ޝަހީދު ޢަބްދުއްސައްތާރު އާދަމް
ހ. މެރިހާނާ

 

 

 

 

ޝަހީދު ޢަބްދުއްސައްތާރު އާދަމަކީ، 1988 ނޮވެންބަރު 3 ވަނަ ދުވަހު، ދުޝްމަނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލަދޭން ފެށިއިރު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު)ގައި، ޑިއުޓީގައި ހުންނެވި ވޮޗަރެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމަނުން ހަރަކާތްތެރިވަމުން ގެންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ފައިބައިވަޑައިނުގެންނެވި، އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު، އެ ދުވަހުގެ ހަވީރު އިސްލާމީ މަރްކަޒުން ނުކުންނެވި ވަގުތު ދުޝްމަނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމަނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު، ކަނޑުފޭރުނު އެމް.ވީ. ޕްރޮގްރެސް ލައިޓްގައި ޢަބްދުއްސައްތާރު އާދަމް ގެންދިޔައެވެ. 

ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލީ، ޕްރޮގްރެސް ލައިޓާ، އިންޑިއާގެ މަނަވަރު އައި.އެން.އެސް. ގޯދާވަރީ ކައިރިކުރުން ހުއްޓުވުމަށްޓަކައި އިންޒާރު ދިނުމުގެ ގޮތުންނެވެ. ލައިފްޖެކެޓް އަޅުވައި، ކަނުބަނދެ، ބޮލަށް ބަޑިޖަހައި، އެއްވެސް ރަޙުމެއްނެތި ޝަހީދުކޮށްލުމަށްފަހު، ކަނޑަށް އެއްލައިލިއެވެ. 

ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލީ، ނޮވެންބަރު 5 ވަނަ  ދުވަހުއެވެ. ޢަބްދުއްސައްތާރު އާދަމް ޝަހީދުވިއިރު އުމުރުފުޅަކީ، 49 އަހަރެވެ.