މުޙައްމަދު ޞާލިޙް
މ. ޝުއާޒް

މުޙައްމަދު ޞާލިޙަކީ، ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރައްވައި، ކުރިއެރުއްވުމުގެ އެންމެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ، އަދި މިހާރުވެސް، އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. "ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް"ގެ ޗެއަރމަން ކަމުގެ މަގާމުގައި މިހާރު ހުންނެވި މުޙައްމަދު ޞާލިޙް ވަނީ، ރާއްޖޭގައި ވިޔަފާރި ތަރައްޤީ ކުރެއްވުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ވިޔަފާރީގެ އާ ދޮރުތައް ހުޅުއްވައި ދެއްވައިފައެވެ.

އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ހުޅުދުއަށް ޒިޔާރަތްކުރާ އިނގިރޭސީންނާ ޞާލިޙާ ދެމެދު ވަރަށް ގާތް ގުޅުމެއް ގާއިމުކުރެވުނެވެ. ގަމަށް ވަޑައިގެން، ގަމުގެ ބްރިޓިޝް ރޯޔަލް އެއަރފޯސްގައި، ވޮކޭޝަނަލް ޓްރޭޑް ޓްރޭނިންގގެ ތަފާތު ތަމްރީނު ޕުރޮގުރާމުތައް ފުރިހަމަކުރެއްވުމަށްފަހު، އުމުރުފުޅުން 17 އަހަރުގައި، ރޯޔަލް އެއަރފޯސްގައި ޚިދުމަތުގެ ދާއިރާއަށް ޞާލިޙް ނުކުމެވަޑައިގެންނެވިއެވެ. ގަމުގައި އެކި ރޮނގުރޮނގުން ލިބިވަޑައިގަތް ތަޢުލީމާއި ތަމްރީނަށްފަހު، "ޑްރާފްޓްސްމަން"އެއްގެ ގޮތުގައި، އިނގިރޭސީން ގަމުގައި ކުރަމުން ގެންދިޔަ ކޮންސްޓްރަކްޝަން މަސައްކަތް ބަލަހައްޓަވާ އިސް ބޭފުޅެއްގެ ގޮތުގައި ޞާލިޙް މަސައްކަތް ކުރެއްވިއެވެ.

ޞާލިޙުގެ ޙަޔާތުގެ ބިންގާ އާރާސްތު ކުރައްވަން ފެށްޓެވީ، އިނގިރޭސީންގެ ރޯޔަލް އެއަރފޯސްގެ ތެރެއިންނެވެ. ތަފާތު ބައެއް ކަންކަން ހުއްޓަސް، ޖުމުލަގޮތެއްގައި ޞާލިޙުގެ އުޅުއްވުމާއި މިޒާޖާއި ސުލޫކަށް، ގަމުން ލިބިވަޑައިގަތް ވަޒީފާއިން ހެޔޮ ބަދަލުތަކެއް ގެނުވިއެވެ. ގިނަގުނަ ހުނަރުތަކެއް ދަސްކުރެއްވިއެވެ. 1961 ން ފެށިގެން ފަނަރަވަރަކަށް އަހަރު، އިނގިރޭސި ރޯޔަލް އެއަރފޯސްގައި ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން، ޞާލިޙުގެ އަމިއްލަފުޅު އައްޑޫ ބޯޓުގައި، އައްޑުއާއި މާލެއާ ދޭތެރޭގައި، ޞާލިޙުގެ މާލިމީ ކަމުގެ ދަށުން، ދަތުރުކުރައްވަން ފެށްޓެވިއެވެ. ދެތިން ދަތުރަކަށްފަހު، އެ ދަތުރުތަކުންނާއި، އޭރު ލިބިވަޑައިގަތް އެހެނިހެން އާމްދަނީއެއް ހުވަދޫ ކަނޑަށް ފެތިގެންދިޔަ ހާދިސާއަށްފަހުވެސް، މާތްﷲގެ ވާގިފުޅާއެކުގައި، އިތުރު އެހެން ހަރުފަތަކަށް ވަޑައިގަތުންވެސް ބިނާކުރެވިފައި ވަނީ، ގަމުން ލިބިވަޑައިގަތް ހުނަރާއި ސުލޫކެއްގެ އިތުރުން، މަންމާފުޅުގެ ފަރާތުން ލިބިވަޑައިގަތް ފުރިހަމަ ތަރުބިއްޔަތުގެ ބިންގަލުންނެވެ.

