ޝަހީދު ޢުމަރު އަޙްމަދު
ޗާނދަނީގެއާގެ ހއ. ދިއްދޫ

 

 

 

 

 

ޝަހީދު ޢުމަރު އަޙްމަދަކީ، ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމަނުން، ސިފައިންގެ މައިމަރުކަޒަށް ޙަމަލަދޭން ފެށިއިރު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)ގައި ޑިއުޓީގައި ހުންނެވި ގާޑެކެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމަނުން ހަރަކާތްތެރިވަމުންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ފައިބާވަޑައިނުގެންނެވި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު، އެ ދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމަނުން ބަޑިން ބިރު ދައްކައި ރަހީނުކޮށްގެން، ދުޝްމަނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ކަނޑުފޭރުނު އެމް.ވީ. ޕްރޮގްރެސް ލައިޓްގައި ގެންދިޔައެވެ. 

ޢުމަރު އަޙްމަދު ޝަހީދުވީ، ޕްރޮގްރެސް ލައިޓްގައި ދުޝްމަނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކުގައި ކުލީސިފައިން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކުގައި ފިލަން ދުއްވާތީ، އެ ބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު، އައި.އެން.އެސް. ގޯދާވަރީން ޕްރޮގްރެސް ލައިޓަށް ދިން ޙަމަލާގެ ތެރޭގައި، ޕްރޮގްރެސް ލައިޓްގައެވެ. 

ޢުމަރު އަޙްމަދު ޝަހީދުވީ 1988 ނޮވެންބަރު 6 ވަނަ ދުވަހުއެވެ. ޢުމަރު އަޙްމަދު ޝަހީދުވިއިރު އުމުރުފުޅަކީ، 45 އަހަރެވެ.