ޝަހީދު ޖަވާދު ޢުމަރު
ޝަހީދު ޖަވާދު ޢުމަރަކީ، ހުޅުލެއާއި މާލެއާ ދެމެދުގައި ދުއްވާ "ފްރޮޑް" ދޯނީގެ ފަޅުވެރިއެކެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމަނުން މާލެއަށް ޙަމަލާދެމުން ގެންދިޔައިރު، ޓެރަރިސްޓުންގެ ތެރެއިން، ނިދީގެ ގްރޫޕުން މާލޭގެ ފަޅުތެރޭގައި ހުރި އޮޑިދޯނިފަހަރުން މީހުން ރަހީނުކޮށްގެން ކަނީރު ހިނގުމަށް ޖަމާކުރިއެވެ. ޝަހީދު ޖަވާދު ޢުމަރަކީ، އެގޮތުން އެ ސަރަޙައްދަށް ގެނެސް، ކަނީރު ހިނގުމުގައި ބައިތިއްބައިގެން، އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރި މީހުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.
ކަނީރު ހިނގުމުގައި ރަހީނުން ބައިތިއްބައިގެން، އެ މީހުންގެ ފަހަތުގައި ދުޝްމަނުން ތިބެގެން ސިފައިންގެޔަށް ޙަމަލާދެމުން ގެންދިޔައެވެ. ސިފައިންނާއި ދުޝްމަނުންނާ ދެމެދު ބަޑިން ޙަމަލާތައް ބަދަލުކުރެވެމުންދިޔައިރު، ކަނީރު ހިނގުމުގައި ގާތްގަނޑަކަށް ފަނަރަވަރަކަށް އާންމު ރައްޔިތުން ތިއްބެވެ. ޙަމަލާތައް ބަދަލުކުރެވެމުންދިޔަ ވަގުތު ޝަހީދު ޖަވާދު ޢުމަރު އޮންނެވީ، ހދ. ނޭކުރެންދޫ ވެޔޮދޮށުގޭ ޙަސަން ވަޙީދު ގާތުގައެވެ. އުމުރުން ހަގުކަމާއެކު ޝަހީދު ޖަވާދު ޢުމަރު ބިރުން އުޅުއްވާތީ، ޙަސަން ވަޙީދު އޮންނެވީ، އޭނާގެ ބޮލުގައި އަތްއަޅުއްވައިލައްވައިގެންނެވެ. އެހެން އޮންނަވަނިކޮށް އައި ވަޒަނެއް، ޙަސަން ވަޙީދުގެ އަތް ފޫއަޅާފައި ޝަހީދު ޖަވާދު ޢުމަރުގެ ބޮލަށް އެރިއެވެ. އެ ވަޒަން ބޮލުގެ ފުށްކިބައިން ވަދެގެން ނުކުމެފައިވަނީ، ނިތްކުރިންނެވެ. ވަޒަންއެރި ވަގުތު "އައްދިޔޯ ބޭބޭއޭ" ޖަވާދަށް ވިދާޅުވެވުނެވެ. އޭގެފަހުން، އޭނާގެ ހަރަކާތް ހުއްޓުނެވެ.
ޙަސަން ވަޙީދުގެ އަތާއި، ޝަހީދު ޖަވާދު ޢުމަރުގެ ބޯ، ދުޝްމަނުންނަށް ޙަސަން ވަޙީދު ދައްކަވާފައި ހޮސްޕިޓަލަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ވާހަކަ ޙަސަން ވަޙީދު ވިދާޅުވުމުން، ޝަހީދު ޖަވާދު ޢުމަރު އެތަނުގައި ބާއްވާފައި، ޙަސަން ވަޙީދު ހޮސްޕިޓަލަށް ވަޑައިގަތުމަށް އެތަނުގައި ތިބި ކުލީސިފައިން ބުންޏެވެ. އެ ވަގުތު ޖަވާދު ޢުމަރު ޝަހީދުވެއްޖެއެވެ. ޖަވާދު ޢުމަރު ޝަހީދުވިއިރު އުމުރުފުޅަކީ، 16 އަހަރެވެ.