އައްޑޫ ބޯޓަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު، 1978 ގައި، މާލެއަށް ހިޖުރަ ކުރައްވައި، ޞާލިޙުގެ ރަޙްމަތްތެރި ބޭފުޅުންކޮޅަކާއެކުގައި، ވިޔަފާރީގެ ތަފާތު ޚިދުމަތްތައް މާލޭގައި ފެށްޓެވިއެވެ. އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފުރަތަމަ ކުރެއްވީ، ކާގޯ ކްލިއަރ ކުރުމުގެ މަސައްކަތެވެ. އެކަމުގައި ހުޅުލޭގައި އޭރު ބިނާކުރަމުން ގެންދިޔަ ވައިގެ ބަނދަރު ބިނާކުރުމަށް އެތެރެކުރި ގިނަ މުދާތައް ބޭލުމުގައި، ކުރިން ލިބިވަޑައިގެންނެވި ތަޖުރިބާ ފުރިހަމައަށް ބޭނުންފުޅު ކުރެއްވިއެވެ. އެއަށްފަހު ފެށްޓެވީ، ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތެވެ. އެ މަސައްކަތުގައިވެސް ގަމުން ލިބިވަޑައިގަތް ތަޖުރިބާއިން، މާލޭގައި އޭރު ބޭނުންކުރަމުން ނުގެންދާ ވައްޓަފާޅިއަށް އެ މަސައްކަތް ބައްޓަންކުރައްވައި، ކޮންސްޓްރަކްޝަންގެ އައު 'ޓެކްނިކް'ތައް ޞާލިޙް ތަޢާރުފު ކުރެއްވިއެވެ. ކާގޯ ކްލިއަރެންސާއި، ކޮންސްޓްރަކްޝަން މަސައްކަތުން ލިބިވަޑައިގަތް ނަފާއިން، ޞާލިޙުގެ ރަޙްމަތްތެރި ބޭފުޅުންނާއެކުގައި "އަލްޓާފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް" ކުންފުނި އުފެއްދެވިއެވެ. އެއަށްފަހު، އެ ކުންފުނިން ފަތުރުވެރިކަމުގެ ޞިނާޢަތާ ގުޅުނެވެ.

"އަލްޓާފް" ކުންފުނީގެ ވިޔަފާރީގެ އިތުރުން، ޞާލިޙުގެ ވިޔަފާރީގެ ބައިވެރިއެއްކަމުގައިވާ އިބްރާހީމް މުޙައްމަދު ދީދީ (ޑީޑީ)އާ ދެ ބޭފުޅުންގެ ނަންފުޅުގައި، "ޑިމްސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި އިތުރު ކުންފުންޏެއް 1983 ގައި، އުފެއްދެވިއެވެ. އެ ކުންފުނިން، ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދިޔައެވެ. އަދި ހަމައެހެންމެ، ޑިމްސް ކުންފުނިންވެސް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ވިޔަފާރި ފެށިއެވެ. 17 އަހަރެއްހައިދުވަސް ވަންދެން ޑިމްސް ކުންފުނި ހިންގެވުމަށްފަހު، 2000 ވަނަ އަހަރުން ފެށިގެން، ޞާލިޙާއި، ޑީޑީ އާ ދެބޭފުޅުން ވަކިން ވިޔަފާރި ކުރައްވަން ފެށްޓެވިއެވެ. ޞާލިޙުގެ ވިޔަފާރީގެ ނަމަކީ "ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" އެވެ.

1983 ގައި އާންމު ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގަތުމަށްފަހު، ޞާލިޙުގެ އެންމެ މުހިންމު އަމާޒަކަށްވީ، ރާއްޖެއިން ބޭރުން މުދާ ގެންނެވުމެވެ. އެގޮތުން، ޞާލިޙަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ސިންގަޕޫރުން ތަފާތު ބާވަތްބާވަތުގެ މުދާ ގެންނަވަން ފެށްޓެވިއެވެ. ޞާލިޙުގެ ވިޔަފާރި ފުޅާވެގެންދިޔުމުގައި، ސިންގަޕޫރުގެ ވިޔަފާރިވެރީން ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. ސިންގަޕޫރުގެ ކުންފުނިތަކާއި ވިޔަފާރިތަކުން، ދަރަންޏަށް ގިނަ އަދަދެއްގެ މުދާ، ޞާލިޙަށް ދޫކުރިއެވެ. ޑިމްސްގެ ވިޔަފާރި ކުރިއަރައިގެން ދިޔަ ދުވަސްވަރު، ޑިމްސްގެ އެންމެބޮޑު ފިހާރަ އަލިފާނުގެ ހާދިސާއެއްގައި އަނދައިގެން ދިޔުމަށްފަހުގައިވެސް ހުއްޓުމެއްނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެވުނީ، ސިންގަޕޫރުން ދަރަންޏަށް ގެނެވުނު މުދަލުގެ ސަބަބުންނެވެ.

