައިގަތީ، ނަރސިންގގެ ރޮނގުން ތަޢުލީމު ހާސިލުކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްޓަކައެވެ. ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު އެނބުރި ވަޑައިގަތުމުން، 1 އެޕްރީލު 1982 ގައި، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޓިއުޓަރެއްގެ ވަޒީފާ ލިބިވަޑައިގަތެވެ. އޭގެފަހުން، އެ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވިއެވެ.
އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގައި މޫސާ އަންވަރު ޚިދުމަތް ކުރެއްވިއިރު، ގިނަ އަދަދެއްގެ ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވަރކަރުންނާއި، ފެމިލީ ހެލްތު ވަރކަރުންނާއި، ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރެއްވިއެވެ. އަދި އޭރު ޚިދުމަތުގައި ތިބި ފޫޅުމައިންނަށް މިޒަމާނުގެ ތަމްރީނުތައް ދެއްވައި، މި ދެންނެވި އެކިއެކި ތަމްރީނު ކޯސްތައް ފުރިހަމަކުރާ ކުދިންނާ އެކީގައި، އެކި ތަމްރީނު ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެއަށްފަހު މޫސާ އަންވަރު ޚިދުމަތް ކުރެއްވީ، މިނިސްޓްރީ އޮފް ހެލްތުގައެެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ހެލްތު އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ޑިރެކްޓަރ، އޯގަނައިޒޭޝަނަލް ސަޕޯޓް ކަމުގެ މަގާމާއި، ޑިރެކްޓަރ، ރީޖަނަލް ހޮސްޕިޓަލް ސަރވިސަސް ކަމުގެ މަގާމު ފުރުއްވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރ، ޕަބްލިކް ހެލްތު ލެބޯރެޓަރީ ސަރވިސަސް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. މި ދެންނެވި މަގާމުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ރާއްޖޭގެ އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި އޭރު ސަރުކާރުން ކުރައްވަމުން ގެންދެވި ގިނަގުނަ މަސައްކަތްތަކުގައި މޫސާ އަންވަރު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޔުނިސެފާއި، ޔޫ.އެން.ޑީ.ޕީ.އާއި ދިވެހި ސަރުކާރުގެ އެހީގައި ބިނާކުރެއްވި ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރޭގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑުއަތޮޅު ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތްތައް ގާއިމުކުރެއްވުމުގައި މޫސާ އަންވަރު އަދާކުރެއްވި ދައުރު ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، އަތޮޅުތަކުގައި ހުރި ހެލްތު ސެންޓަރުތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްތަކުގައިވެސް މޫސާ އަންވަރު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން ތެލެސީމިއާ ސެންޓަރު ގާއިމުކުރެއްވުމާ ގުޅިގެން، އެ ސެންޓަރުގެ އެންމެހައި ކަންތައްތައް، ތިން މަހެއްހާ ދުވަހު މޫސާ އަންވަރު ބަލަހައްޓަވައިފައި ވެއެވެ. އެ މަސައްކަތް ފެށްޓެވިއިރު، ލޭއަޅާ ކުދިންނާއި، ތެލެސީމިއާ ކެރިއަރުން ގިނަކަމާއެކު، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން "ޝީ" އާ ގުޅިގެން ކުރެއްވި މަސައްކަތުން ލޭ އަޅާ ކުދިންނާއި، ކެރިއަރުންގެ އަދަދު މަދުކުރެވުނެވެ.
ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ ފަންނީ މީހުން ހޯއްދަވައިދެއްވުމުގައްޔާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވައި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް މޫސާ އަންވަރު ފޯރުކޮށްދެއްވައިފައި ވެއެވެ.
ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތްތައް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރުޙަލާގައި ސަރުކާރުން އޭރު ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތެއްގައިވެސް މޫސާ އަންވަރު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި، ނަރުހުން ރެކްރޫޓް ކުރުމުގެ މަސައްކަތުގައްޔާއި، ހޮސްޕިޓަލްގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރެއްވުމަށްޓަކައި މީހުން ތަމްރީނު ކުރުމުގެ މަސައްކަތުގައިވެސް މޫސާ އަންވަރު، މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ހަމައެއާއެކު، އެ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ކުރެއްވުމުގެ އެންމެހައި މަސައްކަތްތައް ރާއްވަވައި، ހިންގަވައި ބެލެހެއްޓެވުމުގައި މެދުނުކެނޑި ތިން އަހަރެއްހައި ދުވަހު މޫސާ އަންވަރު މަސައްކަތް ކުރެއްވިއެވެ. އޭރު ތަމްރީނު ކުރެއްވި ބައެއް ޑޮކްޓަރުންނާއި، ސްޕެޝަލިސްޓުން މިހާރުވެސް ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތުގައި ދެމިތިއްބެވިކަން މޫސާ އަންވަރު ފާހަގަކުރައްވައެވެ.
މޫސާ އަންވަރު އެންމެފަހުން ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. އެ އޮތޯރިޓީ ގާއިމުކުރެއްވުމުގެ މަސައްކަތުގައި މޫސާ އަންވަރު ވަރަށް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި އެ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ. އެ އޮތޯރިޓީގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި އެހީތެރިވެދެއްވައި، އޭގެފަހުން ނޭޝަނަލް ހެލްތު ލެބޯރެޓަރީއަށް އެތާނގެ މަސައްކަތްތައް ބަދަލުކުރެއްވުމުގައްޔާއި، އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރެއްވުމުގެ މަސައްކަތުގައްޔާއި، އެތަނަށް ބޭނުންވާ އެކިއެކި އާލާތްތައް ހޯއްދެވުމުގެ މަސައްކަތްވެސް ވަރަށް އިޚުލާޞްތެރިކަމާއެކުގައި މޫސާ އަންވަރު ވަނީ ކުރައްވައިފައެވެ.
މޫސާ އަންވަރު ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، އޭގެތެރެއިން ދައުލަތުގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިއެވެ. ޞިއްޙީ ދާއިރާގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރެއްވުމުގައްޔާއި، ފައިލޭރިއާ އާއި، ލެޕްރެސީ އާއި، ޓީ.ބީ. ފަދަ ބޮޑެތި ބަލިތައް ކޮންޓްރޯލް ކުރެއްވުމުގައި ކުރެއްވި މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. މިއީ، މޫސާ އަންވަރުގެ ޞިއްޙީ ދާއިރާގެ ޚިދުމަތުގެ ތެރެއިން އެންމެ ކާމިޔާބުކަމާއެކުގައި ކުރެއްވި މަސައްކަތްޕުޅުތަކެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބީއެއްގައި މޫސާ އަންވަރުގެ ހިއްސާ ވަރަށްބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ. މޫސާ އަންވަރަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމަކީ، ޓީމު ލީޑަރެއްގެ ގޮތުގައި މީހުން ގޮވައިގެން މަސައްކަތް ކުރައްވައި، އެ ކުރެއްވި ކޮންމެ މަސައްކަތެއްގައި ކާމިޔާބީއާ ހަމަޔަށް ވާސިލުވެވަޑައިގަތުމެވެ.
މޫސާ އަންވަރު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މިނިސްޓްރީ އޮފް ހެލްތުން ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ. އަދި، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ.
މޫސާ އަންވަރު، ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 23 ޖުލައި 2009 ގައި ޞިއްޙީ ޙާލަތު ހުރިގޮތުން ވަޒީފާ އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާތީއެވެ.
މޫސާ އަންވަރު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކޮށްދެއްވައިފައިވާ މި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ދިވެހި ދައުލަތުން މިއަދު އަރުވާކަން އެއީ، އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.