ޝަހީދު އިސްމާޢީލް ޙަލީމް
މ. ރޯޒްބުޝް

 

 

 

 

ޝަހީދު އިސްމާޢީލް ޙަލީމަކީ، ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ސިފައިންގެ މައިމަރުކަޒަށް ޙަމަލާ ދެމުން ގެންދަނިކޮށް، "ދިވެހިރާއްޖޭގެ އަޑު" ހުޅުވުމަށް އެ އޮފީހުގެ ތަޅުދަނޑި ނެންގެވުމަށްޓަކައި ބަނޑޭރިގެޔަށް ވަޑައިގަންނަވަނިކޮށް، ދުޝްމަނުން ދިން ބަޑީގެ ޙަމަލައެއްގައި އިސްމާޢީލް ޙަލީމްގެ ގައިކޮޅަށް ވަޒަން އެރިއެވެ. އަމީރު އަޙްމަދު މަގުން ހުޅަނގުން އިރަށް ވަޑައިގަންނަވަމުން، ސިފައިންގެ މައިގޭޓުގެ ހުޅަނގުން ގާތްގަނޑަކަށް ފަންސާހަކަށް ފޫޓު ދުރުން އިސްމާޢީލް ޙަލީމްގެ ހަށިކޮޅަށް ވަޒަންއަރައި، ބައިސްކަލާއެކުގައި ސިފައިންގެ ކުރިމައްޗަށް އަމީރު އަޙްމަދު މަގަށް ވެއްޓިވަޑައިގަތެވެ. އިސްމާޢީލް ޙަލީމަށް ޙަމަލާދިނީ ރައީސް އޮފީހާއި، ޣާޒީ ބިލްޑިންގއާ ދޭތެރެއިން އައިސް، ސިފައިންގެއަށް ޙަމަލާދިން ވަސަންތީ ގުރޫޕުގެ ނިރުބަވެރިންނެވެ. 

ވަޒަން އަރައިގެން ވެއްޓިވަޑައިގަތުމުން، ބައިސްކަލް ދޫކޮށްލައްވައިފައި ތެދުވެވަޑައިގެން، އަމީރު އަޙްމަދު މަގުން އިރަށް ހިންގަވާފައި ވަޑައިގެން، ޑިފެންސް މިނިސްޓްރީގެ ގޭޓުތެރެއަށް ވެދެވަޑައިގެން، ފުލުސްއޮފީހުގެ ގޭޓުގެ ކުރިމަތީގައި ހުންނަވާފައި ފެންފޮދެއް ދެއްވުމަށް އެދިވަޑައިގަތުމަށްފަހު، މަޑުނުކުރައްވައި ނުކުމެވަޑައިގަތެވެ. އެއަށްފަހު، ބަނޑޭރިގޭ ހިނގުމުން ދެކުނަށް ހިންގަވާފައި ވަޑައިގެން، މެދުޒިޔާރަތްމަގު ހުރަސްކޮށް، މުލީއާގޭ ހުޅަނގުން އޮތް އަލިމަސް ގޯޅިއަށް ވެންނެވިއެވެ. އަލިމަސް ގޯޅިން ދެކުނަށް ވަޑައިގެން، ގަލޮޅު މަލިންގޭ ކަންމައްޗަށް ވެއްޓިވަޑައިގަތެވެ. އެވަގުތު މަލިންގޭ ބޭފުޅުންގެ އަރިހުގައި ފެންފޮދެއް ދެއްވައި، އެގެޔަށް ވައްދައިދެއްވުމަށް އެދިވަޑައިގަތުމުން، މަލިންގޭ އާދަމް ޝަރީފާއި، ޕްރައިވެޓް މުޚްތާރު މޫސާއާ ދެބޭފުޅުން ވެގެން އިސްމާޢީލް ޙަލީމަށް ފެންފޮދެއް ދެއްވިއެވެ. ފެންފޮދެއް ދެއްވިތަނާ ޕޯސްޓަލް ބިލްޑިންގ ކައިރިން، ދުޝްމަނުން ބަޑިތަޅައިގަތް އަޑަށް، ޕްރައިވެޓް މުޚްތާރު މޫސާ ދުވެވަޑައިގެން ވަޑައިގެން އެރުއްވީ، ކަޅުވަކަރު މިސްކިތަށެވެ. ޕްރައިވެޓް މުޚްތާރު މޫސާއަކީ، އެރޭ ފަތިހު ދުޝްމަނުން ޙަމަލާދޭ އަޑު އިވިވަޑައިގެން ސިފައިންގެޔަށް ވަޑައިގަތުމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

އިސްމާޢީލް ޙަލީމް ޝަހީދުވެފައި އޮންނެވީ، މަލިންގޭ ކަންމަތީގައެވެ. ޝަހީދު އިސްމާޢީލް ޙަލީމް ޝަހީދުވިއިރު އުމުރުފުޅަކީ 35 އަހަރެވެ.