މާތްﷲގެ ރަޙްމަތްފުޅުން، ކަންތައްތައް ވެގެންދިޔައީ، ވަރަށް ރަނގަޅަށެވެ. ވިޔަފާރިވެރިންނާއި ޞާލިޙާ ދެމެދުގައި އުފެދިފައި އޮތީ، އިތުބާރުގެ ވަރުގަދަ ގުޅުމެކެވެ. އެ މީހުންގެ އަތުން ބައްލަވައިގަންނަވާ އެއްޗެއްސަށް ބަރާބަރަށް އަގު ދެއްވިއެވެ. ދަރަންޏަށް ނަންގަވާ އެއްޗެއްސަށް އަނެއް ދަތުރުގައި އަގު އަދާކުރައްވައެވެ. ނަތީޖާއަކަށްވީ މިފަދަ ހާދިސާއެއް މެދުވެރިވުމުން، އެމީހުން ޞާލިޙަށް މަދަދުވެރިވާން ވަރަށް ބޮޑަށް ބޭނުންވުމެވެ.

"ޑިމްސް" ފިހާރަ އަނދައިގެން ދިޔުމަށްފަހުގައިވެސް، މާތްﷲގެ ވާގިފުޅާއެކުގައި، އާ ރޫޙަކާއި، އާ ޢަޒުމަކާއެކު ވިޔަފާރި ފެށުމާއެކު، އެ ވިޔަފާރިއަކީ އޭރު މާލޭގެ ބާޒާރުގައި އެންމެ ރަނގަޅު އެއް ބްރޭންޑަށް ވެގެންދިޔައެވެ. ޑިމްސްއަކީ މީހުންގެ މަގުބޫލުކަމާއި އިތުބާރު ލިބިފައިވާ ވިޔަފާރިއަކަށް ވެގެންދިޔައެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ޞާލިޙް ވެދެވަޑައިގެންނެވި ދުވަސްވަރަކީ، މާގިނަ ޤައުމުތަކަކަށް ރާއްޖެ ތަޢާރުފު ވެފައިވާ ދުވަސްވަރެއް ނޫނެވެ. އެހެންނަމަވެސް، ސަރުކާރުން ފަތުރުވެރިކަމުގެ ޞިނާޢަތުގެ އިސް ބޭފުޅުންނާއެކުގައި މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އޭރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޙަސަން ޞާބިރުގެ އިސްނެންގެވުމާއެކުގައި، ޗައިނާ މާކެޓް ފަދަ ފަތުރުވެރިކަމުގެ އައު މާކެޓްތައް ރާއްޖެއަށް ތަޢާރުފު ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަން ފެށްޓެވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މާކެޓް ފުޅާކުރުމުގެ މަސައްކަތުގައި ވަރަށް އިސް ދައުރެއް ޞާލިޙް އަދާކުރައްވައިފައިވާކަން، މިނިސްޓަރ އަލްމަރްޙޫމް ޙަސަން ޞާބިރު ވަރަށްބޮޑަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޞާބިރުގެ އަރިހުގައި، ޞާލިޙް ޗައިނާއަށް ވަޑައިގެން، ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއާއި، ވަކިވަކި އޭޖެންޓުންނާ ބައްދަލުކުރައްވައި، ރާއްޖެ އިޝްތިހާރު ކުރެއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އަންނަ ޤައުމުގެ ފަތުރުވެރީންނަށް ރާއްޖެ ހުޅުވިގެން ދިޔުމެވެ. އަދި ހަމައެހެންމެ، ގިނަ ދުވަސްތަކެއް ވަންދެން ސިންގަޕޫރުގައި ޞާލިޙް ހުންނަވަން ޖެހުމުން، ސިންގަޕޫރާއި ރާއްޖޭގެ ވިޔަފާރިވެރީން ގުޅުވައިދެއްވުމުގައިވެސް، ޞާލިޙް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޞާލިޙަކީ، އެމަނިކުފާނުގެ ވިޔަފާރީގެ ބައިވެރިންނާއެކުގައި، މީގެ 46 އަހަރެއްހާ ދުވަސް ކުރިން ފެށިގެން، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި، ފަތުރުވެރިކަމުގެ ނަފާ ލިބެންވާނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށެވެ. މާލެއާ ކައިރި ސަރަހައްދުތަކަށް އެކަންޏެއްނޫނެވެ. މިކަން ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަން ކުރައްވަން ޚުދު ރައީސް މައުމޫންވެސް ބޭނުންފުޅުވިއެވެ.

