ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން
ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 25 ޑިސެންބަރު 1983 ގައެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ސިފައިންގޭގައި މަޝްހޫރުވެފައިވަނީ، އުފަން ރަށް ކަމުގައިވާ "ދިޔަމިގިލި"ގެ ނަމުންނެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަނަކީ، އުޅުމާއި އަޚްލާޤާއި ސުލޫކު ވަރަށް ރަނގަޅު، ޖެހިލުންކުޑަ އަދި ވަރަށް ހިތްވަރުގަދަ ބޭފުޅެކެވެ.
ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން، ސިފައިންގޭގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ޑިއުޓީ ސެކްޝަންގައެވެ. އެއަށްފަހު، ޝަހީދުވުމާ ހަމަޔަށް މަސައްކަތް ކުރެއްވީ، ޓާސްކްފޯސް ޑިއުޓީގައެވެ. މުގުރުފޯރިއާއި ބަޑިފޯރި މެރުމުގެ ބުރަ ޑިއުޓީގެ އިތުރުން، އެވަގުތަކު ސިފައިންގެ ވެރިން އެންގެވި ކޮންމެ މަސައްކަތެއް، އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރެއްވި ބޭފުޅެކެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތަށް ވަރަށް ބޮޑަށް އިސްކަންދެއްވި ސިފަވަންތަ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.
ސިފައިންގެ ޚިދުމަތުގައި ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ފުރިހަމަކުރައްވައިފައިވާ ޢަސްކަރީ ތަމްރީނުތަކުގެ ތެރޭގައި، ގިރިފުށީ ޓްރޭނިންގ ކޭމްޕްގައި ފުރިހަމަކުރެއްވި ޓާސްކްފޯސް ޓްރޭނިންގ ކޯސް ހިމެނެއެވެ. ސިފައިންގެ ޚިދުމަތުގައި ހާސިލުކުރެއްވި ޝަރަފުވެރި އިނާމުތަކުގެ ތެރޭގައި، 6 ޖޫން 1985 ގައި ސިފައިންގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި 3200 މީޓަރު ދުވުމުން 2 ވަނަ ހާސިލުކުރައްވައިގެން، އެކަމުގެ އިނާމާއި ސެޓްފިކެޓް ލިބިވަޑައިގެންފައިވުމާއި، އަދި 1987 ވަނަ އަހަރު ޕީ.ޓީ. ޕެރޭޑް ހާޒިރީއަށް ރަނގަޅު މީހުންގެ ތެރޭގައި ހިމެނި އަދި ގަޑިނުޖެހި، ސަލާން ބުނުމެއްނެތި އަދި އެއްވެސް މައްސަލައެއް ދިމާނުވެ ޑިއުޓީ އަދާކޮށްފައިވާ ސިފައިންނަށް ދެއްވި އިނާމު ހާސިލުކުރެއްވުން ފާހަގަކުރެވެއެވެ.
1988 ނޮވެންބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލައި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ނަގައިލުމަށް ދިން ނުރައްކާތެރި ނިރުބަވެރި ޢުދުވާނީ ޙަމަލާ ދިން ވަގުތު ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ހުންނެވީ، ސިފައިންގެ މައިމަރުކަޒުގެ އެތެރޭގައެވެ. ދުޝްމަނުން ސިފައިންގެއަށް ޙަމަލާދޭން ފެށުމާއެކު، ރައްދުގައި ޙަމަލާ ދިނުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ސިފައިންގެ ތެރޭގައި، ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ހިމެނިވަޑައިގެންނެވިއެވެ.
ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވީ، ސިފައިންގެއިން ރެކީ ޕެޓްރޯލަށް ބޭރަށް ނުކުމެވަޑައިގެންނެވި ޓީމުގައި ފުލުސްއޮފީހުގެ ގޭޓުން ބޭރަށް ނުކުމެވަޑައިގެންނެވިވަގުތު ދުޝްމަނުން ދިން ބަޑީގެ ޙަމަލައިގައި ވަޒަން އަރައިގެން، އެ ދުވަހު ގާތްގަނޑަކަށް 11:30 ހާއިރުއެވެ. އޭރު ހުންނެވީ، ޕްރައިވެޓުގެ ރޭންކުގައެވެ. ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިވަޑައިގެންފައި އޮންނެވީ، ހުރަވީ ބިލްޑިންގގެ ހުޅަނގު އުތުރު ކަންމަތީގައި، އަމީރު އަޙްމަދު މަގަށް އިސްތަށިފުޅުވާގޮތަށް، ބަނޑޭރިގޭ ހިނގުމުގައެވެ. ޝަހީދުވިއިރު އުމުރުފުޅުން 28 އަހަރެވެ.
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލައިގައި ޝަހީދުވި ސިފައިންގެ ތެރެއިން ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަނަކީ، އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރައްވައި، އަމިއްލަ ފުރާނައަށް ބެއްލެވުމެއްނެތި، ދީނާއި ޤައުމުގެ ދިފާޢުގައި ދުޝްމަނުންނާ ކުރިމަތިލެއްވުމުގެ ހިތްވަރާއި ވަރުގަދަ ޢަޒުމުގައި އިސްނަންގަވައި، ޝަހީދުވި ހިތްވަރުގަދަ ފަހުލަވާނެކެވެ. ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވިއިރު ސިފައިންގެ ޚިދުމަތުގައިވީ، 4 އަހަރާއި 10 މަހާއި 10 ދުވަހެވެ.
ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަންގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގުވަޒަންކުރައްވައި، ދިވެހި ދައުލަތުން، 1988 ނޮވެންބަރު 4 ވަނަ ދުވަހު ވަނީ، ޕްރައިވެޓް ރޭންކުން ކޯޕްރަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ދެއްވައިފައެވެ. އަދި ޢަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރިހި މެޑެއްޔާއި، ޖިހާދުގެ ރަތް މެޑެއްޔާއި އަދި 3 ނޮވެންބަރުގެ މެޑެލް ވަނީ ދެއްވައިފައެވެ.
ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ފަސްދާނުލެވިފައިވަނީ، ހެންވޭރު ސަހަރާގައި ހުންނަ ނޮވެންބަރު 3ގެ ޝަހީދުންގެ ދަނާވަތީގައެވެ.