ޝަހީދު ކޯޕްރަލް ޙުސައިން އާދަމް
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، އުމުރުން އެންމެ 16 އަހަރުގައި 9 މޭ 1984 ގައެވެ. ހދ. ކުޅުދުއްފުށީގައި ހުންނަ އަމީރު އަމީން ސްކޫލްގެ ކެޑޭޓުންގެ ތެރެއިން ސިފައިންގެއަށް ވަނުމަށް ފުރުޞަތު ދެއްވި ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ވަރަށް ހިތްވަރުގަދަ ނަމޫނާ ބޭފުޅެކެވެ.
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، ޝަހީދުވުމާ ހަމަޔަށް މަސައްކަތް ކުރެއްވީ، ޓާސްކްފޯސްގައެވެ. މުގުރުފޯރިއާއި ބަޑިފޯރި މެރުމުގެ ބުރަ ޑިއުޓީގެ އިތުރުން، އެ ވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް، އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވި ސިފަވަންތަ ބޭފުޅެއްގެ ގޮތުގައެވެ. ސިފައިންގެ ރަސްމީ ޑިއުޓީގެ އިތުރުން، ހެވިކަމާއި، ހަށިހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ހަރުދަނާ، ޒުވާން ޢަސްކަރީ ނަމޫނާ ފަހުލަވާނެއްގެ ގޮތުގައެވެ.
ސިފައިންގެ ޚިދުމަތުގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހާސިލުކުރައްވައިފައިވާ ޢަސްކަރީ ތަމްރީނުތަކުގެ ތެރޭގައި، ގިރިފުށީ ޓްރޭނިންގ ކޭމްޕްގައި ފުރިހަމަކުރެއްވި ޓާސްކްފޯސް ޓްރޭނިންގ ކޯސް ހިމެނެއެވެ. ސިފައިންގެ ޚިދުމަތުގައި ހާސިލުކުރެއްވި ޝަރަފުވެރި އިނާމުތަކުގެ ތެރޭގައި، 13 މާރިޗު 1986ން 13 މާރިޗު 1987 އަށް ގަޑިނުޖެހި، ސަލާން ބުނުމެއްނެތި އަދި އެއްވެސް މައްސަލައެއް ދިމާނުވެ ޑިއުޓީ އަދާކޮށްފައިވާ ސިފައިންނަށް ދެއްވި އިނާމާއި، 13 މާރިޗު 1986ން 13 މާރިޗު 1987 އަށް، ޕެރޭޑް ހާޒިރީން އެންމެ ރަނގަޅު ސިފައިންނަށް ދެއްވި އިނާމު ހާސިލުކުރެއްވުން ފާހަގަކުރެވެއެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލާ ދިން ވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހުންނެވީ، ސިފައިންގެ މައިމަރުކަޒުގެ އުތުރުފަރާތުގައި އަމީރު އަޙްމަދު މަގަށް ހުންނަ މައިގޭޓުގެ ޑިއުޓީގައެވެ. އޭރު އެއީ ސިފައިންގޭގައި ޢަސްކަރީގޮތުން އެންމެ ރަނގަޅަށް ތަމްރީނު ދެވިފައިވާ ޔުނިޓް ކަމުގައިވާ ޓާސްކްފޯސްގެ ބޭފުޅެކެވެ. ދުޝްމަނުން ސިފައިންގެއަށް ޙަމަލާދޭން ފެށުމާއެކު، ދުޝްމަނުންނާ ދެކޮޅަށް އެންމެ ފުރަތަމަ ރައްދުގައި ޙަމަލާ ދެއްވައި، ސިފައިންގެ މައިމަރުކަޒު ދިފާޢުކުރައްވަން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. ދުޝްމަނުން، ސިފައިންގެ މައިގޭޓުން ވަދެގަތުމަށް ކުރި މަސައްކަތް ހުއްޓުވައި، ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަމުން ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ވެދެވަޑައިގެންނެވީ، ސިފައިންގެ މައިގޭޓުގެ ހުޅަނގު ފަރާތުގައި ހުރި ސެގަރުގެ ތެރެއަށެވެ. އެ ތަނަކީ ޑިއުޓީގައި ތިއްބަވާ ސިފައިން ވާރެއާއި އަވީން ހިޔާވުމަށް ހަދާފައި ހުރި ތަނަކަށްވާތީ، އެއީ މާބޮޑު ރައްކާތެރިކަމެއް ލިބޭގޮތަށް ހުރި ތަނެއް ނޫނެވެ. އަދި އޭރު އެތަނަކީ، ބޭރުންނޫނީ ވަދެނުކުމެވޭގޮތަށް ހުރި ތަނެއްވެސް ނޫނެވެ.
ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވީ، ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރެއްވުމަށް ޖިހާދު ކުރައްވަމުން ގެންދަވަނިކޮށް، ދުޝްމަނުން، ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް އަމާޒުކޮށް ދިން ވަރުގަދަ ޙަމަލާތަކުގައި ހަށިކޮޅަށް ވަޒަން އަރައިގެން، ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4:40 ހާއިރުއެވެ. އޭރު ހުންނެވީ، ޕްރައިވެޓުގެ ރޭންކުގައެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވެގެން ވެއްޓިވަޑައިގެންފައި އޮންނެވީ، ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަމުން ގެންދެވި ސިފައިންގެ މައިގޭޓުގެ ހުޅަނގު ފަރާތުގެ ސެގަރުގެ ތެރޭގައެވެ. ޝަހީދުވިއިރު ކޯޕްރަލް ޙުސައިން އާދަމްގެ އުމުރުފުޅަކީ، 20 އަހަރެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ބަޠަލެއްގެ ގޮތުގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފާހަގަކުރެވެނީ، ދުޝްމަނުން ޙަމަލާދިން ވަގުތު ފުރާނަ ސަލާމަތްވެވޭނެ ގޮތްތަކާއި، އެ ފުރުޞަތު ލިބިވަޑައިގެންނެވި ނަމަވެސް، ދީނާއި ޤައުމުގެ ދިފާޢުގައި ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރެއްވުމަށް ނިންމަވައި، ހިތްވަރާއި ޢަޒުމާއި ސާބިތުކަމާއެކުގައި، ދިވެހި ޢަސްކަރިއްޔާގެ މައިމަރުކަޒު ދިފާޢުކޮށްދެއްވައި، ލެޔާއި ފުރާނައިން ޤުރްބާންވެވަޑައިގެން، ދުޝްމަނުން ފަހަތަށް ޖައްސުވައި، ދިވެހި ސިފައިންނަށް ދިފާޢީ މަގާމުތަކަށް ނުކުންނަވައި، ދިވެހި ޢަސްކަރިއްޔާގެ މައިމަރުކަޒު ދިފާޢުކުރައްވާނެ ފުރުޞަތު ހޯއްދަވައި ދެއްވާފައިވާތީއެވެ. އަދި މި އާދަޔާ ޚިލާފު މަތިވެރި ޤުރްބާނީއާއި ފިދާވުމަކީ، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު، ދުޝްމަނުންގެ ބާރުގެދަށަށް ނުގޮސް ސަލާމަތްވުމަށް މެދުވެރިވި އެންމެ ހިތްވަރުގަދަ ޖިހާދު ކަމުގައިވާތީއެވެ.
ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވިއިރު ސިފައިންގެ ޚިދުމަތުގައިވީ 4 އަހަރާއި 5 މަހާއި 26 ދުވަހެވެ. ދިވެހި ދައުލަތުން ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގުވަޒަންކުރައްވައި، 1988 ނޮވެންބަރު 4 ވަނަ ދުވަހު ވަނީ ޕްރައިވެޓެއްގެ ރޭންކުން ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން، ހުރަވީ ރަން މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ.
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަސްދާނުލެވިފައިވަނީ ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.