މި ދެންނެވި ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަމުގެ ނަފާ ހޯއްދަވައި ދެއްވުމަށްޓަކައި، ސަރުކާރުން އުފެއްދެވި، "މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ފުރަތަމަ މެނެޖިންގ ޑިރެކްޓަރަކީވެސް ޞާލިޙެވެ. ޚާއްޞަގޮތެއްގައި، ޞާލިޙުގެ އުފަން އަތޮޅު ކަމަށްވާ، އައްޑުއަތޮޅުގައި، ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި، ފުރަތަމަ ފަހަރަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ހެރެތެރެ ރިޒޯޓް ވުޖޫދު ކުރެއްވުމުގައި ޞާލިޙުގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތީން، ކުރައްވައިފައިވާ މަސައްކަތްތައް، އޭރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑޮކްޓަރ މަޙްމޫދު ޝައުޤީވެސް ވަރަށްބޮޑަށް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، 1979ން ފެށިގެން މިއަދާ ހަމަޔަށްވެސް، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރައްވައި، ފުޅާކުރައްވައި، މީހުން ބިނާކުރައްވައި، ތިމާވެށްޓާ ރައްޓެހި ފަތުރުވެރިކަމުގެ ވިޔަފާރި، ޒަމާނީ ފެންވަރަށް ގެންދެވުމަކީ، ފަތުރުވެރިކަމުގެ ވިޔަފާރީގެ ދާއިރާގައި ގުނައިލެވޭ، މުޙައްމަދު ޞާލިޙުގެ ވަރަށް މުހިންމު ޚިދުމަތެކެވެ. މިގޮތުން، ޞާލިޙުގެ ވިޔަފާރީގައި، މާލެއަތޮޅު ޅޮހިފުށި (އަދާރަން ސިލެކްޓް ހުދުރަންފުށި) އާއި، މާޅޮސްމަޑުލު އުތުރުބުރީ މީދުއްޕަރު (އަދާރަން ސިލެކްޓް މީދުއްޕަރު) މާޅޮސްމަޑުލު އުތުރުބުރީ އާރަށް (ހެރިޓެންސް އާރަށް) އަދި މާލެއަތޮޅު މަޑިވަރު ( ވަރު ބައި އެޓްމޮސްފިއަރ)، މި ރަށްރަށުގައި ހިންގާ ރިޒޯޓުތައް ހިމެނެއެވެ. އަދި ހަމަ އެހެންމެ، ސިޓީ ހޮޓެލެއްގެ ގޮތުގައި، މާލޭގައި "ނޮވިނާ"، "އޮރައިޒަން"، ހުޅުމާލޭގައި "އެވެނިއު އެންޑް ސްޕާ"ގެ ނަމުން ހޮޓާތަކެއް ވަނީ ބިނާކުރައްވައިފައެވެ. އަދި އެ ހޮޓާތައް މިހާރުވެސް ހިންގަމުން ގެންދެއެވެ.

މުޙައްމަދު ޞާލިޙަކީ، މާލޭގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ފުޅާ ދާއިރާއެއްގައި އެންމެ ފުރަތަމަ ފެށްޓެވި މަދު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް ބޭފުޅެވެ. ޞާލިޙުގެ ދަމާސް ކޮމްޕެނީން، ހާޑްވެއަރއާއި، ކޮންސްޓްރަކްޝަނަށް ބޭނުންވާ މުދަލާއި، ފަރުނީޗަރާއި، ޕެއިންޓް އަދި ވާނިޝް، އޮފީސް އޮޓޮމޭޝަން އަދި ސްޓޭޝަނަރީ ފަދަ ތަފާތު ވިޔަފާރިތައް ކުރައްވަން ފެށްޓެވިއެވެ. ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ބޮޑެތި މަޝްރޫޢުތައް ހިންގެވިއެވެ. އެތައް ބިލްޑިންގއެއްގެ އިންޓީރިއަރ ފަރުމާ ކުރެއްވިއެވެ.

