ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު)
ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) އަކީ، މަސްވެރިއެކެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު، ދުޝްމަނުން މާލެއަށް އަރައި ޙަމަލަދިންއިރު ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން އޮންނެވީ، މާލޭގެ މަސްމާރުކޭޓާ ދިމާ ފަޅުތެރޭގައި އޮތް، އޭނާ މަހަށްދާ ދޯނި ކަމަށްވާ، ކ. ދިއްފުށީ "ކޮއި" ދޯނީގައެވެ. ދުޝްމަނުން ޙަމަލަދޭން ފެށުމާ ގުޅިގެން، އެރޭ ފަތިހު ދޯނީގެ މީހުން މަސައްކަތްކުރީ، އަވަހަށް ފުރައިގެން ރަށަށް ދިޔުމަށެވެ. ރަށަށް ފުރާވަޑައިގަތުމަށްޓަކައި ދޮންމަނިކު ހުންނެވީ، ދޯނީގެ ދިރުނބާކޮޅުގައި ވަލަށް ދެންމެވުމަށެވެ. މާލޭގެ ފަޅުތެރެއިން އޮޑިދޯނިފަހަރު ފުރިޔަނުދީ ހުއްޓުވުމަށް މަސައްކަތްކުރި ކުލީސިފައިންގެ ކަންދީޕަން ގްރޫޕްގެ ތަމަޅަ ހަނގުރާމަވެރިޔަކު އެ ދޯނި ހުއްޓުވުމަށްޓަކައި ޖެހި ބަޑީގެ ވަޒަނެއް، ޝަހީދު ޙުސައިން ޢަބްދުއްރަޙްމާނުގެ ކަރަށްއަރައި ޒަޚަމްވެވަޑައިގަތެވެ. އޭނާގެ ކަރުގެ ވާތްފަރާތަށް އެރި ވަޒަން ނުކުމެފައިވަނީ، ކަނދުރާގެ މައިބަދަތަކުގެ ތެރެއިންނެވެ. ވަޒަން އެރުމުގެ ސަބަބުން ދޮންމަނިކުގެ ހާލުކޮޅު ދެރަވާން ފެށުމުން، ދޯނީގައި ތިބި މީހުންނާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއްގެ އެހީތެރިކަމާއެކުގައި، ސެންޓްރަލް ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާދޭން ފެށިއެވެ. ދޮންމަނިކުގެ ކަނދުރާއަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން، ޑޮކްޓަރުން، އޭނާ ފްލައިޓްގައި އުދުހުން މަނާކޮށްފައި އޮތުމަށްފަހު، ފަހުން އިތުރު ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިޔުމަށް ހަމަޖެހިފައި ވަނިކޮށް ދޮންމަނިކު ޝަހީދުވެފައިވަނީ، 1988 ޑިސެންބަރު 22 ވަނަ ދުވަހުގެރޭ 7:45 ހާއިރުއެވެ. ޝަހީދުވިއިރު އުމުރުފުޅަކީ، 70 އަހަރެވެ.