ޝަހީދު އިބްރާހީމް ޙުސައިން
ޝަހީދު އިބްރާހީމް ޙުސައިނަކީ، 1988 ނޮވެންބަރު 3 ވަނަ ދުވަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) އަށް، ފަތިސްނަމާދަށް ވަޑައިގެންނެވި ބޭފުޅެކެވެ. ދުޝްމަނުން، ސިފައިންގެ މައިމަރުކަޒަށް ޙަމަލާ ދެމުން ގެންދިޔަ ވަގުތު އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމަނުން ހަރަކާތްތެރިވަމުންދާތީ، މިސްކިތުން ފައިބައިވަޑައިނުގެންނެވި، އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު، އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމަނުން ބަޑިން ބިރުދައްކައި ރަހީނުކޮށްގެން، ދުޝްމަނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ކަނޑުފޭރުނު އެމް.ވީ. ޕްރޮގްރެސް ލައިޓްގައި އިބްރާހީމް ޙުސައިން ގެންދިޔައެވެ.
އިބްރާހީމް ޙުސައިން ޝަހީދުވީ، ޕްރޮގްރެސް ލައިޓްގައި ދުޝްމަނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކުގައި ކުލީސިފައިން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކުގައި ފިލަން ދުއްވާތީ، އެ ބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާގެ މަނަވަރު، އައި.އެން.އެސް. ގޯދާވަރީން ޕްރޮގްރެސް ލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ.
އިބްރާހީމް ޙުސައިން ޝަހީދުވީ، 1988 ނޮވެންބަރު 6 ވަނަ ދުވަހުއެވެ. އިބްރާހީމް ޙުސައިން ޝަހީދުވިއިރު އުމުރުފުޅަކީ، 52 އަހަރެވެ. ޝަހީދުވީއިރު ހުންނެވީ، އެން.އެސް.އެސް. ހެޑްކްއަރޓަރޒްގެ 1 ނަންބަރު ކައްކާގެ މަގާމުގައެވެ.