މުޙައްމަދު ޞާލިޙަކީ، ވިޔަފާރީގެ ގިނަ ޚިދުމަތްތަކެއް ރާއްޖެއަށް ތަޢާރުފު ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން، އާގުބޯޓުފަހަރު ދުއްވުމާއި، ޔަންމާ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކެވުމާއި، ފާނައާއި، ހުއިފިލަނޑާގެ މަސްވެރިކަން، ޓެކްނޮލޮޖީއާ ގުޅުވައިގެން ކުރެއްވުމާއި، "ފޯކަސް އިންފޯ ކޮމް"އާ ގުޅިވަޑައިގެން ކުރެއްވި އިންޓަރނެޓުގެ ވިޔަފާރީގެ ޚިދުމަތަކީވެސް ޞާލިޙުގެ ވިޔަފާރީގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ހަމައެހެންމެ، ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގެ ކުންފުނިތަކުގެ ސޯލް އޭޖެންޓްކަން ކުރެއްވުމުގެ އިތުރުން، ސްރީލަންކާއާއި ސިންގަޕޫރުގައިވެސް ޞާލިޙް ވަނީ ވިޔަފާރީގެ ތަފާތު މަޝްރޫޢުތައް ހިންގަވައިފައެވެ.

މުޙައްމަދު ޞާލިޙުގެ ރަޙްމަތްތެރި ބޭފުޅުން ސިފަކުރައްވާގޮތުގައި، "ދަމާސް ކޮމްޕެނީ" އަކީ، ޔުނިވަރސިޓީއެއް ފަދަ މުއައްސަސާއެކެވެ. އެތަނުން، ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ކުންފުނިތަކުގެ މުވައްޒަފުންނަށް ތަފާތު ތަމްރީނު ޕުރޮގުރާމުތައް ގަވާއިދުން ހިންގެވުމާއި، ޒުވާން ވިޔަފާރިވެރީން، ޚާއްޞަކޮށް، އަންހެން ވިޔަފާރިވެރީން އުފެއްދެވުމުގެ މަސައްކަތަކީ، މުޙައްމަދު ޞާލިޙުގެ ޚާއްޞަ މަސައްކަތްޕުޅެކެވެ. އަދި ދިވެހި ވިޔަފާރިވެރީންގެ ޖަމުޢިއްޔާގެ ރައީސްކަން ޞާލިޙް ކުރެއްވި ދުވަސްވަރު، ސާރކް ޤައުމުތަކުގެ ވިޔަފާރިވެރިންނާއި، ދިވެހި ވިޔަފާރިވެރީން ގުޅުވައި، ދިވެހި ޒުވާނުން ވިޔަފާރީގެ ތެރެއަށް ގެންނަވައި، ވިޔަފާރީގެ ވައްޓަފާޅިއާއި ހުނަރު ދަސްކޮށްދެއްވުމަށްޓަކައި އަމިއްލަފުޅު އިސްނެންގެވުމާއެކުގައި އަމިއްލަފުޅު ޚަރަދުގައި އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ޞާލިޙް ވަނީ ކުރައްވައިފައެވެ.

މިހާރު، ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރިކުރާ މަޝްހޫރު ބައެއް ވިޔަފާރިވެރިންނަކީ، ޞާލިޙް، އެބޭފުޅުންގެ އަތުގައި ހިއްޕަވައިގެން، ވިޔަފާރީގެ ވައްޓަފާޅިއާއި، ވިޔަފާރީގެ ހުނަރު ދަސްކޮށްދެއްވި އޭރުގެ ޒުވާނުންނެވެ. އެފަދަ ބައެއް ވިޔަފާރިވެރީންވެސް، އެ ބޭފުޅުންނަށް ޞާލިޙުގެ ފަރާތްޕުޅުން ލިބިވަޑައިގަތް އިރުޝާދާއި އެހީތެރިކަމާއި މަދަދުވެރިކަން ޝުކުރުވެރިކަމާއެކުގައި ފާހަގަކުރައްވައެވެ. އޭގެތެރޭގައި، ޚާއްޞަގޮތެއްގައި އަންހެން ވިޔަފާރިވެރީން ހިމެނެއެވެ.

މުޙައްމަދު ޞާލިޙުގެ ޚާއްޞަ އަނެއް ޚިދުމަތަކީ، 2012ވަނަ އަހަރު ފެށްޓެވި ޞިއްޙީ ޚިދުމަތެވެ. "މެޑިކާ"ގެ ނަމުގައި ޒަމާނީ އާލާތްތަކާ އެކީގައި ތައްޔާރުކޮށްފައިވާ "މެޑިކާ ހޮސްޕިޓަލް" ގެ ޚިދުމަތެވެ. ދާއިމީ ޑޮކްޓަރުންނާއި، ވިޒިޓިންގ ޑޮކްޓަރުންނާއި ނަރުހުން، "މެޑިކާ ހޮސްޕިޓަލް" ގައި ޚިދުމަތް ކުރެއެވެ. އިންސާނީ ޚިދުމަތުގެ މި މަސައްކަތް ގެންދަވަނީ ފުޅާކުރައްވައި ތަރައްޤީ ކުރައްވަމުންނެވެ. ޞާލިޙުގެ އަމާޒަކީ، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމެވެ.

