ޝަހީދު އަޙްމަދު ލަބީބު
އޯކިޑްމާގެ ސ. ހިތަދޫ

 

 

 

 

ޝަހީދު އަޙްމަދު ލަބީބަކީ، ޗާނދަނީ މަގު 18 ނަންބަރު ފިހާރައިގެ މެނޭޖަރެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމަނުން މާލެއަށް އަރައި، ޙަމަލަދެމުން ގެންދިޔައިރު، އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ޗާނދަނީމަގު 18 ނަންބަރު ފިހާރައަށް ދުޝްމަނުންގެ ބަޔަކު ވަދެ، އެ ފިހާރައިގައި ހުރި ކޮމިއުނިކޭޝަން ސެޓެއް ދިނުމަށް އެދުމުން، އެ ސެޓު ދެއްވުމަށް އިންކާރު ކުރެއްވުމުން، ދުޝްމަނުން، އަޙްމަދު ލަބީބު ފިހާރައިން ނެރެގެން ރަހީނުކުރިއެވެ. ދުޝްމަނުން މާލެދޫކޮށް ފިލަން ދިޔުމަށް މަސައްކަތްކުރިއިރު ކަނޑުފޭރުނު އެމް.ވީ. ޕްރޮގްރެސް ލައިޓްގައި ޝަހީދު އަޙްމަދު ލަބީބު ގެންދިޔައެވެ. 

އަޙްމަދު ލަބީބު ޝަހީދުވީ، ޕްރޮގްރެސް ލައިޓްގައި ދުޝްމަނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކުގައި ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކުގައި ދުއްވަމުން ގެންދިޔައިރު، ދުޝްމަނުން އެ ބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު، އައި.އެން.އެސް. ގޯދާވަރީން ޕްރޮގްރެސް ލައިޓަށް ދިން ޙަމަލާއާ އެކުގައި ޕްރޮގްރެސް ލައިޓްގައެވެ.  

އަޙްމަދު ލަބީބު ޝަހީދުވީ، 1988 ނޮވެންބަރު 6 ވަނަ ދުވަހުއެވެ. އަޙްމަދު ލަބީބު ޝަހީދުވިއިރު އުމުރުފުޅަކީ، 52 އަހަރެވެ.