ޝަހީދު ޙަސަން ޒަރީރު
ޝަހީދު ޙަސަން ޒަރީރަކީ، އެމް.ވީ. ޕްރޮގްރެސް ލައިޓްގެ ސީމަނެކެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު މާލޭ ބަނދަރުގައި އޮތް އެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ ޙަސަން ޒަރީރު ތައްޔާރުވެވަޑައިގަތީ، ޑިއުޓީ ނިންމެވުމަށްފަހު، ހެނދުނު މާލެއަށް ފައިބައިވަޑައިގަތުމަށެވެ. ދުޝްމަނުން، މެންދުރު، ހަތިޔާރާއެކުގައި އެމް.ވީ. ޕްރޮގްރެސް ލައިޓަށް އަރައި، އެ ބޯޓު ކަނޑުފޭރި، ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނަށް ބަޑިން ބިރުދައްކައި، މަޖުބޫރު ކުރުވައިގެން، އެމީހުން ބޭނުންވާ ކަންތައްތައް ބޯޓުތެރޭގައި ކުރުވަމުން ގެންދިޔައެވެ.
ޙަސަން ޒަރީރު ޝަހީދުވީ، ޕްރޮގްރެސް ލައިޓްގައި ދުޝްމަނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކުގައި ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކުގައި ފިލަން ދުއްވާތީ، އެ ބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައި.އެން.އެސް. ގޯދާވަރީން ޕްރޮގްރެސް ލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ.
ޙަސަން ޒަރީރު ޝަހީދުވީ، 1988 ނޮވެންބަރު 6 ވަނަ ދުވަހުއެވެ. އޭނާ ޝަހީދުވެގެން ވެއްޓިވަޑައިގެންފައި އޮތީ، ޕްރޮގްރެސް ލައިޓްގެ ކުރީކޮޅުގެ ޑެކްމަތީގައެވެ. ޙަސަން ޒަރީރު ޝަހީދުވިއިރު އުމުރުފުޅަކީ، 20 އަހަރެވެ.