ދައުލަތުގެ ޚިދުމަތުގެ ކުރީ ސަފުގައިވެސް މުޙައްމަދު ޞާލިޙުގެ ޚިދުމަތްތައް ކުލަގަދަކޮށް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، ނުވަދިހައިގެ އަހަރުތަކުން ފެށިގެން ޞާލިޙް ވަނީ، ދައުލަތުގެ ތަފާތު ގިނަ ބޯޑުތަކާއި ކޮމިޓީތަކުގައި ޚިދުމަތް ކުރައްވައިފައެވެ. އޭގެތެރޭގައި، ވިޔަފާރިއާއި އިޤުތިޞާދީ ޞިނާޢަތްތަކާ ގުޅުންހުރި ބޯޑުތައް ހިމެނެއެވެ.

އަމިއްލަ ވިޔަފާރީގައި އުޅުއްވަމުން، ސަރުކާރުގެ ކުންފުނިތަކުގެ ޚިދުމަތުގައި ގިނަދުވަސްތަކެއް ވަންދެން ޞާލިޙް، ޚިދުމަތް ކުރައްވައިފައި ވެއެވެ. އެގޮތުން، 2003 ން 2006 އަށް، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، 2005 ން 2007 އަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ރެވެނިއު ބޯޑުގެ މެންބަރުކަމާއި، 2006 ން 2008 އަށް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނެޖިންގ ޑިރެކްޓަރު ކަމާއި، ދެފަހަރެއްގެ މަތީން، 2004 ން 2005 އަށް އަދި 2007 ން 2008 އަށް، ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަންގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓް ކަމާއި، އަދި ހަމައެހެންމެ، ދެފަހަރެއްގެ މަތީން، 2004 ން 2005 އަށް އަދި 2007 ން 2008 އަށް، ދިވެހި ވިޔަފާރިވެރީންގެ ޖަމުޢިއްޔާ "މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ"ގެ ރައީސްކަމާއި، 2006 ން 2009 އަށް، މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ސުނާމީ އެއިޑް ކޮންޓްރޯލް ބޯޑުގެ މެންބަރުކަމާއި، 2006 ން 2009 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް އެޑްވައިޒަރީ ކޮމިޓީގެ މެންބަރެއްގެ ގޮތުން، ރައީސް މައުމޫންގެ ޚާއްޞަ އިކޮނޮމިކް އެޑްވައިޒަރ ކަމާއި، ދެފަހަރެއްގެ މަތީން، 1995 ން 2007 އަށް އަދި 2012 ން 2014 އަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުކަން ޞާލިޙް ކުރައްވައިފައި ވެއެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ރައީސް މައުމޫން އުފެއްދެވި ޓާސްކުފޯހުގައި ޞާލިޙް އިސްކޮށް މަސައްކަތްޕުޅު ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި، ސުނާމީ އެއިޑް ކޮންޓްރޯލް ބޯޑުގެ މެންބަރެއްގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން އެހީ ހޯއްދެވުމުގައި ޞާލިޙް އަދާކުރައްވައިފައި ވަނީ ޝުކުރުވެރިވުން ޙައްޤު ދައުރެކެވެ.

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޞާލިޙް، ޚިދުމަތް ކުރައްވައިފައިވާއިރު، ދައުލަތުގެ ޚިދުމަތުގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބައެއް ޢިއްޒަތްތެރި ބޭފުޅުން، އެ ބޭފުޅުންގެ މެންޓަރއެއްގެ ގޮތަށް ޞާލިޙް ސިފަކުރައްވައެވެ. އޭގެތެރޭގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި، ތިމާވެށްޓާ ބެހޭ ވަޒީރުންނާއި، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބައެއް ގަވަރުނަރުން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި ތައިލެންޑުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ރާއްޖޭގައި އަލަށް ގާއިމުކުރެވުނު، ތައިލެންޑް ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ޞާލިޙް ވަނީ 10 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފައެވެ. އޮނަރަރީ ކޮންސުލްގެ މަގާމުގައި ހުންނަވައިގެން ޞާލިޙް ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ތައިލެންޑްގެ ރަސްގެފާނު އަރުވާ "މެޑެލް އޮފް ސިވިލިއަން އޮނަރސް" ޞާލިޙަށް ވަނީ އަރުވައިފައެވެ. ތައިލެންޑް ކޮންސިއުލޭޓްގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ޞާލިޙް ހުންނެވި ދުވަސްވަރު، ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ވިސާގެ ޚިދުމަތް ދިނުމާއި، ރާއްޖޭގައި މަސައްކަތްކުރާ ތައިލެންޑުގެ ރައްޔިތުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ތައިލެންޑުގެ ފަތުރުވެރިންނާ ގުޅޭގޮތުން ދިމާވާ ކަންކަމުގައި ކޮންސިއުލޭޓް މެދުވެރިވެގެން، ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވައިފައި ވެއެވެ.

