ޝަހީދު އަޙްމަދު ރަޝީދު
ހ. ވެލްގްރޯ

 

 

 

 

ޝަހީދު އަޙްމަދު ރަޝީދަކީ، ޓެކްސީ ޑްރައިވަރެކެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު 4:30 ހާއިރު ބަޑީގެ އަޑުއިވެމުންދާތީ، ވެގެންއުޅޭ ގޮތެއް ބައްލަވައިލައްވަން، ހެންވޭރު ރުމޭނިއާ އަޙްމަދު ސަލީމާއި، އަޙްމަދު ރަޝީދާ ދެ ބޭފުޅުން، މޮޓޯ ސައިކަލެއްގައި މެރިން ޑްރައިވުން އިރުން ހުޅަނގަށް ދުއްވާފައި ވަޑައިގެންނެވިއެވެ. ސައިކަލް ދުއްވަން އިންނެވީ، އަޙްމަދު ސަލީމެވެ. އަޙްމަދު ރަޝީދު އިންނެވީ، ސައިކަލުގެ ފަހަތުގައެވެ. މި ދެ ބޭފުޅުން ދުއްވާފައި ވަޑައިގެން، ފާށަނާ ބިލްޑިންގގެ މެދަކާ ހަމަޔަށް ވަޑައިގެންނެވުނުތަނާ، ކަނީރު ހިނގުމުން، ދުޝްމަނުން ބަޑިތަޅައިގަތް އަޑު އިވިވަޑައިގަތެވެ. އޭރު ސިފައިންގެ ކުރިމަތިން އޮންނަ ކާރނޭޝަން ހިނގުމުގެ އުތުރުކޮޅުގައިވެސް ދުޝްމަނުން ހަރަކާތްތެރިވާތަން ފެނިވަޑައިގަތެވެ. އެ ވަގުތު އަޙްމަދު ރަޝީދު، އަޙްމަދު ސަލީމުގެ ގާތުގައި، ތިޔަކޮޅަށް ދިޔުން ރަނގަޅެއް ނޫނޭ ވިދާޅުވުމުން، އަޙްމަދު ސަލީމް ސައިކަލް އަނބުރައިލެއްވިއެވެ.

ކާރނޭޝަން ހިނގުމުގައި ތިބި ދުޝްމަނުން، އަޙްމަދު ސަލީމާއި އަޙްމަދު ރަޝީދާ ދެ ބޭފުޅުން ދުއްވަމުން ގެންދެވި ސައިކަލާ ދިމާއަށް ބަޑިޖެހުމާއެކު، ސައިކަލުގެ ފަހަތުގައި އިންނެވި އަޙްމަދު ރަޝީދުގެ ގައިކޮޅަށް ވަޒަންއަރައި، އޭނާ ސައިކަލުން ވެއްޓިވަޑައިގަތެވެ. ދުޝްމަނުން ބަޑިޖަހަމުން ގެންދަނިކޮށް، އަޙްމަދު ސަލީމް، މެރިން ޑްރައިވުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ސައިކަލުގައި ދުއްވާފައި ވަޑައިގަންނަވަނިކޮށް، އަޙްމަދު ސަލީމްގެ ވާތުފަޔަށް ވަޒަންއެރިއެވެ. އެވަގުތު މެރިން ޑްރައިވްގައި ހުންނަ ބީޗްކެފޭގެ ކުރިމައްޗަށް ސައިކަލާއެކުގައި އޭނާ ވެއްޓިވަޑައިގަތެވެ. 

އަޙްމަދު ރަޝީދު ޝަހީދުވެގެން ވެއްޓިވަޑައިގެންފައި އޮތީ، ފާށަނާ ބިލްޑިންގގައި ހުންނަ އެއަރ މޯލްޑިވްސްގެ އޮފީހުގެ ކުރިމަތީގައެވެ. ޝަހީދުވިއިރު އުމުރުފުޅަކީ، 24 އަހަރެވެ.