ޝަހީދު ޢަބްދުއްރަޙްމާން އާދަމް
މ. ޑްރީމީލައިޓް

 

 

 

 

 

ޝަހީދު ޢަބްދުއްރަޙްމާން އާދަމް (ޢާންމު ނަމުންނަމަ ދިރިމާ ޢަބްދުއްރަޙްމާން) އަކީ، 1988 ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމަނުން، ސިފައިންގެ މައިމަރުކަޒަށް ޙަމަލަދޭން ފެށިއިރު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައި ފަތިސްނަމާދަށް ވަޑައިގެން ހުންނެވި އެ މިސްކިތުގެ އިމާމެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމަނުން ހަރަކާތްތެރިވަމުން ގެންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ފައިބައިވަޑައިނުގެންނެވި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު، އެ ދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމަނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމަނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ކަނޑުފޭރުނު އެމް.ވީ. ޕްރޮގްރެސް ލައިޓްގައި ޢަބްދުއްރަޙްމާން އާދަމް  ގެންދިޔައެވެ. 

ޢަބްދުއްރަޙްމާން އާދަމް ޝަހީދުވީ، ޕްރޮގްރެސް ލައިޓްގައި ދުޝްމަނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކުގައި، ދުޝްމަނުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކުގައި ފިލަން ދުއްވާތީ، އެ ބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައި.އެން.އެސް. ގޯދާވަރީން ޕްރޮގްރެސް ލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ.

 ޢަބްދުއްރަޙްމާން އާދަމް ޝަހީދުވީ، ނޮވެންބަރު 6 ވަނަ  ދުވަހުއެވެ. ޢަބްދުއްރަޙްމާން އާދަމް ޝަހީދުވިއިރު އުމުރުފުޅަކީ، 53 އަހަރެވެ.