މުޙައްމަދު ޞާލިޙަކީ، ހިލޭ ސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. ޞާލިޙުގެ އިޖުތިމާޢީ އަދި ވޮލަންޓްރީ ޚިދުމަތްތަކުގެ ތެރެއަށް ބަލައިލާއިރު، ޤައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މިފަދަ ކަންކަމުގައި ޞާލިޙުގެ ފަރާތްޕުޅުން މާލީ އެހީތެރިކަމާއި ހިލޭ ސާބަހަށް ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ، ޞާލިޙުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމާއި، މުވައްޒަފުންގެ ދަރީންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރުމުގައި އެހީތެރިވެދެއްވުމާއި، ކުންފުނީގެ މުވައްޒަފުންނަށް، އެމުވައްޒަފުން ބޭނުންވާ ދާއިރާއަކުން ތަޢުލީމާއި ތަމްރީނު ދެއްވުން ހިމެނެއެވެ. އޭގެއިތުރުން، ރަށްރަށުގައި ޕްރީސްކޫލްތަކަށާއި، ޤުރްއާން ކުލާސްތަކަށް އެހީތެރިވެދެއްވުމަކީ، ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކެވެ.

އައްޑުއަތޮޅު ހުޅުދޫގައި ބިނާކުރެއްވި "އަލްމަސްޖިދު ޢަބްދުﷲ ބިން އިބްރާހީމް"އަކީވެސް މުޙައްމަދު ޞާލިޙުގެ އިޖުތިމާޢީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ރީތި ބިނާއެކެވެ. އަދި "މަސްޖިދު ޒުލައިޚާ މުޙައްމަދު"ގެ ނަމުގައި ހުޅުދޫގައި ބިނާކުރަމުންގެންދާ 200 މީހުންގެ ޖާގައިގެ މިސްކިތާއި، ހއ. އިހަވަންދޫގައި ބިނާކުރަމުން ގެންދާ 150 މީހުންގެ ޖާގައިގެ މިސްކިތާއި، އިހަވަންދޫ ސްކޫލުގައި ބިނާކުރަމުންގެންދާ 200 ދަރިވަރުންގެ ޖާގައިގެ ނަމާދުގެ އިމާރާތްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކުގައި، ކުރިއަށް އޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި، މި ދެ މިސްކިތް ހުޅުވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން، ކ. ތުލުސްދޫގައި 150 މީހުންގެ ޖާގައިގެ މިސްކިތަކާއި، އައްޑުއަތޮޅު ގަމުގެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 1000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރެއްވުމުގެ ތައްޔާރީތައް މިހާރު ކުރައްވަމުން އެބަ ގެންދަވައެވެ.

މުޙައްމަދު ޞާލިޙަކީ އެންމެ ތުއްޕުޅުއިރުން ފެށިގެންވެސް ހަމަތަކަކާއި އުސޫލުތަކެއްގައި ހިފަހައްޓަވާ ބޭފުޅެކެވެ. އެއީ، އެމަނިކުފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުން ދަސްފުޅުވި ސުލޫކުތަކެވެ. އޭރު ޞާލިޙުގެ ބައްޕާފުޅަކީ، އައްޑުއަތޮޅުގެ ވާރުވެރިޔާއެވެ.

މުޙައްމަދު ޞާލިޙުގެ ފުރަތަމަ ކައިވެނިފުޅަށް ލިބިވަޑައިގަތީ އަންހެން ބޭފުޅަކާއި، ދެ ފިރިހެން ބޭފުޅުންނެވެ. އޭގެފަހުން، އިތުރު ކައިވެނިފުޅެއް ކުރައްވައިގެން، އެ ކައިވެނިފުޅުން އަންހެން ދެ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ޞާލިޙުގެ ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވާ ގޮތުގައި، ބައްޕާފުޅަކީ ހުރިހާ ކުދިންނާމެދުގައިވެސް އެއް ހަމައެއް ގެންގުޅުއްވާ، އެއްވެސް ކުއްޖަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅުއްވާ، ކުދިންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދެއްވާ ނަމޫނާ ބައްޕައެކެވެ.

