ޝަހީދު އިބްރާހީމް ހަމީޒު
މ. ބީޗްސައިޑް

 

 

 

 

ޝަހީދު އިބްރާހީމް ހަމީޒަކީ، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ޓްރޭނީ ގްރޭޑް 2ގެ މަގާމުގައި ހުންނެވި ބޭކަލެކެވެ. ކުޅިވަރުގެ ދަނޑުގައި ނަންމަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔަންގ ސްޓާރ ކްލަބަށް ކުޅުއްވަމުން ގެންދެވި ހުނަރުވެރި ގޯލްކީޕަރެކެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ދަނޑަށް ޕްރެކްޓިހަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގެން، ގެއިން ނިކުމެވަޑައިގެން، ސައިކަލުގައި ފަރީދީމަގުން ހުޅަނގުން އިރަށް ވަޑައިގެން، މާފަންނު ބަގީޗާގޭ އިރުއުތުރު ކަންމައްޗާ ހަމައަށް ވަޑައިގެންނެވުނު ތަނާ އިސްލާމީ މަރުކަޒުގެ ކައިރީގައި ހަރަކާތްތެރިވި ދުޝްމަނުން، އިބްރާހީމް ހަމީޒަށް ބަޑިން ޙަމަލާ ދިނެވެ. އެވަގުތު އޭނާގެ ގަޔަށް ވަޒަންއަރައި ސައިކަލާއެކުގައި ބަގީޗާގޭ އިރުއުތުރު ކަންމައްޗަށް، ޗާނދަނީ މަގަށް ވެއްޓިވަޑައިގަތެވެ. އެވަގުތު އެ ސަރަޙައްދަށް އަންނަން މަސައްކަތްކުރި އާންމު ރައްޔިތުންނަށް އެ ސަރަޙައްދަށް ނައުމަށް، އޭނާ އަތުން އިޝާރާތް ކުރައްވަމުން ގެންދެވިއެވެ. 

އިބްރާހީމް ހަމީޒު ޝަހީދުވެފައި އޮންނެވީ، ބަގީޗާގޭ އިރުއުތުރު ކަންމަތީގައި ޗާނދަނީ މަގުގައެވެ. އަލްމަރްޙޫމް އިބްރާހީމް ހަމީޒު ޝަހީދުވީއިރު އުމުރުފުޅަކީ، 22 އަހަރެވެ.