ޞާލިޙް ދެކެވަޑައިގަންނަވާ ގޮތުގައި، ރަޙުމަތްތެރިކަމުގެ ނުވަތަ ވިޔަފާރީގެ މުޢާމަލާތެއް ކަމުގައިވިޔަސް، ކުރެވޭ ހުރިހާ މުޢާމަލާތެއްގައިވެސް، ބަހާއި ޢަމަލާ ދިމާވާން ޖެހޭނެއެވެ. ވަޢުދެއް ވެއްޖެނަމަ، އެ ވަޢުދެއް ފުއްދަން ޖެހޭނެއެވެ. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި، އިޙްތިރާމް ދީގެން އިޙްތިރާމު ހޯދަންޖެހޭނެއެވެ. އަދި އިތުބާރުކޮށްގެން އިތުބާރު ހޯދުންފަދަ ކަންކަމަކީ، ގުޅުން ދެމެހެއްޓުމުގައި އެންމެބޮޑަށް ވިސްނާންޖެހޭނޭ ކަންކަމެވެ.

މަޖުބޫރީ ޙާލަތެއްގައި، މުޙައްމަދު ޞާލިޙް އަމިއްލަފުޅު ވަޒަނުން މާލެއަށް ހިޖުރަކުރައްވައި، ވިޔަފާރީގެ ތަފާތު ކަންކަމުގައި، ގާތްގަނޑަކަށް ބައިޤަރުނު ހޭދަކުރެއްވުނީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ކަމުގައި ޞާލިޙް ހިތުގެ އަޑީން ޤަބޫލުފުޅު ކުރައްވައެވެ.

ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގައި ބައިޤަރުނު ވަންދެން ޞާލިޙް ކުރައްވައިފައިވާ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ދައުލަތުން، 2022ވަނަ އަހަރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޞާލިޙަށް ވަނީ އަރުވައިފައެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ޓޫރިޒަމްގެ ދާއިރާއިން ޞާލިޙް ކުރައްވައިފައިވާ ޚިދުމަތުގެ އަގުވަޒަންކުރައްވައި، "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް" ޞާލިޙަށް ވަނީ ލިބިވަޑައިގެންފައެވެ.

ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގައި އަދާކޮށްދެއްވި ދައުރުގެ އަގުވަޒަންކުރައްވައި، "ކޯޕަރޭޓް މޯލްޑިވްސް"ގެ 6ވަނަ ގޯލްޑް 100 ގާލާގައި "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ޞާލިޙް ވަނީ، ހާސިލު ކުރައްވައިފައެވެ. އަދި ހަމައެހެންމެ، ސިންގަޕޫރާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށްޓަކައި ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ އެވޯޑެއް ޞާލިޙަށް އަރުވައިފައެވެ.

މުޙައްމަދު ޞާލިޙަކީ، ޝަރަފުވެރިކަމާއެކު، ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާގައި މިހާރުވެސް ސާބިތުވެ ހުންނެވި ބޭފުޅެކެވެ. ރާއްޖޭގެ ކުރިމަގާމެދު އަބަދުވެސް ވިސްނަވައި، ރާއްޖެއަށް ހެޔޮގޮތް މެދުވެރިވުން އެދިވަޑައިގަންނަވާ ބޭފުޅެކެވެ. ވަޠަނީ ބޭފުޅެކެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާތަކުގައްޔާއި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، މުޙައްމަދު ޞާލިޙް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ދައުލަތުން މުޙައްމަދު ޞާލިޙަށް، "ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތް" އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، މުޙައްމަދު ޞާލިޙަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅެވެ. އެންމެބޮޑު ޝަރަފުވެސް މެއެވެ. އެކަމަށްޓަކައި ދައުލަތަށް، ޞާލިޙް ޝުކުރުވެރިވެވަޑައިގަންނަވައެވެ.

މުޙައްމަދު ޞާލިޙް، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އެ މަނިކުފާނަށް އުފާފާގަތިކަމާއި، ފުރިހަމަ ޞިއްޙަތާއި، ބާއްޖަވެރި ދުވަސްތަކެއް މިންވަރުކުރައްވާށިއެވެ! އާމީން.